ރިޕޯޓް

ފިފްޓީ ޝޭޑްސް އޮފް މޯޑިސް!

"ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެ ލީޑް ކެރެކްޓާގެ ނަމަކީ ކްރިސްޓިއަން ގްރޭ އެވެ. ކުޑައިރު، އަންހެނެއްގެ ޖިންސީ ޝިކާރައަކަށްވެ ނަފުސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކެރެކްޓާއެކެވެ. ފަހުން މަހުޖަނެކެވެ. މޫޑް ސްވިންގްސް އާއި ކުރިމަތިވެފައިވާ ނަފުސާނީ އެހެން މައްސަލަތަކަށް ކްރިސްޓިއަން ގްރޭ ހައްލު ހޯދަނީ ކުޑައިރު ލިބުނު އަނިޔާ، އަރާމަކަށް ބަދަލުކޮށްލައިގެންނެވެ.

މި ވާހަކަ، ދިވެހިންގެ ސިޔާސީ މައިދާނާ ނުގުޅުވެންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު އެ ވާހަކަ އަށް ދާނީ މި އަންނަ ވާހަކަ އަށް ފަހު އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވަފާތެރިންނަށް ފާޑުވިދާޅުވަމުން މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައި ވަނީ ދިވެހިންނަށް ވުރެ "މޮޔަ ބައެއް" ނެތް ކަމަށެވެ. ދިވެހިންގެ ސިކުނޑި އަށް ބަލިޖެހި، އަނިޔާވެރި ރައީސާއި އޯގާތެރި ރައީސް ވެސް ވަކިކުރަން ނޭނގޭ ވަރަށް އެންމެންގެ "ބޯގޮވާފައި"ވާ ކަމަށެވެ.

އަދި މިއަށް ވުރެ ޝައުގުވެރި ވާހަކައެއް ވެސް އެބައޮތެވެ. ރާއްޖޭގެ ސިޔާސީ މަސްރަހްގެ ކުލަ އާއި ސިޔާސީ ވެރިންގެ ކުލަ ބަދަލުވާ ގޮތެވެ. ދިވެހިންގެ ސިޔާސީ ބޭފުޅަކާއި އެހެރަ ސަންފްރޮންޓްގައި ވިއްކަން ހުރި ކުލަ-ބަދަލުވާ ޒާތުގެ ބޮއްކަކާ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

ފިފްޓީ ޝޭޑްސްއާ ދިވެހިންގެ ސިޔާސީ ވާހަކަ ގުޅޭ ހިސާބަކީ ވެސް މިއީ އެވެ. އަދި މި ވާހަކަ ދައްކަން މި އަށް ވުރެ މުނާސަބު ވަގުތެއް ވެސް އަންނާނެހެންނެއް ހީއެއް ނުވެ އެވެ. މިރޭ ވެސް މުޒާހަރާ އޮންނާނެވެ. އެތައް ކުލައަކުން ބޮކި ދިއްލޭ މުޒާހަރާ އެކެވެ.

އެހެންވީމަ، "ދިވެހިން މޮޔަކޮށްލެއްވި" ރޮޒެއިނާގެ ވާހަކައިން ފަށާނީ އެވެ. ސިޔާސީ ހަތުރުވެރިން ރޮޒޭ ސިފަކުރަނީ އޭނާ އަކީ "ސިޔާސީ ގޮތުން އެންމެ އަނގަ ބޮޑު" ކަމަނާ ގެ ގޮތުގައެވެ.

ސިޔާސީ ޕޯޑިއަމްތަކުން ފެށިގެން އިއްޒަތްތެރި މަޖިލީހުގެ ގޮނޑިއާ ހަމަ އަށް ބެލިޔަސް ރޮޒޭއާ ގުޅުވައިގެން އާންމުން ދައްކާ މި ވާހަކަ އަކީ ކިހާ ވަރެއްގެ ހަގީގަތެއްކަން އެންމެނަށް ވެސް އެނގޭނެ އެވެ. ތަފްސީލަށް ދިއުމުގެ ބޭނުމެއް ވެސް ނެތެވެ.

ރޮޒޭ އަކީ ވެސް އެންމެ ފުރަތަމަ މައުމޫނުގެ ވަފާތެރިއެކެވެ. ނިކަން ފޯރީގައި މައުމޫނާއި އެ ބޭފުޅާގެ ސަރުކާރުގެ ދިފާއުގައި ހަޅޭފަޅޭ ޖެއްސެވި މޫނެކެވެ. ނަމަވެސް ޑީއާރްޕީގެ ރަން ޒަމާނުގެ ދުވަސް ދުއްވާލި "ޒައީމް ޑީއާރްޕީ" އާ އެކު ރޮޒޭގެ މޫނާއި މައުމޫނުގެ މޫނު ކެނޑުނީ އެވެ.

މިއީ ރޮޒޭގެ ފުރަތަމަ ޝޭޑެވެ. އެއަށް ފަހު ޑީއާރްޕީގެ ކުލަ އާއި، އެއްއިރެއްގައި މާ މަޝްހޫރުވެގެން އުޅުނު ގައުމީ ޕާޓީގެ ކުލަ އެއްވެ، ރޮޒޭގެ ސިޔާސީ ކެރިއަރުގެ އެހެން ޝޭޑެއް އުފެދިގެން ދިޔަ އެވެ. އޭރު ރޮޒޭ ނިކަން އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ "ޑިމޮކްރަސީ އެނގެނީ ޑީއާރްޕީ އަށް އެކަނި" ކަމަށެވެ. 

މިހާރު ވިދާޅުވަނީ ޑިމޮކްރަސީ އެނގެނީ އެމްޑީޕީ އަށް އެކަނި ކަމަށެވެ.

އެއީ އެންމެފަހުން ޒައީމް ޑީއާރްޕީ ޕީޕީއެމަކަށް ފައްކާވެ އޭގެ ވެރިކަމެއް ފެށިގެން ޑީއާރްޕީގެ ސިޔާސީ ބާރު ކެނޑިގެން ދިއުމުން ރޮޒޭގެ ސިޔާސީ ހަޔާތުގައި އޮޅިގެން ދިޔަ ޝޭޑަކާ ގުޅިގެންނެވެ. ކުލަ ބަދަލުކޮށްލެއްވީ އެވެ.

މިހާރު ރޮޒޭ އަކީ މައުމޫނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ސިޔާސީ ބޭކަނބަލެވެ. މިއީ ހަމަ ކްރިސްޓިއަން ގްރޭގެ ވާހަކަ ވެސް ފެށިގެން ގޮސް ނިމޭ ގޮތެވެ. އަދި މިއީ ރޮޒޭގެ ވާހަކަ އެކަންޏެއް ވެސް ނޫނެވެ. ސިޔާސީ އެންމެން ކުޅެމުން އަންނަ ފިލްމެއްގެ ވާހަކަ އެވެ. ރޮޒޭ އަކީ މިސާލެކެވެ.

ކޮންމެއަކަސް، ކުޑައިރު ލިބުނު އަނިޔާ އިން ނުކުމެ އޭގެ ބަދަލު ހިފާލައިގެން ހިތްހަމަޖައްސާލީ އެވެ. މައުމޫނުގެ ވެރިކަމުގައި ރޮޒޭ އަކީ ސިޔާސީ ގޮތުން "ކުޑަކުއްޖެކެ"ވެ. ނުވަތަ ރޮޒޭ އެ ވިދާޅުވާ ސްޓޮކްހޯމް ސިންޑްރޯމް ޖެހިވަޑައިގެން ހުންނެވި ފަރާތެކޭ ވެސް ބުނެވިދާނެ އެވެ.

އޭގެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް ސިޔާސީ ކުލަ ބަދަލުކުރެއްވުމަށް ފަހު އޭރުގެ ވާހަކަތަކުން ބަދަލު ހިއްޕެވީ އެވެ. މައުމޫނުގެ އާއިލާގެ ބޭފުޅުންގެ ސިއްރުތައް ބޭޒާރުކުރައްވަމުން، ސިޔާސީ ހިތްހަމަޖެހުން ހޯއްދަވަމުން ރޮޒޭ ގެންދެވިގޮތް ނޫސްތަކުގެ ފަލަސުރުހީތައް ހާވާލީމަ މިހާރު ވެސް ފެންނަން އެއޮތީ އެވެ.

މިއީ އެއްގޮތަކަށް ވެސް ރޮޒޭއާ ޖައްސާލުމެއް ނޫނެވެ. ނަމަވެސް ރޮޒޭމެން ފެންވަރުގެ ސިޔާސީ ބޭކަނބަލުންނަކީ "ފިފްޓީ ޝޭޑްސް އޮފް މޯޑިސް ޕޮލިޓިކްސް" އޭ ކިޔުނު މި ފިލްމުގެ އެންމެ މުހިންމު ބަތަލާއިންނެވެ.

އަދި ޖުމްލަކޮށް، މި ތިއްބެވި ސިޔާސީ ހުރިހާ ބޭފުޅުންގެ ވާހަކަ ވެސް ކިޔައި ދެވޭނީ ހަމަ "ރޮޒޭގެ ވާޝަނެއް" ހެންނެވެ. 

ސިޔާސީ ކުލަ ބޮކީގެ ވާހަކައިން އަލުން ފަށާ ނަމަ މިހާރު ކުރިއަށް ދާ ސިލްސިލާ މުޒާހަރާތަކަށް ޖެހިލަމާ ހިނގާށެވެ. މިސާލަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރުގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒު ނެގިދާނެ އެވެ.

ރިޔާޒަކީ އެ ބޭފުޅާ ވިދާޅުވާ ގޮތުން އެއްވެސް އިރަކު ސިޔާސީވެ ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް ގައުމުގެ ފުލުހުންގެ ވުޒާރާ "ސިޔާސީ ޕާޓީއަކަށް" ބަދަލުކޮށްލި ނަން ލިސްޓްގެ އެންމެ ކުރީގައި ރިޔާޒުގެ ނަން ހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން އޭރު ބުންޏެވެ. 

އެމްޑީޕީގެ އެ ފަރާތްތަކުން ފަހަރެއްގައި މިހާރު ރިޔާޒު ކުށްވެރިކޮށް "ހޭޝްޓެގް ލަދު" ކެމްޕޭނު ނުޖައްސަފާނެ އެވެ. ސަބަބަކީ އެމްޑީޕީގެ ސަރުކާރު ނިމުމަކަށް ގެންނެވުމަށް އަދާކުރެއްވި އިސް ރޯލަށް ފަހު ދެން ފޮޅިގެން އައި އަސުރުމާތައް މިލައި މޯޅި ނުވަނީސް ރިޔާޒްގެ ސިޔާސީ ހަޔާތުގެ ކުލަ ބަދަލުވީމަ އެވެ.

އޭރު އެމްޑީޕީގެ ޒާތީ ދުޝްމަނަކަށް ބަދަލުވި ރިޔާޒަކީ މިއަދު އެމީހުންގެ ގާތް އެކުވެރިޔެކެވެ. އެމްޑީޕީގެ މެމްބަރުންނާ ކޮނޑާއިކޮނޑު ޖައްސާލައްވައިގެން އެ ހުންނެވީ އެވެ.

ރިޔާޒުގެ ސިޔާސީ ހަޔާތް އިހަކަށް ދުވަހު ފެއްޓެވުމުން އެ ބޭފުޅާގެ ސިޔާސީ ހަޔާތަށް އަންނަން އުޅެނީ އަދި ކިތައް ޝޭޑް ކަމެއް ވެސް ބުނާކަށް ނޭނގެ އެވެ.

ނަމަވެސް މި އެންމެނަށް ބަލާލުމުން ވެސް އެނގެނީ އެއްވެސް މީހެއްގެ ކިބައިގައި ހަގީގީ އިހްލާސްތެރިކަމެއް ނެތް ކަމެވެ. ރިޔާޒު ވެސް ޕީޕީއެމްގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަނީ ކޮންމެހެން ހައްގަށް ލޯބިކުރާތީކީއެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ރިޔާޒުމެން ފަދަ ބޭފުޅުންނަށް ސިޔާސީ މަގު އޮޅިވަޑައިގަތަސް ހައްގުގެ މަގު އެގޮތަށް އޮޅެމުން ނުދާތީ އެވެ. ހައްގުގެ މަގަކީ ބަދަލުވާ އެއްޗެއް ނޫނެވެ. ބަދަލުވަނީ މި ތިއްބެވި ސިޔާސީ ވެރިންނެވެ.

އެހެންވީމަ އެމްޑީޕީ އިން ވެސް "އިއްޔެ ބާޣީއަކަށް ހަދައި، ޖަލަށް ލުމަށް ގޮވާލި" ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިފާއުގައި ނުކުމެފައި އެ އޮތީކީ އެއްގޮތަކަށް ވެސް ހައްގަށް ލޯބިކުރާތީކީއެއް ނޫނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުހާ "ލާދީނީ ބޭފުޅެއް ނެތް" ކަމަށް ވިދާޅުވެ އެ ބޭފުޅާގެ ވެރިކަން ވައްޓާލި މުޒާހަރާގެ މުހިންމު މެމްބަރުން އެ ބޭފުޅާގެ ސަފަށް މިއަދު ވަދެވަޑައިގެންފައި އެ ވަނީ ވެސް ހައްގަށް ލޯބިކުރާތީކީއެއް ނޫނެވެ.

ސިޔާސީ މަސްރަހް ބަދަލުވެ އެމްޑީޕީގެ ރަން ރީނދޫ ދޫލައިގައި ވެސް އެހެން ޝޭޑެއް އެޅިގެން ދިޔައީ އެވެ. އަދި މުއްސަނދިކަމުގެ ބާރުން ސިޔާސީ މައިދާނުގައި ނުފޫޒު ގަދަކުރައްވާފައިވާ ގާސިމް އިބްރާހީމުގެ ޝޭޑް ވެސް ދުވަސްވަރާ ދިމާކޮށް އަނެއްކާވެސް ބަދަލުވެލީ އެވެ.

އެމްޑީޕީގެ މިހާރުގެ އިސް ސަފަށް ބަލާލާއިރު ވެސް ފެންނަނީ ސިޔާސީ އެތައް ޝޭޑެއްގެ ތެރެއިން ދެމިގެން ގޮސް އެ ޕާޓީގެ މުހިންމު މަގާމުތަކުގައި ވަކި ހިއްޕާލާފައި ތިބި ފަރާތްތަކެވެ.

"ފިފްޓީ ޝޭޑްސް އޮފް ގްރޭ" އަކީ ފައިސާވެރިކަމާއި އާއިލީ މުއްސަނދިކަމާއި އެ މުއްސަނދިކަމުގެ ބާރަށް ދަމައިގެން ދާ މީހުންގެ ވާހަކަ އެވެ. އެ މުއްސަނދިކަމާއި އާރާއި ބާރުގެ ނިވަލުގައި ފޮރުވިފައިވާ އަނިޔާ އާއި އަރާމުގެ ވާހަކަ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގެ ހުލާސާ ވެސް ލިޔެވޭނީ ހަމަ މިހެންނެވެ. ސިޔާސީ މައިދާނަށް ފައިސާ އަޅަން މި ތިބެނީ ވަކި ބައެކެވެ. އެ ފައިސާގެ ބާރުގައި ސިޔާސީ މަޝްހޫރު މޫނުތައް އެއް ދިމާލުން އަނެއް ދިމާލަށް ގެންދާ ވާހަކަ ދޭތެރެދޭތެރެއިން އިވޭނެ އެވެ.

ހަމަ މި ރާގުގައި، ސިޔާސީ އަނިޔާ އާއި އަރާމުގެ ވާހަކަ ވެސް ފަޅަފަޅައިގެންދެ އެވެ.

މިސާލަކަށް ފަނޑިޔާރު އަލީ ހަމީދަކީ މި ދަންނަވާ "ސިޔާސީ އަނިޔާ" ގެ ޝިކާރައަކަށް ހަދައި ސިޔާސީކޮށްފައިވާ އެންމެ މަޝްހޫރު ފަރާތެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ސަރުކާރުގެ އޭރުގެ އޮފިޝަލުންގެ ބަޔަކާއި މަޖިލިސް މެމްބަރުންތަކަކަށް ވެސް އެންޖެލިކް ޝެރޯނޭ ކިޔުނު ފެންޓަސީއެއްގެ "އަރާމާއި އަނިޔާ" ލިބިވަޑައިގެންނެވި އެވެ.

މިއީ ސިޔާސީ މައިދާނުގެ އެންމެ ހުތުރު "ޝޭޑޭ" ވެސް ބުނެވިދާނެ އެވެ.

ކޮންމެއަކަސް މި ފިލްމު ބަލައިގެން ހާސިލުކުރަން ޖެހޭ އިބްރަތަކީ ރައްޔިތު މީހާގެ ހައްގުގައި އުޅޭ ސިޔާސީ ވެރިޔަކު ނެތް ކަމެވެ. މިއީ އެމީހުން އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ "ފިފްޓީ ޝޭޑްސް" އެއް ކަމެވެ.

މިރޭ ވެސް ޝޯ ކުރިއަށް ދާނެ އެވެ. ވަނުން ހިލޭ އެވެ. އެކަމަކު ހަވާ އެރުވުމެއް ނޯންނާނެ އެވެ. ފަހަރެއްގައި ކަރުނަ ގޭސް ޖަހައިފާނެ އެވެ.