ރިޕޯޓް

ގުޅިފަޅު ލޭބަ ޕާކް: މާލެ އަށް ލުޔެއް ލިބޭނެތަ؟

Sep 7, 2016
3
  • މަސީން މިކަމަށް ކުރިން ވެސް ގޮވާލި
  • ބިދޭސީ ވިލެޖުން ގިނަ ހިދުމަތްތަކެއް ލިބޭނެ
  • އެހެން ގައުމުތަކުގައި ވެސް މިފަދަ ތަންތަން ހުރޭ

ސަރުކާރުން މި ވަނީ ގުޅިފަޅުގައި ބިދޭސީންނަށް ހާއްސަ ވިލެޖެއް ނުވަތަ "ލޭބަ ޕާކެއް" ހެދުމަށް ނިންމާފަ އެވެ. މީގެ ބޭނުމަކީ މާލޭގެ ތޮޖެހިފައިވާ މާހައުލަށް ލުޔެއް ގެނެސް ދިނުމެވެ. ކުޑަ ތަންކޮޅުގައި ދިވެހިންނާ މަސްހުނި ވެގެން އުޅެމުންދާ ބިދޭސީންނަށް ވަކިން އުޅެވޭނެ ގޮތެއް ހަމަޖައްސައި ދިނުމެވެ. މިކަމުން މާލޭގެ މާހައުލަށް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ ބޭރު ގައުމުތަކުގައި ވެސް މި ފަދަ ތަންތަން ހުރޭ ހެއްޔެވެ؟

"އަޅުގަނޑުމެންގެ މަގުސަދަކީ މާލޭގައި ހުރި ހުރިހާ ބިދޭސީ އެކޮމޮޑޭޝަންތައް ގުޅިފަޅަށް ބަދަލު ކުރުން. ބޭނުމަކީ މާލެއަށް ލުޔެއް ގެނެސް ދިނުން،" ގުޅިފަޅު އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލް ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ އެންމެ ގަދަޔަށް މަސައްކަތް ހިންގާ ސިންގަޕޫރާއި ދުބާއީ އަދި މެލޭޝިޔާ ފަދަ ތަންތަނުގައި ހުންނަ ވަސީލަތް ތަކެއް. ހަގީގަތުގައި މީގެ ސަބަބުން ވެރިރަށް މާލެއަށް ވެސް ލުޔެއް ލިބޭނެ،" މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

ޕާކްގެ ގޮތުގައި ގުޅިފަޅުގައި ތަރައްގީކުރާ ސަރަހައްދު ހަދަނީ ބިދޭސީން މާލެ އަންނަން ނުޖެހޭ ގޮތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއެކުގަ އެވެ. މި ތަނުގައި ބިދޭސީން ގުޅޭނެ ވަސީލަތްތަކާއި މުނިފޫހި ފިލުމުގެ ތަފާތު ވަސީލަތްތަކުގެ އިތުރުން ސިއްހީ ހިދުމަތް ހޯދޭނެ ގޮތާއި ރެސްޓޯރެންޓް އަދި ކެފޭ އާއި ފިހާރަ ވެސް ހުންނާނެ އެވެ. މިފަދަ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަން ގުޅިފަޅު އިންވެސްޓްމަންޓުން ވަނީ ހުޅުވާލާފަ އެވެ. މިއީ ރާއްޖޭގައި މިފަދަ ތަނެއް ބިދޭސީންނަށް ހާއްސަކޮށްގެން ހަދާ ފުރަތަމަ ފަހަރެވެ. މިހާރު ބިދޭސީ މަސައްކަތު މީހުންވެސް ދިިރިއުޅެމުން ގެންދަނީ ފުރި ބާރުވެފައިވާ ވެރިރަށް މާލޭގަ އެވެ. ގާތްގަނޑަކަށް ދެ ލައްކަ އެއްހާ މީހުން ދިރިއުޅޭ މާލޭގައި 20،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެހެންވެ މަސައްކަތް ނިންމުމަށްފަހު މި މީހުންނަށް ހާއްސަ ތަނަށް ބަދަލުވާން ފުރުސަތު ލިބިއްޖެނަމަ މާލެއަށް ކޮން ވެސް ވަރެއްގެ ލުޔެއް އަންނާނެ ކަމަށް ބެލެވެ އެވެ.

"މަސައްކަތް ނިމުން ދާންވީ، ފެރީ އޮންނާނެ"

ގުޅިފަޅު އެމްޑީ ފަޒީލް ވިދާޅުވީ އަންނަ އަހަރު ގުޅިފަޅު އެއްކޮށް މި މަސައްކަތައް ފައްކާ ކުރުމުން މާލޭގައި އުޅޭ ބިދޭސީން މަސައްކަތް ނިމުމުން ގުޅިފަޅަށް ދާން ޖެހޭނެ ކަމަށެވެ.

"މަސައްކަތް ނިންމާފައި ދާންވީ. އެ ތަން މި ހަދަނީ އެކޮމޮޑޭޝަނަށް ލިބޭ ގޮތަށް. އޭރުން ބިދޭސީ މަސައްކަތް ނިމުމުން ދާނީ އެކޮޅަށް [ ގުޅިފަޅަ] ށް. އެ ރަށަށް ފެރީގެ ނިޒާމެއް އޮންނާނެ. މި މަސައްކަތް ކުރަމުން މިދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން. މި ތަނުގައި ހުންނާނެ މެޑިކަލް ފެސިލިޓީސް ވެސް. މި ބަލަނީ އަންނަ އަހަރު މި ހުރިހާ ކަމެއް ނިމި އިމްޕްލިމެންޓް ކުރެވޭތޯ،" ފަޒީލް ވިދާޅުވި އެވެ.

މި ފަދަ ތަނެއް ހެދިއްޖެނަމަ، އަނެއް އެޑްވާންޓޭޖަކީ މާލޭގައި ފިލަައިގެން އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުން ހޯދައިގަންނަން ފަސޭހަވުމެވެ. މިކަން އިމްޕްލިމެންޓް ކުރުމުގައި އިމިގްރޭޝަނާއި ފުލުހުންނަށް ވެސް ފަސޭހަވާނެ އެވެ.

އެމްޑީ ފަޒީލް ވިދާޅުވީ މިތަން އެއްކޮށް ނިމުމުން ރާއްޖެ އަށް ބިދޭސީ މީހާ އެތެރެކުރާއިރު، މި ތަނުން ޖާގައެއް ހޯދުން ލާޒިމް ކުރެވިދާނެ ކަމަށެވެ.

"ރާއްޖެއަށް ބިދޭސީ މީހާ އިން ވާއިރު މިތަނުން ޖާގަ ލިބެން ހުރުން މިއީ ކުރެވިދާނެ ކަމެއް،" ފަޒީލް ވިދާޅުވި އެވެ.

އެހެން ގައުމުތަކުގެ ތަޖުރިބާ ކިހިނެއް؟

ސުވާލަކީ މި ފަދަ ތަނެއް ރާއްޖޭގައި ހަދާއިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި މަސައްކަތު މީހުންނަށް ހަދާފައިވާ މި ފަދަ ވަސީލަތްތައް ހުންނަނީ ކިހިނެއްބާ އެވެ؟

އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް އެންމެ ފުޅާކޮށް ހިންގާ ދުބާއީ އަށް ބަލާއިރު، "ލޭބަ ވިލެޖު" ގެ ގޮތުގައި ގިނަ އަދަދެއްގެ ތަންތަން ހާއްސަ ކޮށްފައިހުރެ އެވެ. ދުބާއީގެ "ގަލްފް ނިއުސް ޕްރޮޕަޓީ" ގައި ވާ ގޮތުން 2015 ވަނަ އަހަރު ދުބާއީ އިންޑަސްޓްރިއަލް ސިޓީ (ޑީއައިސީ) ގައި ހަދާފައިވާ "ލޭބަ ވިލެޖު 2" އަކީ މި ގޮތަށް ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ފެންވަރު މަތީ އެއް ތަނެވެ.

"ލޭބަ ވިލެޖު 2" ފައްކާކޮށްފައިވަނީ އެއް ފަހަރާ 13،000 މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. މި ތަނުގައި މަސައްކަތްތެރިން ނިދުމަށް ހާއްސަ 26 ބްލޮކެއް ހުރެ އެވެ. އަދި އެއްފަހަރާ 600 މީހުންނަށް ކާން އެރޭވަރުގެ ބޮޑު މެސްރޫމެއް ހުރެ އެވެ. ދޮވެ އިސްތިރި ކޮށްދިނުމުގެ ހިދުމަތާއި ސެޓެލައިޓް ޓީވީ އާއި ބާސްކެޓް ބޯޅަ އާއި ބިލިޔަޑު ފަދަ ތަފާތު މުނިފޫހި ފިލުވުުގެ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައި ވެ އެވެ. މިއީ ދުނިޔޭގައި އެންމެ ފެންވަރު ރަނގަޅުކޮށް މިގޮތަށް ހަދާފައިވާ އެއް ލޭބަ ޕާކެވެ.

ގުޅިފަޅު ވެސް ތަރައްގީ ކުރަން "ގުޅިފަޅު އިންވެސްޓްމަންޓު" ން މަސައްކަތް ކުރަނީ ގާތްގަނޑަކަށް އެއް މޮޑެލް އަކަށެވެ. ގުޅިފަޅު "ލޭބަ ޕާކް" ގައި 18 އިމާރާތެއް މި ކަމަށް ހާއްސަ ކޮށްފައިވެ އެވެ. މި ތަންތަނުގައި އެކޮމޮޑޭޝަނާއި މިނޫން ވެސް ވަސީލަތްތައް ގާއިމް ކުރަނީ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ މިންގަނޑާ އެއްގޮތަށެވެ. މިތަން ހިންގާނެ ބަޔަކު ހޯދަން އެ ކުންފުނިން މިހާރުވަނީ އިއުލާނު ކޮށްފަ އެވެ.

އެމްޑީ ފަޒީލް ވިދާޅުވީ އެ ތަން ތަރައްގީކޮށް ނިމުމުން މިހާރުން މިހާރަށް ވެސް، 7،000 އަށްވުރެ ގިނަ ބިދޭސީންނަށް ތިބެވޭނެ ކަމަށެވެ. ގުޅިފަޅު ތަރައްގީ ކުރަނީ 30،000 ބިދޭސީންނަށް އަމާޒުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޭބަ ޕާކްގެ މަސައްކަތް މި ވަގުތަށް ނިމޭއިރު، 7،300 ލޭބަރުންނަށް އުޅެވޭނެ. ލޭބަ ޕާކް އަންނާނީ މި ތަނަށް. މިތަނުގެ ކޮޓަރިތަކުގައި މީހުން ތިބޭނީ ވަކި އުސޫލަކުން. މާލޭގައި ނަމަ ގާތްގަނޑަކަށް 10 ފޫޓު، 10 ފޫޓުގެ ކޮޓަރިއެއްގައި 10 މީހުންވަރު އުޅޭ. ނަމަވެސް މި ތަނުގައި [ގުޅިފަޅު] ގައި ތިބެވޭނީ އެންމެ ގިނަވެގެން ހަތަރު މީހުން،" ފަޒީލް ވިދާޅުވި އެވެ.

ކުންފުނިތަކަށް ވެސް ލުޔެއް

މި ތަން ހެދުމުގެ މައިގަނޑު ސަބަބަކީ މާލެ އަށް ލުއި ކުރުމެވެ. މިއާއެކު އިމާރާތް ކުރުން ފަދަ ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ލުޔެއް ލިބިގެންދާނެ އެވެ. ކުންފުނިތަކަށް ލިބޭނެ ލުޔަކީ މާލޭގެ ބިމުގެ ކުއްޔަށް ވުރެ ގުޅިފަޅުން ބިން ލިބޭ ކުލި ކުޑަވުމެވެ. މިހެންވުމުން ލޭބަރުންގެ އެކޮމޮޑޭޝަނަށް މިހާރު ކުރަން ޖެހޭ ހަރަދު ކުޑަވުމެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މި ފަދަ ތަނެއް ހެދުމަށް އެ ޖަމިއްޔާ އިން މަސައްކަތް ކުރާތާ އަށް އަހަރުވެއްޖެ ކަމަށާއި މިއީ މުހިންމު ނިންމުމެއް ކަމަށެވެ.

"މިއީ ދުނިޔޭގެ އެންމެ ގަދަޔަށް މަސައްކަތް ހިންގާ ސިންގަޕޫރާއި ދުބާއީ އަދި މެލޭޝިޔާ ފަދަ ތަންތަނުގައި ހުންނަ ވަސީލަތް ތަކެއް. ހަގީގަތުގައި މީގެ ސަބަބުން ވެރިރަށް މާލެއަށް ވެސް ލުޔެއް ލިބޭނެ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތަން ތަރައްގީކޮށް އެކޮމޮޑޭޝަން ދޭއިރު، ކުދި ކުންފުނިތަކަށް ހާއްސަ އިންސެންޓިވް ތަކެއް ދޭން ޖެހޭނެ ކަމަށެވެ.

"ބިދޭސީން ގެންގުޅޭ ކުދި ކުންފުނިތަކަށް ވެސް ލުއި ގޮތްތަކެއް ހުންނަން ވާނެ. ހަގީގަތުގައި މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް ރަނގަޅު ބަދަލަކަށްވާނެ،" ޖަނާހު ވިދާޅުވި އެވެ.

ކޮންމެއަކަސް ބިދޭސީންނަށް ގުޅިފަޅު އެ ދަނީ ފައްކާ ކުރަމުންނެވެ. އެ ތަނުގައި އެ މީހުންނަށް ހާއްސަ ވަސީލަތްތައް ހަމަޖެހުމުން އެ ރަށްވާނީ ދުބާއީ ފަދަ ގައުމުތަކުގައި ވެސް ހުންނަ "ލޭބަ ވިލެޖަ" ކަމަށެވެ. މިއާއެކު މާލެ އަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.