ޓްރާންސްޕޯޓް އޮތޯރިޓީ

ފުވައްމުލަކު ފަރަށް އެރި ބޯޓުގެ މުދާތައް ވެސް ފަރަށް!

  • ހުއްދަ ދިނީ އީޕީއޭ އާއި އޭޖީއާ މަޝްވަރާކޮށްފައި
  • ބޯޓް ފުން ކުރަނީ ސިންގަޕޫރު ކުންފުންޏަކުން
  • ބޯޓްގައި ހުރި ތެޔޮ އެހެން އުޅަނދަކަށް ބަދަލު ކުރަނީ

މިދިޔަ މަހުގެ ޏ. ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު، "އެމްވީ އެންޖީއޯސީ ސަން" ފުން ކުރަން ފެށި މަސައްކަތުގައި ބޯޓުގައި ހުރި މުދާތަށް ފަރުމައްޗަށް ދޫކޮށްލަން ފަށައިފި އެވެ.

މި ބޯޓު ފުވައްމުލަކު ފަރަށް އަރާފައިވަނީ މިދިއަ މަހުގެ 13 ވަނަ ދުވަހު އެވެ. ފަރަށް އެރީ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ހިލަވެއްޔާއި، ހިލަ އަދި ދަނގަޑު ހިފައިގެން ދަތުރު ކުރަމުން ދަނިކޮށެވެ.

ބޯޓުގެ ވެރިފަރާތް، އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު "އަވަސް" އަށް ވިދާޅުވީ ބޯޓު ފުން ކުރެވެން އޮތީ ބޯޓު ލުއިކޮށްގެން ކަމަށާއި ބޯޓުގައި ހުރި މުދާ ފަރުމައްޗަށް އަޅަން ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ.

"ބޯޓު ފުންކުރަން ވެގެން އެންމެ ފުރަތަމަ ބޯޓު ލުއި ކުރަން ޖެހޭ. ސަރުކާރުން މިހާރު ހުއްދަ ދީފި ކާގޯ މުދާ ފަރު މައްޗަށް އަޅަން. އޭގެ ކުރިން އެކަމަކު ބޯޓުގައި ހުރި ތެޔޮތައް ކަނޑަށް އެޅިދާނެތީ އެހެން އެއްޗަކަށް ޓްރާންސްފާ ކުރާނެ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ބޯޓު ލުއި ކުރުމަށްފަހު ބޯޓު ފުންކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ބޯޓު ފުންކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކާއެވެ. ބޯޓު ފުންކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ދިން 15 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ބޯޓު ފުން ނުކުރެވުމުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ ބޯޓު ފުން ކުރަން އިތުުރު 15 ދުވަސް ދީފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް މިއަދު ވިދާޅުވީ ބޯޓުގައި ހުރި މުދާތައް ފަރަށް އަޅަން ހުއްދަ ދިނީ ބޯޓު ފުންކުރެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

"އީޕީއޭ އާ ޓްރާންސްޕޯޓާއި، ކޯސްޓްގާޑާއި އެޓާނީ ޖެނެރަލް އާ ބޯޓުގެ އެޖެންޓުން މަޝްވަރާކޮށްފައި ބެލީ ބޯޓު ފުންކުރެވެން އޮތީ ކިހިނެެއްތޯ. އެ މަޝްވަރާގައި އެނގުނީ ފަރަށް މުދާތައް ބޭރުކޮށްގެން ކަން ބޯޓު ފުން ކުރެވެން އަންނަނީ. އެހެންވެ އެ ހުއްދަ ދިނީ" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ފަރަށް ލިބޭ ގެއްލުންތަކުގެ ބަދަލު ބޯޓު ފުންކޮށް ނިމުމުން ދިރާސާއެއް ކުރުމަށްފަހު ހޯދާނެ ކަމަށެވެ.

މި ބޯޓް ފަރަށް އަރާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން މުދާ ބަރުކޮށްގެން މިދިޔަ މަހު އަށް ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށް މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަނިކޮށެވެ. މި ހިލަ ވެއްޔަކީ އެ ރަށުގެ ނަރުދަމާގެ މަޝްރޫއަށް ގެންދިޔަ ހިލަ ވެލިތަކެކެވެ. ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި މި ބޯޓް ފަރަށް އެރި އިރު 20 ފަޅުވެރިން ތިއްބެވެ. ބޯޓު ފަރަށް އެރި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެ އެވެ.