ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސްއަށް އެމެރިކަން އެކްސްޕްރެސް

Sep 5, 2016
  • ގެސްޓްހައުސް ކޮންފަރެންސް އޮތީ މިމަހު 24 ގައި
  • 15 ޕާޓްނަރުން ބައިވެރިވޭ
  • 150 ގެސްޓް ހައުސްގެ ވެރިން ބައިވެރިވޭ

މި މަހުގެ 24 ވަނަ ދުވަހު ބާއްވާ "ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސުގައި" އެމެރިކަން އެކްސްޕްރެސް ބައިވެރިވެއްޖެ އެވެ.

ގެސްޓްހައުސް ކޮންފަރެންސް ބާއްވާ ގެޓްވޭސް މޯލްޑިވްސް އިން ބުނީ "އެމެރިކަން އެކްސްޕްރެސް" ގެސްޓް ހައުސް ކޮންފަރެންސުގައި ބައިވެރިވެ މުހިންމު ޕްރެޒެންޓޭޝަނެއް ހުށަހަޅައިދޭނެ ކަމަށެވެ. މި ޕްރެޒެންޓޭޝަނުގައި ކާޑުން އެންމެ ރަނގަޅަށް މުއާމަލާތް ކުރާނެ ގޮތުގެ ހުނަރުތައް ކިޔައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމެރިކަން އެކްސްޕްރެސްއަކީ "އެމެކްސް" ކާޑުގެ ކުންފުންޏެވެ. އެމެރިކަން އެކްސްޕްރެސްއަކީ 1850 ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެކެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮންނާނީ މަހުގެ 24 ވަނަ ދުވަހު އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.