އިމިގްރޭޝަން

ގަވައިދާހިލާފުވި މުވައްޒަފުންނަށް ދިނީ ވަޒީފާ ބަދަލު ކުރުމުގެ ފުރުސަތެއް

Sep 1, 2016
4

ގަވައިދާހިލާފުވި މުވައްޒަފުންނަށް ދިނީ ވަޒީފާ ބަދަލު ކުރުމުގެ ފުރުސަތެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އި މިގްރޭޝަނުން މިހެން ބުނީ އެ އިދާރާގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން މިއަދު އާންމު ކުރި ބަޔާނެއް މެދުވެރިކޮށެވެ.

އިމިގްރޭޝަންގެ ބަޔާނުގައި ބުނަނީ އެ އިދާރޭގެ މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑައިލި ކަމަށް ދެކެވޭ ވާހަތަކަކީ ދޮގެއްކަމަށައި ނަމަވެސް ކޯޑް އޮފް ކޮންޑަކްޓްސް އާއި ޔުނިފޯމް ގަވައިދާ ހިލާފުވި މުވައްޒަފުންތަކަކަށް އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ދީފައިވާނެ ކަމަަށާއި ވަޒީފާ ބަދަލު ކުރުމުގައި އިމިގްރޭޝަނުން އެ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން ބޭނުންވާނަމަ ސިވިލްސާވިސްގެ ވަޒީފާއަކަށް ބަދަލުވުމުގައި ވެސް އެހީތެރިވެދޭނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށެވެ.

"... އިމިގްރޭޝަނަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއަކަށްވީ ހިނދު މި އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓްސް އާއި ޔުނިފޯމް މިންގަނޑަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބައެކެވެ. އެހެން ކަމުން މި އިދާރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް ކޯޑް އޮފް ކޮންޑަކްޓްސް އާއި ޔުނިފޯމް މިންގަނޑަށް އަދިވެސް މި މުއައްސަސާގައި ހެދިފައިވާ އެންމެހާ ގަވައިދުތަކަށް ބޯލަބަންޖެހޭނެ ބައެކެވެ،" އެ ބަޔާނުގައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިމިގްރޭޝަންގެ އޮފިސަރުންގެ ބޮލާއި ތުނބުޅި ރީތިކޮށް މިނގަނޑަށް ފައްތަން އަންގައި ސާކިއުލާއެއް ނެރެފަ އެވެ. އެއީ މިއަދުން ފެށިގެން އަމަލު ކުރާ ގޮތަށް ނެރުނު ސާކިއުލާއެކެވެ. އެ ސާކިއުލާއެއްގައި ބުނެފައިވަނީ އިމިގްރޭޝަނުގެ ޔުނީފޯމް މިންގަނޑާ ހިލާފަށް ބައެއް އޮފިސަރުން ޔުނީފޯމް އަޅާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ރަނގަޅު ކުރުމަށް ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބޮލުގެ އިސްތަށިގަނޑު، ތުނބުޅި އާއި މަތި މަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނީފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން ފާހަގަވެފައިވާތީ އެފަދަ މުވައްޒަފުން ޔުނީފޯމް މިންގަނޑާ އެއްގޮތަށް ޔުނީފޯމް އެޅުމަށް މުހުލަތެއް ދޭ ކަމަށާއި ދިން މުއްދަތުގައި ޔުނީފޯމް ރަނގަޅު ނުކުރާ މުވައްޒަފުންގެ ވަޒީފާއާމެދު ގޮތެއް ނިންމުމަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް އޭގައި ބުނެފައި ވެއެވެ.

އިމިގްރޭޝަނުގެ ޔުނީފޯމް މިންގަނޑުގައިވާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުކޮށެވެ.