ޓެކްނޯލޮޖީ

ނޯޓް 7ގެ ބެޓެރި ގޮވަނީ، ވިއްކުން ހުއްޓާލައިފި

Sep 2, 2016
1

ސެމްސަންގް އިން އެންމެ ފަހުން ބާޒާރަށް ނެރުނު، "ގެލެގްސީ ނޯޓް 7" ޗާޖް ކުރުމުން ފޯނުގައި އަލިފާން ރޯވާތީ، އެ ބްރޭންޑްގެ ފޯނުތައް ވިއްކުން ހުއްޓާލައިފި ކަން އެ ކުންފުނިން ހާމަކޮށްފި އެވެ. މިހާރު ބާޒާރުގައި ހުރި ފޯނުތައް ވެސް ނަގަން ސެމްސަންގް އިން މިހާރު ވަނީ ނިންމައިފަ އެވެ.

ސެމްސަންގް އިން މިއަދު ބުނީ ނޯޓް 7 ވިއްކުން ހުއްޓާލަނީ ފޯނުގެ ބެޓަރީގެ ސީރިއަސް މައްސަލަތަކެއް ފާހަގަ ވެގެން ކަމަށެވެ. ސެމްސަންގް އިން ބުނީ ނޯޓް 7 ޗާޖް ކުރުމުން ފޯނުގައި އަލިފާން ރޯވެގެން، މިހާތަނަށް 35 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އެ ކުންފުނިން ބުނީ މިހާރު ވިއްކާފައިވާ، 2.5 މިލިއަނެއްހާ ފޯނަށް ވެސް ކުންފުނިން ބަދަލު ދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ޓެލެކޮމް ކުންފުނިތައް ކަމަށްވާ އުރީދޫ އާއި ދިރާގުން ވެސް އަންނަނީ ނޯޓް 7 ވިއްކަމުންނެވެ. ސެމްސަންގް އިން ނޯޓް 7 ވިއްކުން ހުއްޓާލަން ނިންމުމުން އެ ކުންފުނިތަކުން އަދި އަމަލު ކުރާނެ ގޮތެއް ނޭނގެ އެވެ.

ސެމްސަންގް އިން ބުނީ، މިހާރު ވިއްކަން ބާޒާރުގައި ހުރި ހުރިހާ ފޯނެއް ވެސް އަނބުރާ ނަގާނެ ކަމަށާއި މިވަގުތަށް އެ ބްރޭންޑްގެ އިތުރު ފޯނު ނުވިއްކުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ވިއްކާފައިވާ ފޯނުތަކަށް ބަދަލު ދޭނީ، އެ ފޯނުގެ ބެޓަރީގައި އުޅޭ މައްސަލަ ހައްލު ކުރުމަށް ފަހު، އަލުން ފޯނުތައް ބާޒާރަށް ނެރުމަށް ފަހުގައި ކަމަށެވެ. އަދި ނޯޓް 7 އަލުން ވިއްކަން ފަށާނީ މައްސަލަ ހައްލުކޮށް، ފޯނުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްފައި ކަމަށް ވެސް ސެމްސަންގް އިން ބުންޏެވެ.

ނޯޓް 7 ޗާޖް ކުރުމުން އަލިފާން ރޯވި ފަސް މައްސަލައެއް ކޮރެއާ އިން އެކަނި ވެސް، މިދިޔަ ހަފްތާއެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

ނޯޓް 7 ވިއްކަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ފޯނަށް އެތައް ބައެއްގެ ތަރުހީބު ލިބުނެވެ.