ވިޔަފާރި

ރާއްޖެއާމެދު ފަތުރާ ދޮގު ވާހަކަތަކާ ކުރިމަތިލާން ކުންފުނިތަކެއް ނުކުމެއްޖެ

Sep 5, 2016
5

ރާއްޖޭގެ އަގު ވައްޓާލަން ފަތުރަމުންދާ ދޮގު ވާހަކަތަކާ ކުރިމަތިލާން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއާރް ކުންފުނިތަކެއް ހަމަޖައްސައި، މަސައްކަތް ފަށައިފި އެވެ. ދަރުބާރުގޭގައި މިއަދު ފެށި ހޮޓެލް އޭޝިޔާ ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއާ ދޮގު މައުލޫމާތުތައް ފަތުރަމުންދާތީ އެކަމާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެކި ސަރަހައްދުތަކުގައި ޕީއާރް ކުންފުނިތަކެއް ހަމަޖައްސާފައިވާ ކަމަށާއި، މީގެ އިތުރުން ރާއްޖެ ޕްރޮމޯޓް ކުރުމަށް ވެސް ހާއްސަ މަސައްކަތް ތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ޓޫރިޒަމްގެ ހާލަތު ދެނެގަތުމަށް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި، މި ކޮންފަރެންސް ބޭއްވުމުގެ މަގުސަދަކީ އަންނަ އަހަރަށް ރާއްޖެ މާކެޓު ކުރުމަށް ބޭނުންވާ ޕްލޭންތަް ހެދުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުން ކަމަށެވެ.

ރާއްޖެ އަގުވައްޓާލާ ވާހަކަތަކާ ކުރިމަތިލާން މަސައްކަތަތްކެއް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއިރު، އިނދިކޮޅު ފަރާތްތަކުން ދަނީ ދުނިޔޭގެ އެކި މީޑިޔާތައް ބޭނުންކޮށްގެން ރާއްޖެއާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ފަތުރަމުންނެވެ. އެގޮތުން އަލްޖަޒީރާ އިންވެސްޓިގޭޓްސް އިން ތައްޔާރު ކުރި، "ސްޓީލިން ޕެރަޑައިޒް" އަކީ ވެސް އެ ޔުނިޓްގައި އުޅޭ ނޫސްވެރިންތަކަކަށް ފައިސާ ދީގެން އިދިކޮޅު ފަރާތްތަކުން ކުރުވާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.