އާސަންދަ

އަންނަ މަހު ހުރިހާ ރަށަކަށް އާސަންދަ އީޕޯޓަލް ގުޅާލާނެ

  • އީ ބިލިންއާ އީ ޕްރިސްކްރިޕްޝަން
  • ހިދުމަތް އަވަސްވެ އިތުބާރު އުފެއްދޭނެ
  • އެތައް ހަރަދެއް ސަލާމާތް ކުރެވޭނެ

ރާއްޖޭގެ ހުރިހާ ރަށަކަށް އާސަންދައިގެ އީ-ޕޯޓަލްގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި ދޭން ނިންމައި ހިދުމަތް ފަށާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ. އާސަންދަގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އާމިނަތު ޒީނިޔާ ވިދާޅުވީ އާސަންދަ އީ-ޕޯޓަލް ތެރޭގައި އީ ބިލިންއާ އީ ޕްރިސްކްރިޕްޝަން ވެސް ތައާރަފުވެގެންދާނެ ކަމަށެވެ.

އަދި ވިދާޅުވީ އޭގެ ސަބަބުން ހުރިހާ ބިލްތަކުގެ ކަރުދާސް ކޮޕީތަކުގެ ބަދަލުގައި ސޮފްޓް ކޮޕީތައް ސިސްޓަމްތަކުގައި ނިޒާމްވެ ހަރަދު ކުޑަވުމުގެ އިތުރުން އަސަންދައިގެ ހިދުމަތާއި މަސައްކަތްތައް އަވަސް ވެގެން ދާނެ ކަމަށެވެ.

"މި ހިދުމަތުގެ ތެރެއިން އީ ޕްރިސްކްރިޕްޝަން ތައާރަފްވެގެން އައުމުން ބޭސް ސިޓީގެ މައްސަލަތައް ދިމާވުން ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެއީ ވަރަށް ބޮޑު އިތުބާރަކަށް ވެސް ވާނެ،" ޒީނިޔާ ވިދާޅުވި އެވެ.

އާސަންދަ އީ ޕޯޓަލް ފުރަތަމަ ފަށާފައި ވަނީ ފ. އަތޮޅުގަ އެވެ. ށ. އަތޮޅުގައި އެ ހިދުމަތް ފެށުމަށް އެ އަތޮޅުގައި ދަނީ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ. މީގެ އިތުރުން ހލްތު މިނިސްޓްރީއާ ގުޅިގެން އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އާސަންދަ ޕޯޓަލްގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.

"ސަރުކާރުގެ އެބަ އޮވޭ އެބޭފުޅުންގެ އަމިއްލަ ހެލްތު ޕާމިޝަން ސިސްޓަމް ކިޔާއެއްޗެއް. އޭގެ ތެރެއިން މިހާރު ހިދުމަތް ދެމުން އެ ގެންދަނީ. އަޅުގަނޑުމެން ބޭނުންވަނީ އީޕޯޓަލްއަށް އޭތި އިންޓާގްރޭޓް ކުރަން. އޭރުން އަޅުގަނޑުމެން ބޭނުންވާ މައުލޫމާތުތަކެއް އަޅުގަނޑުމެންގެ ޕޯޓަލްއަށް ދާނީ. މިހާރު ހެލްތު މިނިސްޓްރީއިން މަސައްކަތް ކުރޭ އެ މީހުންގެ ސިސްޓަމްއާ އަޅުގަނޑުމެންގެ ޕޯޓަލް އިންޓަގްރޭޓު ކުރަން. އެކަން ކުރީމަ އެއްފަހަރާ ހުރިހާ ރަށެއްގައި އެ ހިދުމަތް ދެވޭނެ،" ޒީނިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސަންދަ ކުންފުނިން ތައާރަފް ކުރަން މަސައްކަތް ކުރާ ހެލްތު ޕެކޭޖުތައް މި މަސް ތެރޭގައި ތައާރަފް ކުރާނެ ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ. އޭގެ ސަބަބުން އާސަންދަގެ ހަރަދުގައި މެޑިކަލް ޗެކަޕްތައް ހެއްދުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ އެވެ.