ހަބަރު

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވި ފުލުސް މީހާ ހައްޔަރުކުރީ ރަނގަޅަށް: ހައިކޯޓް

އެއް ޖިންސުން ގުޅުން ހިނގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ ހައްޔަރު ކުރުމުގައި ފުލުހުން ޝަރުއީ އަދި ގާނޫނާ ހިލާފު ކަމެއް ކޮށްފައިނުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިތުރު މީހަކާއެކު މާލޭ ގެސްޓް ހައުސްއެއްގައި އެއް ޖިންސުން ގުޅުން ހިންގަމުން ދަނިކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އޭނާގެ ބަންދަށް އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. އޭނާ ބަންދުކުރަން ކުރިމިނަލް ކޯޓުން ނިންމީ، މުޖުތަމައުގެ ސަލާމަތަށްޓަކަ އެވެ.

އޭނާގެ ބަންދު ކުރިމިނަލް ކޯޓުން ޖަހާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. ނަމަވެސް މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރަށް ތާއީދުކޮށްފަ އެވެ. މައްސަލާގައި ހައިކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އެއް ޖިންސުންގުޅުން ހިންގުމުގެ ކުށުގެ
ތުހުމަތުކަމުގައިވާއިރު، އެއްޖިންސުން ޖިންސީގުޅުން ހިންގުމަކީ ކުށެއްކަމާއި، މިމައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ތަބީއަތަށާއި، ކުޑަބޮޑުމިނަށާއި، ކުށުގެ ނުރައްކާތެރިކަމާއި، ހުށަހެޅިފައިވާ ހެކި ގަރީނާގެ މައްޗަށް ރިއާޔަތްކުރާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ސަބަބުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ ކަމަށެވެ.

ބަންދު އަމުރުގެ އިތުރުން އޭނާ ހައްޔަރުކުރުމަށް ފުލުހުން އަމަލުކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ ވެސް ހައިކޯޓަށް މައްސަލައެއް އޭނާ ވެއްދި އެވެ. މި މައްސަލާގައި އޭނާ ބުނެފައިވަނީ ފުލުހުން އޭނާ ހުރި ހޮޓަލަށް ވަދެފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި އަދި އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެ ކަމަށެވެ.

މައްސަލާގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެހެންކަމުން އޭނާ ހުރި ހޮޓަލަށް ފުލުހުން ވަދެފައިވަނީ ގާނޫނު އަސީސީއާ އެއްގޮތަކަށް ކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފަ އެވެ.

އަދި މި މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެ ކަމަށް ބުނި ނަމަވެސް، އެގޮތަށް ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް އޭނާގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކިފައިނުވާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެހެންކަމުން އޭނާ ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.