ދުނިޔެ

މޫސުމާ ބެހޭ ޕެނަލްގެ ވެރިޔާ ޖިންސީ ފުރައްސާރައިގެ ތުހުމަތާ އެކު އިސްތިއުފާ ދެއްވައިފި

Feb 24, 2015

އދ. އިން ހިންގާ، މޫސުމީ ކަންކަމާ ބެހޭ ޕެނަލް އައިޕީސީސީގެ ވެރިޔާ ރަޖެންދުރަ ޕަޗޫރީ އޭނާގެ އަަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިންޑިއާ ރަައްޔިތެއް ކަމަށްވާ ޕަޗޫރީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ރަނގަޅު ލީޑަޝިޕެއް ދެއްކިފައިވާ ކަމަށް ގަބޫލު ނުކުރެވޭތީ އިސްތިއުފާ ދެއްވަނީ ކަމަށެވެ.

ޕަޗޫރީގެ މައްޗަށް ތުހުމަތުކުރެވިފައި ވަނީ ނިއު ދިއްލީގައި ހުންނަ، ޕަޗޫރީގެ އޮފީހުގައި މަސައްކަތްކުރާ 29 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމެވެ. މި އަންހެން މިހާގެ ވަކީލުން ވިދާޅުވާ ގޮތުގައި ޕަޗޫރީ ވަނީ ޖިންސީ ފުރައްސާރައިގެ އީމެއިލްތަކާއި ޓެކްސްޓް މެސެޖުތައް އަންހެން މީހާ އަށް ފޮނުވައިފަ އެވެ. މި ތުހުމަތާ އެކު ހުށަހަޅާފައިވާ މައްސަލަ ދިއްލީގެ ފުލުހުން ދަނީ ބަލަމުންނެވެ. ޕަޗޫރީ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

ޕަޗޫރީގެ ޗެއާމަންކަމުގައި އޭނާ ވަނީ 2007 ވަނަ އަހަރު އައިޕީސީސީ އަށް ނޯބެލްގެ ސުލްހައިގެ އިނާމު ހޯދައިދީފަ އެވެ. --ބީބީސީ