ބޭރު ކުޅިވަރު

ގާޑިއޯލާ އަނެއްކާ ވެސް ޓޯރޭ އަށް ލަނޑުދީފި

ޗެމްޕިއަންސް ލީގުގައި ކުޅެން ކޯޗު ޕެޕް ގާޑިއޯލާ އެކުލަވާލިި 25 ކުޅުންތެރިންގެ ސްކޮޑުން މެންޗެސްޓާ ސިޓީގެ ޔާޔާ ޓޯރޭ ބާކީކޮށްފި އެވެ.
ޓީމާ އަލަށް ހަވާލުވި ކޯޗު ގާޑިއޯލާ އަކީ ބާސެލޯނާގައި ހުއްޓާ ބޭނުންނެތިގެން ޓޯރޭ ވިއްކާލި ކޯޗެވެ. މިހެންވެ ގާޑިއޯލާ ސިޓީ އަށް އައުމާއެކު ޓޯރޭ އެކުލަބު ދޫކޮށްދާނެ ކަމުގެ އަޑުތައް ވެސް ސީޒަން ފެށުމުގެ ކުރިން އެރި އެވެ. ނަމަވެސް ކުޅުންތެރިޔާ މަޑުކުރަން ބޭނުންވުމުން އޭނާ ޓީމުގައި ބެހެއްޓީ އެވެ. އެކަމަކު ކޮންމެ ކުޅުންތެރިއަކު ވެސް އެންމެ ބޮޑަށް ކުޅެން ބޭނުންވާ ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީކުރުމުން އައިވަރީ ކޯސްޓްގެ ޓޯރޭ އަށް ދެން ކުޅެން ލިބޭނީ އިނގިރޭސި މުބާރާތްތަކުގައި އެކަންޏެވެ.

ސްކޮޑުގައި ހިމަނަންޖެހޭ ގައުމުން ބޭރުގެ 17 ކުޅުންތެރިން ތެރެއިން ޓޯރޭ ބާކީކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ސިޓީގައި އަދިވެސް ގައުމުން ބޭރުގެ 18 ކުޅުންތެރިން ތިބުމެވެ. މިއީ އިއްޔެރޭ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ހަތަރު ކުޅުންތެރިން ވިއްކާލައިގެންވީ ވަރެވެ.

ގާޑިއޯލާ ޗެމްޕިއަން ލީގު ސްކޮޑުން ޖާގަ ދީފައިވާ ކުޅުންތެރިންގެ ތެރޭގައި އަނިޔާއިން ރަނގަޅުވަމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ޓީމާ އަލަށް ގުޅިފައިވާ ޖަރުމަނުގެ އިކާއީ ގުންޑޮގަން އާއި ލެރޯއީ ސާނޭ ހިމެނެ އެވެ.

މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންނަމަ ޓޯރޭ އަށް ދެން އޮތީ އެންމެ ރަނގަޅު ގޮތަކީ ޓީމު ދޫކޮށްދިއުމެވެ. އެއީ ގްރޫޕް ސްޓޭޖަށް ފަހު ތިން ކުޅުންތެރިއަކު ބަދަލުކުރަން ޔޫއޭފާއިން ފުރުސަތުދިން ނަމަވެސް ސިޓީގައި ތިބި މޮޅު ކުޅުންތެރިންގެ ސަބަބުން އެފުރުސަތު ލިބުންދުރުވާނެތީ އެވެ.

މީގެ ފަސް އަހަރު ކުރިން ބާސެލޯނާއިން ސިޓީ އަށް ބަދަލުވި ޓޯރޭ ވަނީ ސިޓީ މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް ގާޑިއޯލާ އައުމަށްފަހު މިހާތަނަށް އޭނާ ކުޅެން ލިބުނީ މެޗެއްގެ ބައެއްގަ އެވެ.