އިންޑަސްޓްރިއަލް ވިލެޖް

"ސިނާއީ އަވަށުގެ ބޭރު ތޮށި މާ ވަރުގަދަވާނެ"

  • ނެރު ފަރުމާ ކުރީ ޖަޕާނުން
  • ބޭރު ތޮށި ފުޅާވެފައި ދެ ފޫޓު އުސްވާނެ
  • ނެރުގައި ޖަހަނީ ބޮޑު ހިލަ
  • މަސައްކަތުގެ 45 ޕަސެންޓް ނިމިފައި

ސަރުކާރުން މާލޭގައި، ފައްކާ ކުރަމުން ގެންދާ ސިނާއީ އަވަށުގެ ބޭރު ތޮށި، ކުރީގެ ތޮށިގަނޑަކަށް ވުރެ ވަރުގަދަވާނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ރައްކާތެރި ކުރުމަށް ޖަޕާނު ސަރުކާރުގެ އެހީގައި ހަދާފައިވާ ބޭރު ތޮށިގަނޑަށް ބަދަލު ގެނައުމާ ގުޅިގެން ހައުސިން މިނިސްޓަރީ އަށް އަމާޒުކުރި ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސިނާއީ އަވަށުގެ ބޭރު ތޮށިގަނޑު ކުރީގެ ތޮއްޓަށްވުރެ އުސްވާނެ ކަމަށެވެ.

"ކުރީގެ ތޮއްޓަށް ވުރެ އުސްކޮށް ފުޅާކޮށް މިތަން [ސިނާއީ އަވަށުގެ ތޮށިގަނޑު] ހެދިގެން ދަނީ. ކުރިއަށް ވުރެ ދެ ފޫޓު އުސްވާނެ. ވަރަށް ރައްކާތެރިކޮށް ހުންނާނީ. އަދި ސްޓޯމް ވޯޓާ އާއި ޓައިޑަލް ވޯޓާ މެނޭޖް ކުރެވޭ ގޮތަށް ހެދިގެން ދަނީ. މި މަސައްކަތުގެ 45 ޕަސެންޓް ނިމިފައިވަނީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިނާއީ އަވަށުގެ މަސައްކަތް ލަސްވަނީ ހިލަ ގެނައުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެ އަވަހަށް ނިންމަން ބޭނުންވަނީ ޗެނަލް ]ނެރު] ނަމަވެސް ކޮންޓްރެކްޓާ [އެމްޓީސީސީ] އިން ވިދާޅުވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށް. އެ ބޭފުޅުންނަށް ބޮޑު ހިލަ ގެނައުމުގައި ހުރި ލޮޖިސްޓިކް ދަތިތަކާ ހެދި. މި ޕްރޮޖެކްޓަށް ގެންނަނީ އެންމެ ޕްރޮޖެކްޓަކަށް ވިޔަވައި ގެންނަ އެންމެ ބޮޑެތި ހިލަ. މިތަނަށް ހަތް ޓަނުގެ ހިލަ ގެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ނެރު ފަރުމާކުރީ ޖަޕާނު ސަރުކާރުން"

މިނިސްޓަރު މުއިއްޒު ވިދާޅުވީ ސިނާއީ އަވަށުގެ ނެރު ފަރުމާކުރީ ޖަޕާނު ސަރުކާރު މާހިރެއް ކަމަށެވެ.

"މިތަން ހެދިގެން މިދަނީ ޖަޕާނުގެ މާހިރެއްގެ ލަފާގެ މަތިން. ވައިކަށި އަދި ނެރު ކަނޑާފައި ވަނީ ކޮންސަޕްޓެންޓް ގެ ޑިޒައިނާ އެއްގޮތަށް. އެއާ އެއްގޮތަށް އެކަން ކުރުމަށް ޑިސެމްބަރާ ހަމައަށް މަސައްކަތް ދާނެ ކަމަށް ބެލެވެނީ. އެހެންވެ ކޮންސްޓްރަކްޝަން މަސައްކަތް ދާއިރު ޒަރޫރީ ބޭނުމެއްގައި ނޫނީ މިތަން ]ނެރު] ބޭނުން ނުކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެ ނެރު ބޭނުން ކުރުމުގެ ތެރޭގައި މިހާތަނަށް ވަނީ ބައެއް ހާދިސާތައް ހިނގާފަ އެވެ. އަދި އެ ނެރާ ގުޅިގެން ބައެއް ސުވާލުތަކާއި ފާޑުކިޔުންތައް ވަނީ އަމާޒު ވެފަ އެވެ.