ދުނިޔެ

ބައްޝާރާ އދ. ދެކޮޅު، ނަމަވެސް ހުރިހާ އެހީއެއް ބައްޝާރަށް

Sep 2, 2016
1

ދެހާސް އެގާރަ ވަނަ އަހަރު އުފެދުނު، އަރަބް ސްޕްރިންގް އާ އެކު، ސީރިޔާގައިވެސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުތެވެ. ރައްޔިތުންނާ ދެކޮޅަށް ގަދަ ބާރު ބޭނުން ކުރަން ފެށުމުން ދުނިޔޭގެ ބައެއް ގައުމުތަކުން ސީރިޔާގެ އޮތް ވެރިކަމާ ސިޔާސީ ގުޅުން ކަނޑާލި އެވެ. މިއަދު ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައިވާ ސީރިޔާ އާ މެދު އދ ވެސް ގަބޫލު ކުރާނީ ސީރިޔާގެ މައްސަލަ ހައްލުވާން އޮތީ ބައްޝާރު ވެރިކަން ބަދަލުވެގެން ކަމެވެ. ސީރިޔާއަށް ޑިމޮކްރަސީގެ ހިޔާ އެޅެން އޮތީ ބައްޝާރުގެ ވެރިކަމުގެ ބާރުތައް ކަނޑާލައިގެން ކަމަށް އެ މީހުން ވެސް ދެކެ އެވެ.ނަމަވެސް ގަސްތުގައި ނޫން ނަމަވެސް، އދ އަށް ސީރިޔާގެ ރައީސް ބައްޝަރަށް މި އަންނަނީ ވާގިވެރިވަމުންނެވެ.

އދ އިން ސީރިޔާގައި ހިންގާ އެތައް މިލިއަން ޑޮލަރުގެ އެހީ ޕްރޮގްރާމްގެ ފަންޑުތައް ދެނީ ބައްޝާރުގެ އާއިލީ ނުވަތަ އޭނާއާ ގާތް ގުޅުންތަކެއް އޮންނަ މީހުންނަށް ކަމަށް ވަނީ ފަޅާ އަރާފައެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސް ދަ ގާޑިއަން އިން ކުރި ތަހްގީގީ ނޫސްވެރިކަމުގެ ދިރާސާތަކުން އެނގިފައިވަނީ އދ ގެ އެހީދޭ ޕްރޮގްރާމުގެ ފަންޑުގެ ހަރަކާތްތައް ހިންގުމުގެ ކޮންޓްރެކްޓް އެވޯޑް ކޮށްފައިވަނީ ބައްޝާރުގެ ނުވަތަ އޭނާއަށް ވަފާތެރި މިތުރުންގެ ނުވަތަ ކޮންމެވެސް ހިސާބަކުން ބައްޝާރުގެ ބާރު ފޯރާ ކުންފުނި ތަކަށެވެ.

އދ ގެ ބައެއް އެހީދޭ ޕްރޮގްރާމްތައް ހިންގުމަށް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކަކީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންފުނި ތަކެވެ. ނަމަވެސް އދ ގެ ބައެއް އެހީތައް ހިންގުމުގެ އެއްބަސްވުން ހަމަޖެހުނު ކުންފިނި ތަކުގެ ތެރޭގައި ބައްޝާރުގެ އަނބިކަނބަލުން އަސްމާ އަލް ސައުދުގެ ހިއްސާ އޮންނަ ކުންފުންޏަކާއި އެދެމަފިރިންގެ ގާތް މީހެއް ކަމަށްވާ ރާމީ މަހްލޫފްގެ ހިއްސާ އޮންނަ ކުންފުނިތަކަށްވެސް އދ ގެ ޕްރޮޖެކްޓައް އެވޯޑްކޮށްފައިވާކަން، ދަ ގާޑިއަންގެ ތަހްގީގީ ރިޕޯޓުން ވަނީ ފަޅާއަރާފަ އެވެ.

އދ އިން ބުނަނީ އެހީ ފޯރުކޮށް ދިނުމަށްޓަކައި އެ ޖަމާއަތުން އެއްބަސްވުން ގާއިމު ކުރަނީ ސީރިޔާގެ ކުންފުނިތަކުގެ ތެރެއިން ސީރިޔާގެ ސަރުކާރުން އެޕްރޫވްކޮށްފައިވާ ކުދި ކުދި ކުންފުނި ތަކަށެވެ.

"އަހަރެމްނެގެ އެންމެ ފުރަތަމަ ޓާގެޓަކީ ސީރިޔާގެ އާބާދީގެ ގިނަ ސަރަހައްދުތަކަށް އެހީގެ ފުރުސަތުތައް ހިންގޭނެ ބަޔަކަށްވުން. ސީރިޔާގައި އަހަރެމެންގެ އޮޕްޝަންތައް ވަރަށް ލިމިޓެޑް،" ސިރިޔާގެ މަސްރަހާ ގުޅޭގޮތުން ކަނޑައަޅާފައި ހުންނަވާ އދ ގެ ތަރުޖަމާން ވިދާޅުވިއެވެ.

ފާޑު ކިޔާ ފަރާތްކުން ބުނާ ގޮތުގައި އދ އިން ދަނީ އެނގިތިބެ، ސީރިޔާގެ މައްސލައަށް ދަރު އަޅައައި ހުޅުގަނޑު އިތުރަށް ރޯ ކުރަމުންނެވެ. އަދި މިއީ އދ ގެ ފަރާތުންވިޔަސް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ފާހަގަ ކޮށްފައިވެއެވެ.

"ރިސޯސްތައް ލިމިޓެޑް ކަމަށްބުނެ، ބައްޝާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް އދ ގެ އެހީގެ ޕްރޮގްރާމް ހިންގުމަށް ފަންޑު ފޯރުކޮށްދިނުމަކީ ރައްޔިތުން ބޮލަށް ބޮން އަޅަން ދިނުން ފަދަ ކަމެއް" މެދުއިރުމަތީގެ ޑިޕްލޮމެޓަކު ވިދާޅުވެފައިވެ އެވެ.

ދަ ގާޑިއަންގެ ރިޕޯޓްގައިވާ ގޮތުން 2011 ވަނަ އަހަރުން ފެށިގެން، އދ ގެ އެހީގެ ޕްރޮގްރާމްތައް ހިންގުމަށް 100 ގިނަ އެއްބަސްވުންތައް ވަނީ ގާއިމުކޮށްފަ އެވެ.

އެގޮތުން އދ އިން ވަނީ ސީރިޔާގެ ދަނޑުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް، ސީރިޔާގެ ސަރުކާރަށް 13 މިލިއަން ޑޮލަރަށްވުރެ ގިނައިން ފޯރުކޮށްދީފަ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއިން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ތެރެއިން އެ އިއްތިހާދުން، ސީރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މާނާ ކޮށްފައިވާ ދާއިރާއެކެވެ.

ސީރިޔާގައި ހަކަތައިގެ ދާއިރާގައި ހިދުމަތްދޭ، ސީރިޔާ ސަރުކާރުގެ ކުންފުނިތަކަށް އދ އިން ވަނީ ހަތަރު މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިއީވެސް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަލާފައިވާ ދާއިރާއެކެވެ.

އދ ގެ ސިއްހީ ދާއިރާ ބެހޭ ޖަމްއިއްޔާ ޑަބްލިއު އެޗް އޯ އިން ވަނީ ސީރިޔާގެ ސަރުކާރުގެ ބްލަޑް ބޭންކަކަށް 5 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ. މި ބްލަޑް ބޭންކަކީ ސީރިޔާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ހިނގަމުންދާ ބޭންކެކެވެ. ދަ ގާޑިއަން އިން ބުނީ އެ ބޭންކުން ލޭ ފޯރުކޮށްދިނުމުގައި އިސްކަންދެނީ ސިފައިންނަށް ކަމަށާއި ބައެއް އާންމުން ޒަހަމްވެ ލޭ އަޅަން ޖެހުމުން އެކަމުން މަހްރޫމްކޮށް ޒަހަމުވެގެން ގެންނަ ސީރިޔާގެ ސަރުކާރުގެ ސިފައިންނަށް އެކަނީ ލޭ ފޯރުކޮށްދޭ ކަމަށެވެ.

ދަގާޑިއަންގެ ރިޕޯޓްގައި ވަނީ ތަފާތު އެކިދާއިރާތަކެއް ފާހަގަކޮށްފައެވެ. ނަމަވެސް އެއީ އެމެރިކާ އާއި އީޔޫއިން ސީރިޔާއާ ދެކޮޅަށް އާލާފައިވާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދާއިރާތަކެވެ. އެހެންވެ އދ ޕްރޮގްރާމްތަކުގެ ސީދާ ނަފާ ސީރިޔާގެ އާންމުނަން ނުލިބުމަކީ އެކަމުގައި އދ ގެ ފުރިހަމަ ޒިންމާވުން އޮތް ކަމެއްގެ ގޮތުގައި ނޫނީ ނުވެއެވެ.