ޓޫރިޒަމް

ފަތުރުވެރިކަމުގެ ދުވަހު ދާއިރާގެ އިސް ފަރާތްތައް އެއް މޭޒަކަށް!

  • ބޮޑު ހަރަކާތަކީ ޓޫރިޒަމް އިންޑަސްޓްރީ ކޮންފަރެންސް
  • ޑެސްޓިނޭޝަން މާކެޓިން ޕްރޮމޯޝަން ވެސް އޮންނާނެ
  • ދަތިތައް ނައްތާލަން ގައުމީ ފެންވަރުގައި މަޝްވަރާކުރާނެ

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ދާއިރާގެ ތަރައްގީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް، ރިސޯޓް ހޮޓާ ހިންގާ ފަރާތްތަކާއި ދާއިރާގެ އެކި މަގާމްތަކުގައި މަސއްކަތްކުރާ އިސްވެރިންނަށް މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް ކޮންފަރެންސެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

"ޓޫރިޒަމް އިންޑަސްޓްރީ ކޮންފަރެންސް 2016" ނަމުގައި މިމަހުގެ ހަތާވީހާއި އަށާވީހުގައި ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ ފޯރަމަކީ، ފަތުރުވެރިކަމުގެ އަހަރުގެ ގޮތުގައި ސަރުކާރުން ފާހަގަކުރާ މިއަހަރު، އެ ދުވަހާ ގުޅިގެން ބާއްވާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު ދެ ކަމެއްގެ މަޝްވަރާ ކުރުމަށް ބާއްވާ އެ ކޮންފަރެންސުގައި ފުރަތަމަ ދުވަހު ކުރިއަށްގެންދަން ނިންމާފައިވަނީ "ހައި ލެވެލް ޓޫރިޒަމް އިންޑަސްޓްރީ ފޯރަމް" ގެ ނަމުގައި ރިސޯޓްތަކާއި ހޮޓާތަކުގެ ޖެނަރަލް މެނޭޖަރުންނާއި ސީނިއާ އެގްޒެކެޓިވް އޮފިސަރުން ފަދަ އިސް ފަރާތްތަކަށް އިމާޒުކޮށްގެން ބާއްވާ މައްދަލުވުމެކެވެ. ދެ ވަނަ ދުވަހު ބާއްވަން ނިންމާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުންވާ ޕްރޮމޯޝަނަލް އިވެންޓް ތަކާ ބެހޭ މަޝްވަރާ ބައްދަލުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ހައި ލެވެލް ޓޫރިޒަމް އިންޑަސްޓްރީ ކޮންފަރެންސްގައި ދާއިރާގެ އިސް ފަރާތްތައް އެއް މޭޒަކަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ހުރިހާ ބޭފުޅުން އެއް ތަނަކުން ބައްދަލުވެ، ފަތުރުވެރިކަން ކުރިއަށްދާ ގޮތާއި އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ދެނެގަނެ ހުރި ދަތިތައް ނައްތާލަން ގައުމީ ފެންވަރުގައި މަޝްވަރާކުރުން ކަމަށެވެ. އަދި ޕްރޮމޯޝަން ކޮންފަރެންސް ގެ ސަބަބުން ދާއިރާގެ މާކެޓިން މަގާމްތަކުގައި އުޅޭ ފަރާތްތައް އެއްތަންވެ، ފަތުރުވެރިކަމާ ބެހޭ ދަތުރުފަތުރު ކުރުމުގެ އިންޓެލިޖެންސް ތަފާސް ހިސާބު ބޭނުންކުރެވި ހާއްސަ ދިރާސާތަކެއް ކޮށް، ދާއިރާ އިޝްތިހާރު ކުރުމުގެ ކަންކަން ކުރިއަށްވުރެ މޮޅަށް ބައްޓަން ކުރާނެ ގޮތްތައް އެނގިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.

މި އަހަރުގެ ކޮންފަރެންސް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ފެނިގެންދާ ފުރަތަމަ ބޮޑު ކޮންފަރެންސަށެވެ.