ޓްރާންސްޕޯޓް އޮތޯރިޓީ

މިރެއިން ފެށިގެން ކާނިވާ ސަރަހައްދުގައި ލައިސަންސް ޓެސްޓް ހެދޭނެ

މެދުކަނޑާލާފައި އޮތް އެއްގަމު އުޅަނދުފަހަރުގެ ލައިސަންސް ނެގުމުގެ ޕްރެކްޓިކަލް ޓެސްޓް މިރޭ އަލުން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ. މިރޭ ޓެސްޓް ހަދަން ފަށާނީ އެކަމަށް އަލިމަސް ކާނިވާގެ ބިމުގައި ތަރައްގީ ކުރި ބައިގަ އެވެ.

އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނަފީޒު ވިދާޅުވީ ޕްރެކްޓިކަލް ޓެސްޓުތައް މެދުކަނޑާލުމަށްފަހު އަލުން ފެށުން ލަސްވީ މޫސުން ގޯސްވެގެން ކަމަށެވެ. އަދި ލައިސަންސް ދިނުން މެދުކަނޑާލީ ޓެސްޓުތައް ހަދަމުން އައި ސަރަހައްދަކީ އެންމެ ރައްކާތެރި ގޮތަކަށް ހުރި ތަނެއް ކަމަށް ނުފެންނާތީ ކަމަށެވެ.

ހުޅަނގު ދެކުނު ފަރާތުގައި އެއްގަމު އުޅަނދުގެ ލައިންސަންސް ޓެސްޓް ހަދާ ތަނަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަން ފަށައި ބައެއް ސާމާނުތައް ބަހައްޓާފައިވާތީ ސައިޓެކެވެ.

ޑްރައިވިން ޓެސްޓު ހެދުން މެދުކަނޑާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެއްގަމު އުޅަނދުފަހަރު ދުއްވާ ލައިސެންސްގެ ޕްރެކްޓިކަލް ޓެސްޓު ހަދަން އަލިމަސް ކާނިވާ މިހާރު ވަނީ ތައްޔާރުކޮށް ނިންމާފަ އެވެ.

ޑްރައިވިން ޓެސްޓުތައް ހަދަން ގާތްގަނޑަކަށް 18200 އަކަ ފޫޓުގެ ޖާގައެއް ބޭނުންވާ އިރު އެވަރުގެ ޖާގައެއް ކާނިވާ ސަރަހައްދުން ވެސް ލިބެއެވެ. އަދި ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ޑްރައިވިން ޓެސްޓު ހަދާ ފަރާތްތަކަށް އުޅަނދު ފަހަރު ދުއްވޭ ގޮތަށް ކާނިވާ ތެރެ ތަރައްގީ ކުރާށެވެ. ކާނިވާ ސަރަހައްދުގައި ޑްރައިވިން ޓެސްޓު ހެދުން މިވަގުތައް ބަދަލު ކުރި ނަމަވެސް މުސްތަގުބަލުގައި ހުޅުމާލޭގައި ޑްރައިވިން ޓެސްޓުތައް ހަދާގޮތަށް ބަދަލު ކުރުމުގެ ޕްލޭންތަކެއް ޓްރާންސްޕޯޓުން ދަނީ ކުރަމުންނެވެ.