މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

އަބުރުގެ ގާނޫނުގެ ބައިތައް ބްރޯޑްކާސްޓް ގަވާއިދުގައި ހިމަނަން ލޯ ފާމަކަށް ދެނީ

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ ގާނޫނުގެ ބައިތައް ހިމެނޭ ގޮތަށް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހު ކުރަން ލޯ ފާމަކާއި ހަވާލުކުރަން ނިންމައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މިރޭ ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ ހަމަތަކާއި ހިލާފުވާ ގޮތަށް ހިންގާ ބްރޯކާސްޓް މީޑިއާ އިދާރާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށް ހުށަހެޅުމުން އެކަން ބަލަން ޖެހޭ ކަމަށާއި އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުގެ މައްޗަށް ލާޒިމުވާ ކަންތައްތައް ތަންފީޒުކުރުމަށް ގަވައިދުތަކަށް ވެސް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

އަބުރުގެ ގާނޫނުގައި ހިމެނޭ ބައިތައް ގަވައިދުގެ ހިމެނޭ ގޮތަށް ގަވައިދު އިސްލާހު ކުރަން ލޯފަމަކާ ހަވާލު ކުރަން ނިންމައި އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހުމުން ލޯފާމެއް ހޯދަން ބީލަމަށް ހުޅުވާލާނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.

"ގާނޫނު ތަންފީޒުވާނީ މި ގަވައިދުތައް ހެދިގެން އެހެންވެ މި ކަމަށް ބޭނުންވާ ފައިސާ ހޯދަން މިއަދު ފިނޭންސް މިނިސްޓްރީގައި އެދެފިން. ވަރަށް ޔަގީންކަން އެބައޮތް ފައިސާ ހަމަޖެހިގެންދާނެ ކަމުގެ،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ 2012 ވަނަ އަހަރު ތަންފީޒުކުރަން ފެށި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު އިސްލާހު ކުރަންޖެހޭ ކަމަށާއި ހިޔާލުފާޅު ކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް ތަސްދީގު ކުރީ ކޮމިޝަނުން އެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"2012 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ގަވައިދު ވަރަށް ފުރިހަމަ ވާނެ އަލަށް މިއައި އަބުރުގެ ގާނޫނުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ގަވައިދު އިސްލާހު ވުމުން" ޝަހީބު ވިދާޅުވި އެވެ."

ހިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ މަހު އެވެ. އެ ގާނޫނުގެ ބައެއް ބައިތައް ބާތިލު ކުރުމަށް މިހާރު ވެސް ވަނީ މައްސަލައެއް ކޯޓަށް ވައްދާފަ އެވެ.