ވިޔަފާރި

މާލޭގެ ހުރިހާ ބިދޭސީ އެކޮމޮޑޭޝަން ގުޅިފަޅަށް

  • ލޭބަ ޕާކް ހަދަނީ އައިއެލްއޯގެ މިންގަނޑަކަށް
  • މިތަނުން 30،000 ބިދޭސީންނަށް ފުރުސަތު ލިބޭނެ
  • މަސައްކަތް ނިންމާފައި، ގުޅިފަޅަށް ދާން ޖެހޭނެ

މާލޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ ހުރިހާ އެކޮމޮޑޭޝަނެއް ގުޅިފަޅަށް ބަދަލު ކުރަން އެ ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޑެޑުން ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެގައި ގުޅިފަޅު އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލް ވިދާޅުވީ ގުޅިފަޅުގައި ބިދޭސީންނަށް ހާއްސަ "ލޭބަ ޕާކެއް" ތަރައްގީ ކުރަނީ ވެސް އެ އަމާޒަށް ވާސިލުވުމަށް ކަމަށާއި އެކަން ކުރަނީ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ މިންގަނުތަކާ އެއްގޮތަށް ކަމަށެވެ. ފަޒީލް ވިދާޅުވީ އެތަން ތަރައްގީކޮށް ނިމުމުން މިހާރުން މިހާރަށްވެސް، 7،000 އަށްވުރެ ގިނަ ބިދޭސީންނަށް ތިބެވޭނެ ކަމަށެވެ. ގުޅިފަޅު ތަރައްގީ ކުރަނީ 30،000 ބިދޭސީންނަށް އަމާޒުކޮށް ކަމަށެވެ.

"ލޭބަ ޕާކްގެ މަސައްކަތް މި ވަގުތަށް ނިމޭއިރު، 7،300 ލޭބަރުންނަށް އުޅެވޭނެ. މިހާރު އެކަން ކުރުމަށް ވާނީ ބިޑަށް ހުޅުވާލާފައި. މިމަހުގެ 22 އަށް މުއްދަތު ހަމަވާނެ. އެތަން ހަދާނީ މުޅިތަން އައުޓްސޯސް ކުރާ ގޮތަށް،" ފަޒީލް ވިދާޅުވި އެވެ.

ގުޅިފަޅު އިންވެސްޓްމަންޓުން ގުޅިފަޅުގައި ތަރައްގީ ކުރާ "ލޭބަ ޕާކް" ގައި ބިދޭސީންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ރެސްޓޯރެންޓާއި ކެފޭގެ އިތުރުން މިހާރު މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނަށްވުރެ "ފެންވަރު ރަނގަޅު" އެކޮމަޑޭޝަންތައް ހުންނާނެ ކަމަށެވެ.

ފަޒީލް ވިދާޅުވީ "ލޭބަ ޕާކް" ނިމުމުން މާލޭގެ މަގުތަކާއި މާލޭގެ މާހައުލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، މި ގޮތުން އެ ތަން ނިމުމުން ކޮންމެ ދުވަހަކު މަސައްކަތް ނިންމުމަށްފަހު ބިދޭސިން ގުޅިފަޅަށް ދާން ޖެހޭނެ ކަމަށެވެ.

"އެ ތަން މި ހަދަނީ އެކޮމޮޑޭޝަނަށް ލިބޭ ގޮތަށް. އޭރުން ބިދޭސީ މަސައްކަތް ނިމުމުން ދާނީ އެކޮޅަށް [ ގުޅިފަޅަ] ށް. އެ ރަށަށް ފެރީގެ ނިޒާމެއް އޮންނާނެ. މި މަސައްކަތް ކުރަމުން މިދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން. މި ތަނުގައި ހުންނާނެ މެޑިކަލް ފެސިލިޓީސް ވެސް. މި ބަލަނީ އަންނަ އަހަރު މި ހުރިހާ ކަމެއް ނިމި އިމްޕްލިމެންޓް ކުރެވޭތޯ،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅިފަޅުގައި މިހާރު ނިމިފައިވާ، 18 ފްލެޓް ހާއްސަ ކުރާނީ ވެސް ބިދޭސީ ލޭބަރުން ބައިތިއްބަން ކަމަށެވެ.

"ލޭބަ ޕާކް އަންނާނީ މި ތަނަށް. މިތަނުގެ ކޮޓަރިތަކުގައި މީހުން ތިބޭނީ ވަކި އުސޫލަކުން. މާލޭގައި ނަމަ ގާތްގަނޑަކަށް 10 ފޫޓު، 10 ފޫޓުގެ ކޮޓަރިއެއްގައި 10 މީހުންވަރު އުޅޭ. ނަމަވެސް މި ތަނުގައި [ގުޅިފަޅު] ގައި ތިބެވޭނީ އެންމެ ގިނަވެގެން ހަތަރު މީހުން. މި ތަން ހިންގަން ހަވާލުވާ މީހުންނަށް ވެސް ވަރަށް ސްޓްރިކްޓް ގައިޑްލައިން ތަކެއް ހަދާނަން،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅިފަޅު ހަމަޖައްސާ އެކޮމޮޑޭޝަންތަކުގެ ކުލި ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށާއ، މިއީ ކުންފުނިތަކަށް ވެސް ލިބޭނެ ލުޔެއް ކަމަށެވެ.

"ވަރަށް ކުޑަވާނެ. ނަމަވެސް ސީދާ އަގެއް އެނގޭނީ ޕްރޮފޯސް ކުރާ ފަރާތުގެ އަގުން. މިތަނުގެ ބޭނުމަކީ ބޮޑު އެއްޗެއް ނެގުމެއް ނޫން. މިއީ ސަރުކާރުގެ ނިންމުމެއް. ސަރުކާރުން ބޭނުންވަނީ މާލޭގައި ތިބި ބިދޭސީންގެ ގުޅިފަޅުން ހަމަޖައްސައިދޭން،" ފަޒީލް ވިދާޅުވި އެވެ.

މާލޭގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލޭގައި ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ އެވެ.