އެމްޑީޕީ

ރާއްޖެއާ ގުޅޭ ގޮތުން އިންޑިއާ ހިމޭނުން އޮންނާތީ އެމްޑީޕީ ކަންބޮޑުވެއްޖެ

ރާއްޖޭގެ ހާލަތާ މެދު އިންޑިއާއިން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮންނާތީ އިދިކޮޅު އެމްޑީޕީއިން ކަންބޮޑުވެއްޖެ އެވެ. ރާއްޖޭގައި ޑިމޮކްރަސީ ނެތިގެންދާ ކަމަށް ބުނެ ވެސް އެމްޑީޕީއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދަ ހިންދޫއަށް އެމްޑީޕީގެ ތަރުޖަމާނު ހާމިދު އަބްދުލް ގަފޫރު ވިދާޅުވެފައިވަނީ، ރާއްޖޭގައި އަލުން ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް އިންޑިއާގެ އެހީއާއި އެއްބާރުލުން ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އިންޑިއާ މިކަމުގައި އެއްވެސް އެއްޗެއް ނުބުނާތީ ކަންބޮޑުވާ ކަމަށެވެ.

މީގެ ކުރިން އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންޑިއާއަށް ބޮޑު ރޯލެއް އަދާކުރެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރާއްޖޭގެ އެތެރޭގެ މައްސަލަތަކުގައި އިންޑިއާއިން އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެންމެފަހުން ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެ އެވެ.

އިންޑިއާއިން ރާއްޖޭގެ ދާހިލީ މައްސަލަތަކާ ގުޅޭ ގޮތުން އެއްޗެއް ބުނެފައިނުވާއިރު އިއްޔެ ސްރީލަންކާގެ ސަރުކާރުން ވަނީ ނަޝީދު އެ ގައުމު ކުރައްވާ އެއްވެސް މަސައްކަތްޕުޅަކާ މެދު ކަންބޮޑުނުވާ ކަމަށް ބުނެފަ އެވެ. އަދި އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަރުކާރު ބަދަލު ކުރުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ލަންކާއިން ވަނީ ބުނެފަ އެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ ރާއްޖޭގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްފުޅު ކުރެއްވުމަށް ޓަކައި ބޭރުގެ އެކި ފަރާތްތަކާ އެކު ބައްދަލުވުންތަކެއް ބޭއްވުމަށެވެ. އިނގިރޭސި ވިލާތުން ހިމާޔަތް ދީފައިވާ ނަޝީދާއެކު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހުންނެވީ ލަންކާގަ އެވެ.

ރައީސް ނަޝީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދިވެހި ފުލުހުންގެ މައްޗަށް އަމުރެއް ވެސް ނެރެފަ އެވެ. ކްރިމިނަލް ކޯޓުން ނަޝީދު ހައްޔަރު ކުރުމަށް އަމުރު ނެރުނީ، އޮޑިޓް ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކަކާ ގުޅުން ހުރި ތަހުގީގަކަށް ބޭނުންވާތީ އާއި، ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ. އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެހެން ނަމަވެސް އޮޕަރޭޝަނެއް ކުރައްވާފައެއް ނުވެއެވެ.

ހާމިދު ވަނީ އިނގިރޭސިވިލާތުގެ ހިޔާމަތުގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކުރެވޭނެ ގޮތަކާމެދު ވެސް ސުވާލު އުފައްދަވާފަ އެވެ.

ނަޝީދު ލަންކާގައި ހުންނެވި އިރު ބަޣާވާތެއް ރޭވުމުގެ ތުހުމަތުގައި އެ ކަމުގެ ހެކި ހޯދުމަށް ރޭ ފުލުހުން ވަނީ އެ މަނިކުފާނުގެ އާއިލީގެ ގ. ކެނެރީގެ ބަލައި ފާސްކޮށްފަ އެވެ.