ބޭރު ކުޅިވަރު

ގާޑިއޯލާ ދަނީ މުހިންމު ކުޅުންތެރިން ލަދުގަންނަވަމުން: ޓޯރޭގެ އެޖެންޓް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ޔާޔާ ޓޯރޭ ބާކީ ކުރުމުން އޭނާގެ އެޖެންޓް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ފާޑުކިޔައިފި އެވެ.

އައިވަރީ ކޯސްތްގެ ކެޕްޓަން ޓޯރޭ، 33 ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީ ކުރިއިރު މި ސީޒަނުގައި އިނގިރޭސި ޕްރެމިއާ ލީގުގައި ސިޓީ ކުޅުނު ތިން މެޗުގައި ވެސް އިނީ ބެންޗުގަ އެވެ.

މިހެންވެ އޭނާގެ އެޖެންޓް ޑިމިޓްރީ ސެލޫކް ބުނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ސިޓީ ހޯދައިދިނަމަ އޭނާ ގާޑިއޯލާގެ ނިންމުން ގަބޫލު ކުރާނެ ކަމަށެވެ.

"މިއީ ގާޑިއޯލާގެ ނިންމުމެއް. އަހަރުމެން އޭނާގެ ނިންމުމަށް އިހްތިރާމްކުރަން. ޕެޕް ގާޑިއޯލާ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ އަހަރެން އިނގިރޭސިވިލާތަށް ގޮސް ޓީވީގައި ބުނާނަން އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗޭ. އެކަމަކު އެކަން ނުވެއްޖެނަމަ އަހަރެން ގަބޫލުކުރާނީ ގާޑިއޯލާގެ އަތުގައިކަމަށް ބޯޅަ އޮންނާނީ ޔާޔާ ޓޯރޭ ފަދަ މޮޅު ކުޅުންތެރިން ލަދުގަންނަވާލެވުމަކީ ތިމަންނަ އަށް ހެދި ގޯހެކޭ ބުނަން،" އެޖެންޓް ބުންޏެވެ.

އޭނާ އަދި ބުނީ ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީ ކުރި ނަމަވެސް ޓޯރޭ ހުރީ އޭނާގެ ފެންވަރު ސާބިތުކޮށްދޭން ގަދަ އަޒުމުގައި ކަމަށާއި ޖެނުއަރީ ޓްރާންސްފާގައި ސިޓީ ދޫކޮށް އެހެން ކުލަބަކަށް ވެސް ކުޅުންތެރިޔާ ނުދާނެ ކަމަށެވެ.

ގާޑިއޯލާ އަކީ ބާސެލޯނާގައި ޓޯރޭ ކުޅުނުއިރު ކުޅުންތެރިޔާ ވިއްކާލި ކޯޗެވެ. ގާޑިއޯލާ ޓޯރޭ ވިއްކާލީ ބާސެލޯނާގެ މިޑްފީލްޑް ލައިނުގައި މޮޅު ކުޅުންތެރިން ގިނަވެ ވާދަވެރިކަން ބޮޑުވުމުން ސްޕޭނުގެ ކުޅުންތެރިންނަށް އިސްކަންދިނުމަށެވެ. މިކަމާހެދި ޓޯރޭ ހިތްހަމަ ނުޖެހިފައިހުރިއިރު މި ސީޒަނުގައި ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވުމުން ޓޯރޭ އަށް ކުރިމަގެއްނެތް ކަމަށް މީޑިޔާތަކުން ބުނަން ފެށި އެވެ.