މަރު

އެސްޓީއޯ ޓްރޭޑް ސެންޓަރު މަތިން ވެއްޓި މީހަކު މަރުވެއްޖެ

Sep 7, 2016
2

އޯކިޑް މަގުގައި، އެސްޓީއޯ ސްޕަމާޓް ހުންނަ "އެސްޓީއޯ ޓްރޭޑް ސެންޓަރު" މަތިން މީހަކު ވެއްޓި މަރުވެއްޖެ އެވެ. ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އެ މީހާ ވެއްޓި މަރުވި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ހެނދުނު 7:30 އެހާކަން ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަން ފުލުހުން ވަނީ ފަށައިފަ އެވެ.

ފުލުހުން ބުނީ، އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރު ވަނަ ފްލޯއިން ވެއްޓި މަރުވީ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަރުވެފައިވެފައިވަނީ، އުމުރުން 35 އަހަރުގެ މ. އީނާޒް މުހައްމަދު ހައިލަމް އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންނަށް އޭނާގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި އެކަމަށް ބޭސްކުރަމުންދާ މީހެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ފުލުހުން އެ ސަރަހައްދަށް ދިޔައިރު އޭނާގެ ވިންދު ހުރި ކަމަށާއި މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން ވަނީ ބިނދިފަ އެވެ.

އޭނާ ވެއްޓިފައި އޮތީ ޓްރޭޑް ސެންޓަރުގެ އެތެރޭގައި އޮންނަ ކުރިން އަލްފްރެސްކޯ ހިންގި ތަނަށެވެ. އެ ސަރަހައްދު ބަންދުކޮށް އިމާރާތުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ އިމާރާތަކީ ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އޮފީސްތައް އަދި ބައެއް ސަރުކާރުގެ އިދާރާތަކުގެ އޮފީސްތައް ހުންނަ އިމާރާތެކެވެ.