މަރު

މަރުވެފައި އޮތް މީހަކު މަރަދޫ ބަނދަރު މަތިން ފެނިއްޖެ

އައްޑޫ ސިޓީގެ މަރަދޫގެ ބަނދަރު މަތީ ދުވަސްވީ މީހަކު މަރުވެފައި އޮތްވާ މިރޭ ފެނިއްޖެ އެވެ. މަރުވެފައި އޮތްވާ ފެނުނީ ގދ. ފަރެސްމާތޮޑާ، ރަންވެލި، އަހުމަދު އަލީ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، މަރަދޫ ބަނދަރު މަތިން މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހެއް ފެނިފައިވާ ކަމަށެވެ. އެއީ އުމުރުން 86 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިރޭ 11:00 ޖަހާ އެހާކަންހާއިރު އެމީހާ ގެއްލިގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

"އެމީހާ ގެއްލިގެން ހޯދަމުން ދިޔައީ ފުލުހުން ވެސް. އޭގެ ފަހުން އާންމު ފަރާތަކުން މައްސަލަ ހުށަހެޅީ ބަނދަރުގައި މަރުވެފައި އޮތް މީހަކު ފެނިގެން،" އިސްމާއިލް ވިދާޅުވި އެވެ.

މަރަދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސާ އިރުތިޝާމް ނަޖީބު ވިދާޅުވީ އަހުމަދު މަރުވިއިރު ނިއްކުރިއަށް ވުރެ މަތީގައި ފްރެކްޗާއެއް އިން ކަމަށާއި އޭނާ މަރުވީ އޭގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވާ ކަމަށެވެ. އަދި ގައިގެ ތިން ތަނެއް މަަށައިގެން ގޮސްފައި ހުރި ކަމަށެވެ. އިރުތިޝާމް ވިދާޅުވީ އަހުމަދަކީ ފިޓު ޖެހޭ މީހެއް ކަމަށެވެ.

ފަރެސްމާތޮޑާއަށް ނިސްބަތްވާ މި މީހާއަކީ މަރަދޫ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭ މީހެކެވެ.