ޓާޓާ ފްލެޓަށް ސަރުކާރުން ދައްކަން ޖެހޭ، 278 މިލިއަން ރުފިޔާ، ދައްކައިިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި މަޝްރޫއަކީ އެކި މައްސަލަތައް ދިމާވެ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ މަޝްރޫއެކެވެ.
ހައުސިން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ދެ ދުވަސް ކުރިން ސަރުކާރުގެ ކަމާ ބެހޭ އިދާރާ އިން، ފްލެޓްތަކުގެ ފައިސާގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.
މި އަހަރުގެ، މާޗް މަހު މަސައްކަތް ނިންމި ފްލެޓްތައް ހަވާލުނުކޮށް ލަސްކުރީ ސަރުކާރުން ދައްކަން ޖެހޭ 278 މިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް މި ފްލެޓުގެ މަސައްކަތް ކޮށްފައިވާ "އެޕެކްސް ރިއަލްޓީ" ކުންފުނިން ބުނެފައިވެ އެވެ. މި މަޝްރޫއުގެ ދަށުން އަަރަބިއްޔާ ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓެއް އަޅާފައިވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ މި ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރެއިން، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދައްކަން ތައްޔާރަށް ތިބި މީހުންނާ އެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވަަރަށް އަވަހަށް އެއްބަސްވުން ހަދަން ފަށާނެ ކަމަށެވެ. އަދި އެއްބަސް ނުވެވޭ ފަރާތްތަކަށް ހުޅުމާލެ އިން ފްލެޓް ހަމަޖައްސައިދޭނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓާޓާ ފްލެޓު ލިބުނު މީހުންނަށް ފްލެޓަށް، މަހު ކުލީގެ ގޮތުގައި، 33،000ރ. އެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ރިޕޯޓްގައިވާ ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި މަސައްކަތުގެ އެއްބަސްވުން ހަދާފައި ވަނީ އެ ކުންފުންޏަށް ބޮޑެތި މާލީ އިނާޔަތްތަކެއް ލިބޭ ގޮތަށް އަދި ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވާ ގޮތަށް ކަމަށެވެ.