ރިޕޯޓް

އިސްލާމީ މާލީ ހިމާޔަތުގެ ނިޒާމު އެނގެނީ ކިހާވަރަކަށް؟

ތަކާފުލް އަކީ މިބޭނުންކުރާ އިންޝުއަރެންސްގެ އިސްލާމީ ޝަރީއަތް ހުއްދަކުރާ ބާވަތެވެ. އިންޝުއަރެންސް ނުވަތަ ފިކުރީ މާލީ ޙިމާޔަތް މިވަނީ އެކިގޮތްގޮތުން އަޅުގަނޑުމެންގެ މުޢާމަލާތްތަކާގުޅި ސަލާމަތްނުވެވޭ ވަރަށް ލާމެހިފައެވެ. މާލީ މުޢާމަލާތްތަކާއި އިޖުތިމާޢީ ގިނަކަންކަމުގެ މަޖުބޫރު ބައިވެރިއަކަށްވެފައެވެ. އެންމެކުޑަމިނުން، ދުއްވަން ގެންގުޅޭ ސައިކަލުވެސް އިންޝުއަރެންސް ނުކޮށް ނުދުއްވޭ ހިސާބުގައެވެ.

އިޤްތިޞާދީ މުޢާމަލާތްތަކުގެ ފިޤުހީ ޤާޢިދާއަކީ ޝަރުޢުގައި ކަމެއް މަނާވެގެން ނުވާނަމަ، އެކަމެއް ހުއްދަ ވުމެވެ. ފިކުރީ މާލީ ޙިމާޔަތް ހުއްދަނުވާ ސަބަބުތައް ކުރިން ޝާއިޢުކުރި ލިޔުމުގައި އަލިއަޅުވާލީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. އެއީ ހުއްދަ މަފްހޫމެއްގެ ތެރޭގައި ޙަރާމް ކަންތައްތަކެއް ހިމަނައި ގަޑުބަޑުކުރެވިފައިވާތީއެވެ. ކުރުގޮތަކަށް ދަންނަވާނަމަ، ފިކުރީ މާލީ ޙިމާޔަތް ހުއްދަ ނުވަނީ އެފަދަ މުޢާމަލާތްތަކުގައި ރިބާ އާއި ޖުވާ (ޤިމާރު) އަދި ޔަޤީން ނުވާ ކަންކަން (ޣަރަރު) ހިމެނޭތީއެވެ. އަދި މިދެންނެވި ކަންކަމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައި، މަނާ ކުރައްވާފައިވާ ކަންކަމަށް ވާތީވެސްމެއެވެ.

އިސްލާމީ ޢިލްމުވެރިން މިވަނީ މާލީ ޙިމާޔަތް ދެވޭނެ ހުއްދަ ގޮތްތަކެއް ވުޖޫދުކޮށްދީފައެވެ. އެއީ ދީނުގައި ކަނޑައެޅިފައިވާ ހުއްދަ މުޢާމަލާތްތަކާއި ޢަޤުދު ތަކުގެ އިންތަކަށް ފެތޭގޮތުން، ރިބާ އާއި ޖުވާއިން އެއްކިބާ ކުރެވިފައިވާ، އަދި ޔަޤީން ނުވާ ކަންކަމުން ރައްކާތެރިވެގެންވާ މުޢާމަލާތްތަކެއްގެ މައްޗަށް ބިނާވެގެންވާ މާލީ ޙިމާޔަތުގެ މަފްހޫމެކެވެ. އެއީ އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމެވެ. ނުވަތަ ތަކާފުލް އެވެ. މިގޮތުން ފަރަންޖީ ބަހުން މިކިޔާ އިސްލާމިކް އިންޝުއަރެންސްގެ ބަދަލުގައި ލިޔުމުގެ ކުރިއަށް އޮތްބައިގައި ބޭނުންކުރެވިފައިވާނީ "އިސްލާމީ މާލީ ޙިމާޔަތް" ، ނުވަތަ "ތަކާފުލް" މި ދެ ބަހެވެ.

"އިސްލާމީ މާލީ ޙިމާޔަތް" ނުވަތަ "ތަކާފުލް" އަކީ އެކަކު އަނެކަކަށް އެހީތެރިވެދީ، ހެޔޮގޮތުގައި ހޭދަކުރުމުގެ މަތިވެރި އުޞޫލުގެ ތެރެއިން އިޖްތިމާޢީ، އިޤްތިޞާދީ މުޢާމަލާތްތަކާއި އަދި މިނޫންވެސް ދުނިޔަވީ ކަންކަމުގައި ހިމެނޭ މުދަލާއި ތަކެއްޗަށް ނުވަތަ ފަރުދުންނަށް ކުރިމަތިވެދާނެ ގެއްލުމެއް އަދި ނުރައްކަލެއްގެ ސަބަބުން، މަންފާލިބެނިވި ފަރާތަށް ލިބިދާނެ ނިކަމެތިކަމަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެކެވެ. އިސްލާމީ މާލީ ޙިމާޔަތް ނުވަތަ ތަކާފުލް ގައި ފިކުރީ މާލީ ޙިމާޔަތާ އެއްގޮތް ކަންތައްތަކެއް ކޮންމެވެސް ވަރަކަށް ހުރެދާނެއެވެ. އަދި ތަކާފުލް އަކީ ޤުރުއާނުން ނުވަތަ ސުންނަތުން ސީދާކޮށް ފެންނަން އޮތް ކަމެއްނޫނެވެ.

ތަކާފުލްގެ ނަޒަރިއްޔާތު

ތަކާފުލްގެ ނަޒަރިއްޔާތަކީ، ފިކުރީ މާލީ ޙިމާޔަތުގެ އުޞޫލުތައް އެއީ ހުއްދައެއްޗެއް ކަމާމެދު އިސްލާމީ ޢިލްމުވެރިންނަށް އެއްބަސް ނުވެވުމުގެ ސަބަބުން އެބައިމީހުން އުފަންކުރުވި ނިޒާމެކެވެ. ނަމަވެސް އޭގެ ކުރީގައި ޢަރަބި ޤަބީލާތަކުގެ މެދުގައި ޢަމަލުކުރެވެމުން އައި ބައެއް ކަންކަމަކީ މާލީ ޙިމާޔަތާއި ރަހުމަތްތެރި ކަންކަން ކަމުގައި ފެންނަން އެބަހުއްޓެވެ. މިގޮތުން އެބައިމީހުންގެ އާދަކާދައިގެ ތެރޭގައި ޢަމަލުކުރެވެމުން ދިޔަ "އާޤިލާ" ނުވަތަ "މަޢާޤިލް" ގެ އުޞޫލުގެ ދަށުން ގަސްތަކާ ނުލާ ކުރިކަމަކުން، އެއް ޤަބީލާއެއްގެ މީހަކުއަތުން އަނެއް ޤަބީލާއެއްގެ މީހަކު މަރުވެއްޖެނަމަ، މަރުވި މީހާގެ މަރުގެ (ދިޔަ) ބަދަލެއްގެ ގޮތުން ޢަމަލުހިންގި މީހާގެ ޢާއިލާގެ ފަރާތުން މަރުވިމީހާގެ ޢާއިލާއަށް ފައިސާދެވެމުން ދިޔައެވެ. ޢަރަބީންގެ އާދަކާދައިގެ ތެރެއިން މިދެންނެވި އުޞޫލަކީ ރަސޫލް صلى الله عليه وسلم ހިފެހެއްޓެވި އާދައެކެވެ. މިދެންނެވި އާދަކާދައިގެ އިތުރުން ތިރީގައި މިވާ މަފްޙޫމް ތަކަކީ އިސްލާމްދީން އެކަންކަމަށް ބާރުއަޅާ، އަދި އެމަފްހޫމްތައް ތަކާފުލްގެ ނިޒާމުގެތެރޭގައި އެކުލެވިގެންވާ މަފްޙޫމްތަކެކެވެ.

ކަފާލާ

އިސްލާމީ މާލީ ޙިމާޔަތުގެ އެއް މަސްދަރަކީ ޝަރުޢުގައި ބަޔާންވެގެންވާ ޔަޤީންކަންދިނުމުގެ އުޞޫލެވެ. ތަކާފުލް ކަމުގައި ބުނެވެނީ މިގޮތުން އެކަކު އަނެކަކަށް ނުވަތަ ގިނަބަޔަކު ވެގެން ތަކުލީފު ލިބިގެންވާ ފަރާތަށް ލިބިދާނެ ގެއްލުމެއް ފޫބައްދައި ދޭނެކަމުގެ ޔަޤީންކަން ދިނުމަށްޓަކައި ޖަމާކުރެވޭ ފަންޑަކުން މާލީ ބަދަލެއް ދިނުމުގެ އުޞޫލަށެވެ. "ތަކާފުލް މިބަސް އެކުލަވާލެވިފައި އެވަނީ ޢަރަބި ބަހުގައި ބޭނުންކުރާ "ކަފާލާ" (ޔަޤީކަން /ޒިންމާނެގުން) މިބަހުންނެވެ. ކަފާލާގެ ވާހަކަ ކީރިތި ޤުރުއާނުގެ ޔޫސުފު ސޫރަތުގެ 72 ވަނަ އާޔަތުގައި ޖާމިނުވުމުގެ މާނައިގައި ބަޔާންކުރައްވާފައިވެއެވެ.

ތަޢާވުން

އެކަކު އަނެކަކަށް އެހީ ތެރިވެދީ އެއްބަޔަކު އަނެއްބަޔައެއްގެ ތަކުލީފުތައް ލުއިކޮށްދިނުމަކީ އިސްލާމް ދީން ނުހަނު ބާރުއަޅާ ކަމެކެވެ. އިސްލާމްދީނުގައި އަޅުކަމަކަށް ވަނީ ހަމައެކަނި ފަރުޟު ކުރެވިފައިވާ ކަންކަން އަދާކުރުމަކުން އެކަންޏެއް ނޫނެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީވެސް ﷲ ސުބުޙާނަހޫ ވަތައާލާއަށް ކުރެވޭ ނުހަނު މަތިވެރި އަޅުކަމެކެވެ. ކީރިތި ޤުރުއާނުގެ މާޢިދާ ސޫރަތުގެ ދެވަނަ އާޔަތުގައި، ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވުމަށާއި އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވުމަށް މާތް ﷲ ބާރުއަޅުއްވައި ވަޙީކުރައްވާފައިވެއެވެ.

މިދެންނެވި ނުކުތާއަށް ބާރުލިބޭ އެތައް އެތައް މިޘާލުތަކެއް ކީރިތި ރަސޫލާ ﷺ ވަނީ މިއުންމަތައް ދޫކުރައްވާފައެވެ. އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

"މުސްލިމަކު އަނެއް މުސްލިމެއްގެ މުހުތާދުތައް ފުއްދައިދޭހައި ހިނދަކު، މާތް ﷲ އޭނާގެ މުހުތާދުތައް ފުއްދަވައިދެއްވާނެއެވެ. މިދުނިޔޭގައި މީހަކާ ކުރިމަތިވެފައިވާ ދަތިކަމަކުން އޭނާ ސަލާމަތްކޮށްދީފި މީހަކަށް، އާޚިރަތް ދުވަހުގައި މާތް ﷲ ދަތިކަމެއް ލުއިކޮށް ދެއްވާނެ އެވެ."
އިސްލާމީ މާލީ ޙިމާޔަތުގެ ދެވަނަ މަސްދަރަކީ އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ މަތިވެރި އުޞޫލެވެ.

ތަބައްރުޢު

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުމަޔާއި ޘަވާބަށް އެދި ތިމާގެ މުދަލުން ހޭދަކުރުމަކީ ޞަދަޤާތް ކުރުމެވެ. ޞަދަޤާތް ދިނުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ އަޅުކަމެކެވެ. ޞަދަޤާތަކީ އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމު އުފަންކުރުވުމުގައި ރިޢާޔަތްކުރެވޭ އަނެއް އަސާސެވެ. ޞަދަޤާތްދީ ތިމާގެ މުދަލުން ހޭދަކުރުމުގައި ﷲގެ ދީންމަތިވެރި ކުރުމަށް އިސްކަންދޭން ޖެހެއެވެ. ޞަދަޤާތް ކުރުމާ ގުޅޭގޮތުން ސޫރަތުލް ޙަދީދްގެ ހަތްވަނަ އާޔަތުގައި ﷲއަށާއި އެކަލާންގެ ރަސޫލާއަށް އީމާންވުމަށް އަންގަވައި އެއާއި ވިދިގެން މުދަލަށް ލޯބިކުރުމާއެކުވެސް މުދަލުންހޭދަކުރުމަށް އަންގަވާފައި ވުމުން ދޭހަކޮށްދެނީ ހޭދަކުރުމަށް އިސްލާމްދީން ބާރުއަޅާމިންވަރެވެ. އަދި މީގެ އިތުރުން، މުސީބާތުގެ ވަގުތުގައި މުސްލިމުންގެ މުދަލުން ހޭދަކުރުމުގައި އަވަސްވެ ގަތުމަށް ރަސޫލް ﷺ ބާރުއަޅުއްވައި ޙަދީޘް ކުރައްވާފައި ވާކަން އިމާމު ތިރްމިޛީގެ އަރިހުން ރިވާވެގެންވާ ރިވާޔަތް ތަކުގެތެރެއިން، 589 ވަނަ ރިވާއަތުގައި ވެއެވެ.

.

ތަކާފުލް ގެ ނިޒާމު މަސައްކަތް ކުރާގޮތް

ހިރާސް ނުވަތަ އިނގިރޭސިބަހުން މިކިޔާ "ރިސްކް" އަކީ ދިރިއުޅުމުގެ މައިދާނުގެ ހުރިހާ ދިމާލެއްގައިވެސް އެކުލެވޭ އެއްޗެކެވެ. ހިރާސްއާ ކުރިމަތިލާން ޖެހެނީ އެކިމީހުންނަށް އެކިކަންކަމުގައި އެކިވަރަށެވެ. ފިކުރީ މާލީ ޙިމާޔަތަކީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް މިދެންނެވި ހިރާސް ފުރޮޅާލާ ނުވަތަ ބަދަލުކުރާގޮތަށް އޮންނަ (ރިސްކް ޓްރާންސްފަރ ކުރެވޭ) ނިޒާމެކެވެ. ނަމަވެސް ތަކާފުލްގެ ނިޒާމަކީ ބައިވެރިވާ ގިނަބަޔެއްގެ މެދުގައި ބައި އެޅިގެން ހިރާސް، ހިއްސާ ކުރެވޭ ނިޒާމެކެވެ. ތަކާފުލް ނުވަތަ އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމުގައި ތަކާފުލް ގެ ކުންފުންޏަކީ ޚިދުމަތް ހޯދާ ބައިވެރިންގެ ވަކީލެއްގެގޮތުން މަސައްކަތްކުރާ ފަރާތެކެވެ. ފިކުރީ މާލީ ޙިމާޔަތާ ޚިލާފަށް ތަކާފުލް ގައި، ބައިވެރިން ދައްކާ ޗަންދާ އަކީ ޚިދުމަތްދޭ ފަރާތުގެ އެއްޗެއްނޫނެވެ. އެއީ ބައިވެރިންގެ ފަރާތުން ޚިދުމަތްދޭ ފަރާތާއި ޙަވާލުކުރެވޭ އަމާނާތެކެވެ. އެހެނީ، އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމަކީ ޔަޤީންކަން ދޭ ނިޒާމެކެވެ.

ފިކުރީ މާލީ ޙިމާޔަތުގެ ނިޒާމުގައި ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކާ "ޕްރިމިއަމް" އާ ޚިލާފަށް، ތަކާފުލް ގެ ނިޒާމެއްގައި ބައިވެރިން ދައްކާ ޗަންދާއަކީ ކުރެވޭ ހޭދައެކެވެ. މިއީ އެއްބަޔަކު އަނެއްބައެއްގެ ތަކުލީފުތައް ލުއިކޮށްދިނުމުގެ ނިޔަތުގައި، ސަބީލިﷲ އަށް ކުރެވޭ ހޭދައެކެވެ. ތަކާފުލް ނިޒާމުގައި ބައިވެރިވާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އެހީތެރިވެ އެއްބާރުލުންދޭން ބައިވެރިން އެއްބަސްވެ މި ޞަދަޤާތް ތަކާފުލް ކުންފުންޏާއި ޙަވާލުކުރެވެއެވެ. އެގޮތުން ބައިވެރިން ދައްކާ ޗަންދާގެ ތެރެއިން ތަކާފުލް ފަންޑެއް ޤާއިމުކުރެވެއެވެ. ބައިވެރިންގެ ފަރާތުން މިފަންޑުގެ ކަންކަން ބަލަހައްޓަނީ ތަކާފުލް ކުންފުނިންނެވެ.

ފިކުރީ މާލީ ޙިމާޔަތުގެ ނިޒާމުގައި "އިންޝުއަރެންސް ޕްރިމިއަމް" ބަލައިގަތުމަށްފަހު އެފައިސާ ހިއްސާދާރުންގެ ރައުސުލްމާލުގެ ތެރޭގައި ހިމެނިގެންދެއެވެ. އެއާ ޚިލާފަށް ތަކާފުލް ނިޒާމުގައި، ބައިވެރިން ޞަދަޤާތުގެ ގޮތުގައި ވަޤުފު ކުރާ ތަކާފުލް ފަންޑާއި ކުންފުނީގެ ހިއްސާދާރުންގެ ފަންޑަކީ މުޅިން ވަކިން ބެލެހެއްޓޭ ދެ ފަންޑެކެވެ. ތަކާފުލް ފަންޑު ބޭނުންކުރެވޭނީ ބައިވެރިވާ ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ޙާލަތެއްގައި ތަކުލީފު ލުއިކޮށްދިނުމަށެވެ. ތަކާފުލް ފަންޑުގެ ކަންކަން ބެލެހެއްޓުމުގެ ފީ އެއްގެގޮތުން ކަނޑައެޅޭ ވަކިމިންވަރެއް ބައިވެރިންގެ ފަންޑުން ތަކާފުލް ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި ދެވިދާނެއެވެ.

ތަކާފުލްގެ ނިޒާމަށް ގެނެވުނު ޒަމާނީ ތަރައްޤީތަކުގެ ތެރެއިން، މި ނިޒާމަކީ މިހާރު ހަމައެކަނި މާލީ ޙިމާޔަތުގެ ޔަޤީންކަންލިބިދެވޭ ނިޒާމެއްގެ އިތުރުން ހުއްދަވިޔަފާރީގެ ޢަޤުދުތަކުގެ ތެރެއިން ފައިދާވެސް ލިބިދެވޭ ނިޒާމަކަށް މިވަނީ ވެފައެވެ. މިގޮތުން މާލީ މުޢާމަލާތްތަކުގައި ބޭނުންކުރެވޭ ޝަރީއަތް ހުއްދަކުރާ ޢަޤުދު ތަކުގެތެރެއިން މުޟާރަބާ (ފައިދާ ހިއްސާ ކުރެވޭ ޕާރޓަނަރޝިޕް)، ވަޤުފް ނުވަތަ ވަކާލާ އަދި މިނޫންވެސް ހުއްދަ ޢަޤުދުތަކާއެކު ފައިދާ ނެރެވޭފަދަ ގޮތްގޮތަށް ތަކާފުލް ގެ ނިޒާމު ތަފާތު އިސްލާމީ މުޖުތަޢު ތަކުގައި ދަނީ ބޭނުންކުރެވެމުންނެވެ.

ތަކާފުލް ހުއްދަވާ ސަބަބުތައް

ތަކާފުލްގެ ނިޒާމަކީ ހުއްދައެއްޗެއް ކަމުގައި ބެލެވެނީ ތަކާފުލް ގެ ޢަޤުދުގައި އިސްލާމީ ޝަރީއަތުގައި ޙަރާމްކުރެވިފައިވާ ރިބާ އާއި ޣަރަރު އަދި ޖުވާގެ އެއްވެސް މިންވަރެއް ނުހިމެނޭގޮތަށް ތަކާފުލް ގެ ނިޒާމު ބައްޓަންކުރެވިފައި ވާތީއެވެ. މިގޮތުން ކިޔުންތެރިންނަށް ފަސޭހަވާނެ ގޮތުގެމަތިން މިބައިތަކުގެ މައްޗަށް އަލިއަޅުވާލާއިރު ތަކާފުލް ގެ ނިޒާމާއި އިންޝުއަރެންސްގެ ނިޒާމުގެ ބައިތައް، ކޮންމެވެސްވަރަކަށް އަޅާކިޔަމުން ގެނެސްދެވޭތޯ ބަލާނަމެވެ.

ފިކުރީ މާލީ ޙިމާޔަތް ހުއްދަނުވާ އެއްސަބަބަކީ، އޭގައި ޔަޤީންނުވާ ކަންކަން ނުވަތަ "ޣަރަރު" އެކުލެވުމެވެ. އެއީ ގަނެވޭ އިންޝުއަރެންސް ޕޮލިސީގެ އަގު ނުވަތަ ޕްރިމިއަމް ދެއްކުމަށްފަހު ބަދަލުގައި އެއްވެސް މިންވަރެއް ލިބުން ބިނާވަނީ އިންޝުއަރ ކުރި އެއްޗަކަށް ގެއްލުމެއް ލިބުމާ ނުލިބުމުގެ މައްޗަށެވެ. ތަކާފުލް ނިޒާމުގައިވެސް ބަދަލު ލިބުން ބިނާވަނީ ހަމަ މިދެންވި ގޮތުގެ މަތިންނެވެ. ނަމަވެސް ތަކާފުލް ގެ ނިޒާމެއްގައި ގެއްލުމުގެ ބަދަލު ދެވޭނީ ބައިވެރިންގެ ފަރާތުން ކުރެވޭ ޞަދަޤާތުގެ ތެރެއިން އެކުލަވާލެވޭ ތަކާފުލް ފަނޑަކުންނެވެ. އެއީ ގަނެ ވިއްކުމުގެ ނުވަތަ އެކަތި އަނެކައްޗާ ބަދަލު ކުރުމުގެ ޢަޤުދެއްނޫނެވެ. ނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ މަގުގައި ކުރެވޭ މަތިވެރި ހޭދައެކެވެ. އެހެންކަމުން، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ގޮތުން ޞަދަޤާތުގެ ގޮތުގައި އެއްކުރެވޭ ފަންޑަކުން ތަކުލީފު ލިބިފައިވާ ފަރާތަށް ނުވަތަ ފަރާތްތަކަށް، އެހީތެރިވުމުގައި ޣަރަރު އެކުލެވިގެންނެއް ނުވެއެވެ.

ފިކުރީ މާލީ ޙިމާޔަތުގެ ނިޒާމެއްގައި، ޚިދުމަތް ހޯދާ ފަރާތަށް ގެއްލުމެއް ލިބިއްޖެ ޙާލަތެއްގައި ބަދަލު ދޭއިރު ލިބިގެންދާނީ ޗަންދާގެ ގޮތުގައި ދެއްކި ޢަދަދައްވުރެ އިތުރު ޢަދަދެކެވެ. ބައެއްފަހަރަށް މަދު ޢަދަދެކެވެ. އެހެންކަމުން މިއީ ކަނޑައެޅިގެން ރިބާގެ މުޢާމަލާތެއްކަން ސާފުވެއެވެ. މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުން ޕްރިމިއަމްގެ ގޮތުގައި އެއްކުރެވޭ ފައިސާ ގިނަފަހަރަށް ހޭދަކުރާނީ ވިޔަފާރި ބޭންކްތައް ފަދަ ރިބާގެ މުޢާމަލާތްތައް ހިންގާ މާލީ އިދާރާ ތަކުގައެވެ. މިއާ ޚިލާފަށް ތަކާފުލް ނިޒާމުގެ ތެރެއިން ބައިވެރިން ޞަދަޤާތުގެ ގޮތުގައި އެކުލަވާލާ ފަންޑުން ގެއްލުންވާ ފަރާތަކަށް ކިތަންމެ ކުޑަ ނުވަތަ ކިތަންމެ ބޮޑު ބަދަލެއް ދިނަސް އެއީ ރިބާގެ މުޢާމަލާތަކަށް ނުވާނެއެވެ. މުސީބާތުގެ ވަގުތުގައި މުސްލިމުންގެ މުދަލުން ހޭދަކުރުމުގައި އަވަސްވެ ގަތުމަށް ރަސޫލް ﷺ ބާރުއަޅުއްވައި ޙަދީޘް ކުރައްވާފައި ވާކަން އިމާމު ތިރްމިޛީގެ އަރިހުން ރިވާވެގެންވާ ރިވާޔަތްތަކުގެ ތެރެއިން، 589 ވަނަ ރިވާއަތުގައި ވެއެވެ.

ޖުވާ އަކީ ކުޑަ މިންވަރެއް ހޭދަކޮށްގެން ބޮޑު މަންފާއެއް ލިބުމުގެ އެދުމުގައި ހޭދަކުރެވޭކަންކަމެވެ. އެއީ އިޤްތިޞާދީ ގޮތުން އެއްވެސް އުފެއްދުންތެރިކަމެއް ނެތި، ކަންނެތް ކަމާއި ބާޠިލުގޮތުގައި އެކަކު އަނެކެއްގެ މުދާ ކެއުމަށް ހުށަހެޅޭ ޝައިޠާނީ ޢަމަލެކެވެ. ފިކުރީ މާލީ ޙިމާޔަތުގެ ޢަޤުދުތަކުގައި މައިސިރް ނުވަތަ ޤިމާރު (ޖުވާ) ގެ އަސަރު ވަރަށްބޮޑަށް އެކުލެވޭ ކަމުގައި އިސްލާމީ ޢިލްމުވެރިން އިޖުމާޢުވެއެވެ. އެއީ މާލީ ޙިމާޔަތް ހޯދާފަރާތަށް ގެއްލުމެއް ލިބިއްޖެ ޙާލަތުގައި ޙިމާޔަތް ދިން ކުންފުނިން ބަދަލު ދިނުމާއި، ގެއްލުމެއް ނުވާޙާލަތުގައި، ޚިދުމަތް ހޯދާ ފަރާތުން ޗަންދާގެ ގޮތުގައި ދެއްކި ހުރިހާ ފައިސާއެއް މާލީ ޙިމާޔަތް ދިން ކުންފުންޏަށް ލިބިދެވޭ އެއްބަސްވުމަކަށް، އިންޝުއަރެންސްގެ އެއްބަސްވުން ވާތީއެވެ. މިއީ ޙަރާމް ކަމެއްކަމާއި، އަދި އެކަމާއި ދުރުހެލިވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ސޫރަތުލް މާއިދާގެ 90 ވަނަ އާޔަތުގައި އަމުރުކުރައްވާފައެވެ. އެއާޔަތުގެ މާނައިގައިވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާ އާއި، ޖުވާކުޅުމާއި،އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާއި ދުރުވެގަންނާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.
ތަކާފުލް ނިޒާމުގެ ޢަޤުދުގައި ޖުވާގެ އަސަރު ނުހިމެނެނީ ބައިވެރިން ދައްކާ ޗަންދާ އަކީ ކުރެވޭ ޞަދަޤާތަކަށްވާތީއެވެ. އަދި ގެއްލުމުގެ ބަދަލު ދެވެނީ މިދެންނެވި ޞަދަޤާތުގެ ތެރެއިން އެކުލަވާލާ ތަކާފުލް ފަންޑުން ނެވެ. ތަކާފުލް އަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަތިވެރި ހޭދައެކެވެ. ބައިވެރިން ދައްކާ ޗަންދާގެ ތެރެއިން، ފައިދާ ހޯދުމަށް ހުއްދަ ކަންކަމުގައި އިންވެސްޓް ކުރެވިދާނެއެވެ. މިގޮތުން ލިބޭ ފައިދާ ތަކާފުލް ކުންފުނިން ނެގުމުގެ ބަދަލުގައި، ޗަންދާ ހުށަހެޅި ބައިވެރިންގެ މެދުގައި، ތަކާފުލް ކުންފުނި ޝާމިލުވާ ގޮތުން، ކުރިން އެއްބަސްވެވިފައިވާ ގޮތެއްގެ މަތިން ބަހާލެވެއެވެ. މިފައިދާ ބެހުމުގައި، ތަކާފުލް ކުންފުންޏަށް ބައިއެޅުން ބިނާވެގެންދަނީ، ބޭނުން ކުރެވޭ "މޮޑެލް" އެއްގެ މައްޗަށެވެ.

ތަކާފުލްގައި ބޭނުންކުރެވޭ "މޮޑެލް" އަކީ "މުޟާރަބާ (ޕާރޓްނަރޝިޕް) މޮޑެލް" ނަމަ، އިންވެސްޓްމެންޓް ފަންޑުން ލިބުނު ފައިދާ ބެހުމުގައި ތަކާފުލް ކުންފުންޏަށް، ކުރިން އެއްބަސް ވެވިފައިވާ ގޮތެއްގެމަތިން ބައިއެޅިގެން ދާނެއެވެ. އަދި، ބޭނުންކުރެވޭ "މޮޑެލް" އަކީ "ވަކާލާ (އެޖެންސީ) މޮޑެލް" ނަމަ، ތަކާފުލް ކުންފުންޏަށް އެއްބަސް ވެވިފައިވާ ފީ އެއް، ނެގުމަށްފަހު، ލިބުނު ފައިދާ ބައިވެރިންގެ މެދުގައި، އެއްބަސްވެވިފައިވާ ގޮތެއްގެމަތިން ބަހާލެވެއެވެ. މީގެ އިތުރުންވެސް ވަޤުފް މޮޑެލް އާއި ގިނަ މަފްޙޫމްތައް އެކުލެވޭގޮތަށް ތަރައްޤީ ކުރެވިފައިވާ ތަކާފުލް މޮޑެލްތައް އިސްލާމީ ޤައުމުތަކުގައި އަންނަނީ ތަޢާރަފްކުރެވި ބޭނުން ކުރެވެމުންނެވެ.

ތަކާފުލް އަކީ މުދަލާއި ތަކެއްޗަށް ނުވަތަ ފަރުދުންނަށް ކުރިމަތިވެދާނެ ގެއްލުމެއް އަދި ނުރައްކަލެއްގެ ސަބަބުން، މަންފާ ލިބެނިވި ފަރާތަށް ލިބިދާނެ ނިކަމެތިކަމަކުން އަރައިގަތުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް އެޅޭ ފިޔަވަޅެކެވެ. ވީނިއުސްގައި ޝާއިއުކޮށްފައިވާ "އިސްލާމިކް ފައިނޭންސް: ރިބާއާ ދެކޮޅަށް ގެނައި އިންޤިލާބެއްތަ؟" މިއާރޓިކަލްގައި ޑރ.މުނީޒާ ސިފަކޮށްދެއްވާފައިވާ ފަދައިން " މިއީ ހުން އަންނާނެ ކަމަށް ރަޖާލުން ފަދަ ކަމެކެވެ". އެހެންކަމުން ތަކާފުލް އަކީ ދުރާލާ ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ. ﷲ އާ ވަކީލުކުރުމުގެ ކުރިން، ސަބަބުގައި ހިފުމުގެ ގޮތުން ކުރެވޭ މުހިންމު ކަމެކެވެ. އިސްލާމްދީނުގައި އަމުރު ކުރެވިފައިވަނީ، އިންސާނުން އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ބޭނުންވާ ހުރިހާ ސަބަބުތަކެއްގައި ހިފުމަށެވެ. އިމާމު ތިރްމިޛީގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅުން ދޭހަވާ ފަދައިން "ފުރަތަމަ ޖަމަލު ބަނުމަށެވެ، ދެން އެ ނުގެއްލި ރައްކާތެރި ކަންމަތީ އޮތުން، ﷲ އާ ވަކީލުކުރުމަށެވެ"