- ރޭޓިން ރަނގަޅުވުމުން ފައިސާ ހޯދަން ފަސޭހަ
- ރޭޓިން ދައްކުވައިދެނީ ފައިސާ ދެއްކުމުގެ ގާބިލްކަން
- ރާއްޖެއަށް ލިބުނީ "ބީ2" ރޭޓިން
ސަރުކާރުން ރާއްޖޭގެ "ކްރެޑިޓް ރޭޓިން" އާއްމު ކުރުމަކީ މާލީ ނިޒާމް ހަރުދަނާ ވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމަށް ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން މަރުހަބާ ކިޔާ ކަމަށް ބުނެފި އެވެ.
ސީއެމްޑީއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "މޫޑީޒް އިންވެސްޓާ ސާވިސަސް" މެދުވެރިކޮށް، އާއްމުކުރާ ކްރެޑިޓް ރޭޓިން އިން ހާމަކޮށް ދެނީ ދަރަނީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދެއްކުމުގެ ޤާބިލުކަން ހުރި މިންވަރު ކަމަށެވެ. އަދި މި ގޮތުން ސަރުކާރުންނާއި ކުންފުނިތަކުން ދޫކުރާ ބޮންޑް ފަދަ ދަރަނީގެ އިންސްޓްރުމަންޓްތަކުގައި އިންވެސްޓްކުރުމުގައި އިންވެސްޓަރުން ބަލާ އެންމެ މުހިންމު އެއް މިންގަނޑަކީ ކްރެޑިޓް ރޭޓީން ކަމަށް ސީއެމްޑީއޭން ބުނެފައިވެ އެވެ.
ސީއެމްޑީއޭއިން ބުނީ ކްރެޑިޓް ރޭޓިން ރަނގަޅުވާ ވަރަކަށް މާކެޓުން ފައިސާ ހޯދުން ފަސޭހަވެ، ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
މޫޑީޒް އިންވެސްޓާ ސަވިސަސް އިން ރާއްޖެ އަށް ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކަކީ، ރާއްޖޭގެ އިގްތިސާދީ ހާލަތާއި، މުއައްސަސާތަކުގެ ހަރުދަނާކަން ހުރި މިންވަރާއި، ދައުލަތުގެ ހަރަދާއި ދަރަނީގެ މިންވަރު، އަދި އެތެރޭގެ ހަމަޖެހުން [އިވެންޓް ރިސްކް] އެވެ.
މިގޮތުން މޫޑީސް އިން ފުރަތަމަ ފަހަރަށް ރާއްޖެ ދީފައިވަނީ "ބީ2" ރޭޓިން އެވެ.
ސީއެމްޑީއޭ އިން ބުނީ ކުރި އަށް އޮތްތަނުގައި މިހާރުގެ ރޭޓިން ދެމެހެއްޓުމަށާއި، އިތުރަށް ރަނގަޅު ކުރުމަށްޓަކައި މި ފަހާގަކުރެވުނު ކަންތައްތަކަށް އިސްކަންދީގެން ގައުމީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑު ކަމަށް ދެކޭ ކަމަށެވެ.
ސީއެމްޑީއޭ އިން ބުނީ ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ އިންވެސްޓަރުންނަށް ވެސް އިންވެސްޓް ކުރެވޭނެ ފަދަ ބޮންޑް މާކެޓެއް ރާއްޖޭގައި ތަރައްގީކުރުމަކީ ކެޕިޓަލް މާކެޓް ސްޓްރެޓީޖިކް ޕްލޭންގެ ދަށުންގައިވާ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މިގޮތުން ކަންޓްރީ ނުވަތަ ސަވަރެއިން ރޭޓިންއަކީ ހަރަކާތްތެރި ބޮންޑް މާކެޓެއް ރާއްޖޭގައި ތަރައްގީކުރުމަށް ސީއެމްޑީއޭ އިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ދެކޭ ކަމަށެވެ