އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން 10 ބުރީގެ އާ އިމާރާތެއް އަޅަނީ

އެމްޑަބްލިއުއެސްސީގެ އާ ކަސްޓަމާ ސާވިސް ސެންޓަރު އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި އިމާރާތަކީ 10 ބުރީގެ އިމާރާތެކެވެ.

ފުރަތަމަ ފިޔަވަހީގައި އިމާރާތުގެ ފުރަތަމަ ދެ ބުރީގެ މަސައްކަތް އަށް މަސް ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި އެވެ. އަދި، ބާކީ އަށް ބުރީގެ މަސައްކަތް އަންނަ އަހަރު ނިންމޭނެ ކަމަށެވެ.

އާ އިމާރާތުގައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ހުރިހާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނޭ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ. އެގޮތުން، ބިލް ޕޭމަންޓް އޮފީހަކާއި ސާވިސް އެޕްލިކޭޝަން ސެންޓަރަކާއި ކޯލް ސެންޓަރެއްގެ އިތުރުން އޯޑިޓޯރިއަމެއްވެސް މި އިމާރާތުގައި ގާއިމްކުރެވިގެންދާނެ އެވެ.

އެމްޑީ ފަޒުލް ވިދާޅުވީ މި މަސައްކަތަކީ ރައްޔިތުންނަަށް ފަހި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި، 2018 ގެ ކުރިން އެ ކުންފުންޏަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.