ހަބަރު

މޮދީގެ ދަތުރުފުޅު ކެންސަލްކޮށްފާނެ ކަމުގެ އިންޒާރު ދީފި: ޓެލެގްރާފް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އަންނަ މަހު ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

ޓެލެގްރާފްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު އިންސާފުވެރި ޝަރީއަތެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ނުލިބޭ ނަމަ މޮދީ ރާއްޖެ އަށް ވަޑައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ދިވެހި ސަރުކާރަށް އިންޑިއާ އިން އަންގާފައިވާ ކަމަށާއި އިންޑިއާގެ ފޮރިިން މިނިސްޓްރީގެ އޮފިޝަލަކު އެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ޓެލެގްރާފުން މިހެން ބުނެފައި ވާއިރު އިންޑިއާ އިން އިއްޔެ ވަނީ ނަޝީދު ކޯޓަށް ހާޒިރު ކުރި އިރު ހިނގައިދިޔަ ކަންތައްތަކަށް ފަހު ބަޔާނެއް ނެެރެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރާއްޖޭގައި ކަންތައް ވަމުންދާ ގޮތާއި ނަޝީދު ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާ މެދު އިންޑިއާ ކަންބޮޑުވޭ،" އިންޑިއާގެ ފޮރިން މިިނިސްޓްރީގެ ތަރުޖަމާނު ސައީދު އަކްބަރުއްދީން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ މެދު އުފެދިފައިވާ ޚިލާފްތައް ނައްތާލުމަށް މަޝްވަރާ ކުރުމަށް ގޮވާލާ ކަމަށެވެ.

މޮދީގެ ދަތުރު ކެންސަލް ކޮށްފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ޓެލެގްރާފުން ބުނި ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވީ މޮދީ ރާއްޖެ އަށް ވަޑައިގަންނަވާނެ ދުވަހަކާ މެދު ދެ ގައުމުން ދަނީ މަޝްވަރާ ކުރަމުން ކަމަށާއި ވަކި ތާރީހެއް ރަސްމީ ސިފައެއްގައި އަދި ހަމަޖެހިފައި ނެތް ކަމަށެވެ.