ދުނިޔެ

ސިންގަޕޫރަށްފަހު މެލޭޝިއާއިން ވެސް ޒިކާ ފެނިއްޖެ

Sep 1, 2016

މެލޭޝިއާއިން ޒިކާ ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ފެނިފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ. އެ ގައުމުން މިހެން ބުނިއިރު އަވަށްޓެރި ސިންގަޕޫރުން ޒިކާ ވައިރަހުގެ އަސަރުކޮށްފައިވާ 155 މީހަކު ވަނީ ފެނިފަ އެވެ.

މެލޭޝިއާއިން ޒިކާ ވައިރަހުގެ އަސަރުކޮށްފައިވަނީ 58 އަހަރުގެ އަންހެނަކަށެވެ. އެ އަންހެން މީހާއަކީ އެ ގައުމުގެ ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ސިންގަޕޫރްގައި ހުންނަ އޭނާގެ ދަރިފުޅު ކައިރިއަށް ވަރަށް ފަހުން އެ ގައުމަށް ގޮސް އައި އަންހެނެކެވެ. އޭނާ ބަލިވެގެން ހޮސްޕިޓަލަށް ދެއްކީ ސިންގަޕޫރަށް ގޮސް މެލޭޝިއާއަށް ދިޔަތާ މާގިނަ ދުވަހެއް ނުވަނީހެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީން ވަނީ ސިންގަޕޫރަށް އެތެރެވުމަށްފަހު އެ ގައުމަށް އަންނަ މީހުންގެ ހާއްސަ ހެލްތް ސްކްރީނެއް ހަދަން ފަށާފަ އެވެ. އަދި މަދިރި ނައްތާލުމުގެ މަސައްކަތްތަކެއް ވެސް ފަށާފަ އެވެ.

ސިންގަޕޫރުން ވެސް މަދިރި ނައްތާލުމުގެ މަސައްކަތްތައް ކުރަމުންދާއިރު އެ ގައުމުން ފެނުނު ޒިކާ ވައިރަސް ޖެހިފައިވާ މީހުންގެ ތެރޭގައި ފަސް މެލޭޝިއާގެ ރައްޔިތަކު ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސިންގަޕޫރުން ޒިކާ ވައިރަސް ފެނުނު މީހުންގެ ތެރޭގައި 13 އިންޑިއާގެ ރައްޔިތުން ހިމެނޭ ކަމަށް އިންޑިއާ ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

ސިންގަޕޫރުން ޒިކާ ވައިރަސް ފެނުނު މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ވެސް ހިމެނެ އެވެ. އެ އަންހެން މީހާއަކީ މަދިރީގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ހިސާބެއްގައި ދިރިއުޅޭ މީހެއް ކަމަށްވެ އެވެ. މި ވައިރަހުގެ ނުރައްކާ އެންމެ ބޮޑީ އުފަންވާ ކުދިންނަށެވެ. އެގޮތުން ކުދިންގެ ސިކުނޑި އުފެދުމަށް މި ވައިރަހުގެ ސަބަބުން ހުރަސްތަކެއް އަޅާ ކަމަށް ބައެއް ހޯދުންތަކުން ވަނީ ދައްކާފަ އެވެ.

އެމެރިކާއިން ވަނީ އެ ގައުމުގެ މާބަނޑު އަންހެނުން ސިންގަޕޫރަށް ދަތުރުނުކުރުމަށް އަންގާފަ އެވެ. އަދި އޮސްޓްރޭލިއާ، ސައުތް ކޮރެއާ އަދި ތައިވާނުން ވަނީ ސިންގަޕޫރަށް ދަތުރުކުރާ އެ ގައުމުތަކުގެ ރައްޔިތުންނަށް ޓްރެވެލް އެލާޓެއް ނެރެފަ އެވެ.