ރިޕޯޓް

ފިލްމު ބަލައިފިން! އާ މަންޒަރެއް، އާ ވާހަކައެއް ނެތް!

Sep 7, 2016
29

ފިލްމުތަކާއި ޑޮކިއުމެންޓްރީތަކުގެ ޓްރެއިލާތަކުން ފެންނަނީ ބެލުންތެރިންގެ ހިތް ފަތަހަ ކުރާފަދަ، އިންތިހާއަށް މޮޅު، ނިކަން ވަރުގަދަ މަންޒަރުތަކެވެ. އެކަމަކު ދިވެހި ސަރުކާރާއި ދިވެހި ގައުމު ބަދުނާމުވާގޮތަށް އަލްޖަޒީރާގެ އިންވެސްޓިގޭޓްސް އިން ތައްޔާރުކޮށް މިއަދު ހަވީރު ރަސްމީކޮށް ދައްކަން ނިންމާފައިވާ ޑޮކިއުމެންޓްރީ ފިލްމު، "ސްޓީލިން ޕެރަޑައިޒް" މިހާރުވަނީ އާންމުކޮށްފަ އެެވެ.

އެ ޑޮކިއުމެންޓްރީ ގުޅޭގޮތުން ފުރަތަމަ އާއްމުކުރި ޓްރެއިލާއިން ވެސް ފެނުނު ގޮތަށް މުޅި ޑޮކިއުމެންޓްރީގައި އާ ވާހަކައެއް، ހައިރާންވާފަދަ މޮޅު މަންޒަރެއް ވެސް ފެންނާކަށް ނެތެވެ. އެއިން ފެންނަނީ ކުރީގެ އޮޓިޑަ ޖެނެރަލް ނިޔާޒުގެ ގޮނޑި ގެއްލުނުފަހުން އޭނާ ދައްކަވަމުން ގެންދަވާ އެއްވެސް އަސަރެއްނެތް ކޮރަޕްޝަންގެ ވާހަކަ އާއި "ރާއްޖެ ޓީވީ"ގައި ބަޔަކު ހުޅުޖެހި މަންޒަރާއި އަދީބު ހިންގި ހިޔާނާތުގެ އަމަލުތަކާއި އޭގައި ހިމެނި ފިލައި ތިބި މީހުންގެ ވާހަކަ އެވެ. މިނިވަން ނިއުސްގެ ކުރީގެ އެޑިޓަރު ވިލް ޖޯޑަން އިސްވެ އުފެއްދި ފިލްމުގައި ދެން އޮތީ ނަން ބަދަލު ކޮށްފައިވާ އެ ނޫހުގެ މިހާރުގެ އެޑިޓަރު ދައްކާވާފައިވާ ވާހަކަތެކެވެ. އާ ކަމެއް އާވާހަކައެއް ނެތް އިރު އެއްވެސް ކަމެއް އެއިން ސާބިތުކޮށް ދެއްވިފައެއް ނެތެވެ.

"ސްޓީލިން ޕެރެޑައިޒް" އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން މަގުމައްޗަށް ނިކުތް މީހުން، ދިވެހި ގައުމުގެ މިހާރުގެ ހިންގުންތެރި ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރާއި މިތުރުން ހުރުމަތް ކަނޑައި ރާއްޖޭގެ ނަން ހަޑިކޮށް ބަރުބާދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮށްފައިވާ މަސައްކަތެއްގެ ބައެކެވެ. މިއީ ހައިރާންވާވަރުގެ އާ އެއް ކަމެއް ވެސް މި ފިލްމަކުން ނުފެނުނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފަދަ ބޭފުޅުންގެ އިންޓަވިއުތަކެއް ޑޮކިއުމެންޓްރީގައި ހިމަނާފައިވެއެވެ.

ރައީސް ނަޝީދާއި ޑރ. ޖަމީލު ފަދަ ބޭފުޅުންނަކީ ކީއްކުރައްވާފައި ތިއްބެވި ބޭފުޅުންތަކެއްކަމާއި، ކޮންކަހަލަ ވާހަކަތަކެއް ދައްކަވާފައި ތިއްބެވި ބޭފުޅުންތަކެއްކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ޖަމީލަށްވުރެ އެމްޑީޕީއަށާއި ރައީސް ނަޝީދަށް ހަޑިހުތުރު އެއްޗެތި ވިދާޅުވި ބޭފުޅެއް މިއޮތް ބޮޑު އުޑުދަށުގައިނެތެވެ. އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ޖަމީލެވެ. އޭގެ ފަހުން ޑރ. ވަހީދުގެ ވެރިކަމާއި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށާއި އެމްޑީޕީއަށް ރައްދުވާގޮތަށް އެންމެ ހަޑިހުތުރު އެއްޗެތި ވިދާޅުވީ ވެސް ހަމަ ޖަމީލެވެ. މިއަދު ރައީސްނަޝީދުގެ އަރިހުގައި ހުންނަވައިގެން ޕީޕީއެމްއަށާއި ރައީސް ޔާމީނަށް ރައްދުވާގޮތަށް ޖަމީލު ވާހަކަދައްކަވާއިރު ޖަމީލުގެ ބަސްމަގާމެދު މުޅި ގައުމު ވަނީ ހޭލުންތެރިވެފައެވެ. ޖަމީލު ދައްކަވާ ވާހަކަތަކުގެ އިޚްލާޞްތެރިކަމާމެދު ސުއާލު އުފެއްދުމުގެ ފުރުސަތު ރައްޔިތުންނަށް އެބައޮތެވެ.

ކޮރަޕްޝަން ހިންގާ ގޮތޭ ބުނެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފޮޓޯ ހިމެނޭ ޗާޓެއް އަލްޖަޒީރާއިން ދައްކާ ޑޮކިއުމެންޓްރީގައި ހިމަނާފައިވާއިރު އެމްޑީޕީ ވެރިކަމުގައި ކޮރަޕްޝަން ހިންގެވި ބޭފުޅުންގެ ލިސްޓް ހައްދަވައި ޓީވީތަކުން ދެއްކެވީ މަލީހާއި އަމީންފަދަ ބޭފުޅުންނެވެ. އޭރު އެބޭފުޅުން ތިއްބެވީ ޕީޕީއެމްގައެވެ. މިހާރު ތިއްބެވީ އެމްޑީޕީގައެވެ. އެމްޑީޕީގެ ވެރިކަމުގައި ޚިޔާނާތްތެރިވިބޭފުޅުން ދައުލަތަށް ލައްކައިން، މިލިއަނުން ރުފިޔާ ދައްކަން ޖެހިވަޑައިގެންފަވެއެވެ. އެއީ ފެނަން އޮތް ވަރަށް ބޮޑު ހަގީގަތެކެވެ. "ސްޓީލިން ޕެރަޑައިޒް" ދެއްކިޔަސް އެ ހަގީގަތް ނުފޮރުވޭނެއެވެ.

އެމްޑީޕީ މީހުން މިގައުމުގައި ތިބި ކަމަށް ބުނެ ވާހަކަދެއްކި ޚިޔާނާތްތެރިން މި ވަގުތު ތިބީ ކޮން ޕާޓީއެއްގައި ހެއްޔެވެ؟
އެމްޑީޕީ މީހުން ޚިޔާނާތްތެރިންނޭ ބުނެ ހުނިޖަހައި ހޮވި މީސް މީހުން ބަރިބަރިޔަށް ސަފުސަފަށް މިހާރު ފެންނަމުން ދަނީ އެމްޑީޕީ ތެރެއިންނެވެ.

ސަރުކާރުކާރުގެތެރޭގައި ކޮރަޕްޝަން ހިންގާނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަ ޖެނެރަލް މެދުވެރިކުރައްވައި އެކަންތައްތައް ތަހުގީގު ކުރެވޭނެއެވެ. ފިޔަވަޅުތައް އެޅޭނެއެވެ. މައްސަލަތައް ޝަރީޢަތަށް ފޮނުވޭނެއެވެ. ސަރުކާރާ ދެކޮޅު ބަޔަކު ފަހަތުގައި ތިބެގެން އަލްޖަޒީރާ މެދުވެރިކޮށް ހަދާ ޑޮކިއުމެންޓްރީއަކުން ގައުމު ބަދުނާމުވުން ފިޔަވައި އިތުރު އެހެންކަމެއް ނުވާނެއެވެ.

ގައުމު އިސްލާހު ކުރަން އެދޭނަމަ، ގައުމު ބިނާކުރަން އެދޭނަމަ މިނިވަން މުއައްސަސާތަކުގެ ބޭނުން ހިފަންޖެހޭނެއެވެ. މިނިވަން މުއައްސިސާތަކާނުލައި އަލްޖަޒީރާ ބޭނުންކޮށްގެން ގައުމުގައި ފުރިހަމަ ނަޒާހަތްތެރިކަމެއް ގާއިމެއް ނުކުރެވޭނެއެވެ.

"ސްޓީލިން ޕެރަޑައިޒް" އަކީ ތަހުގީގީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެއްޗެއް ނޫނެވެ. މިއީ ވަރަށް ޖޯކު، އިންސާފުން އެއްކިބާވެފައިވާ، އަދި ހަގީގަތާ ޚިލާފު ޕްރޮޕެގެންޑާއެކެވެ. ރާއްޖެ ޓީވީގައި ރޯކޮށްފައި ހުރި މަންޒަރު އެއިން ދައްކައެވެ. އެކަމަކު އެމްޑީޕީ މީހުން ރޯމާދުވާލު ނިކުމެ ކޯޓުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހި މަންޒަރުތަކެއް ނުދައްކައެވެ.

"ބުހުތާން" ޑޮކިއުމެންޓްރީ ބިނާވެފައިވަނީ ވަޒީފާގެއްލިގެން އުޅޭ ބަޔަކާއި ތިމާމެން މަސައްކަތް ކުރި ސަރުކާރުކާރު ވެއްޓުމުން ވަޒީފާގެއްލުނު ބަޔަކު އަލަށް އައި އޯގާވެރި ޚިދުމަތްތެރި ސަރުކާރު ބަދުނާމުކުރަން ކުރާ މަސައްކަތުގެ މައްޗަށެވެ. ފަހަތުގައި ތިބީ ގައުމު ބަރުބާދުކޮށްގެންނަމަވެސް، މަކަރާއި ހީލަތުން ނަމަވެސް ވެރިކަމަށް ފައިނަގަން މަސައްކަތް ކުރަމުންދާ މީހުންނެވެ.

މި ޑޮކިއުމެންޓްރީ ވަނީ ދައްކަން ފެށުމުގެ ކުރިން ނާކާމިޔާބު ވެފައެވެ.މި ޑޮކިއުމެންޓްރީގައި އާވާހަކައެއް ނެތެވެ. މި ޑޮކިއުމެންޓްރީގައި އާ ޚިޔާލެއްނެތެވެ. މި ޑޮކިއުމެންޓްރީން ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް އިތުރަށް ލިބިވަޑައިގަންނަވާނެ ގެއްލުމެއް ވެސް ނެތެވެ.
މި ޑޮކިއުމެންޓްރީން ހުރިހާވެސް ގެއްލުމެއް ލިބެނީ ގައުމަށެވެ.

އަލް ޖަޒީރާ އިން ތައްޔާރުކޮށްފައިވާ "ސްޓީލިން ޕެރެޑައިސް" ތަހުގީގީ ޑޮކިއުމެންޓްރީގައި ރާއްޖެ އާއި ސަރުކާރު ބަދުނާމުވާގޮތަށް ދޮގު މައުލޫމާތު ދީފައިވާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ. އެކަން ނުކުރައްވާންވީ ސަބަބެއް ވެސް ނެތެވެ.

ދެން ނިކުންނަ ޑޮކިއުމެންޓްރީއަކުން ފެންނާނީ ސާކް ސަމިޓުގެ ޚިޔާނާތާއި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ފިނޑި ގޮތާއި ރާއްޖޭގެ ތާރީޚުގައި ފުލުހުންނަށާއި ފަނޑިއާރުގެތަކަށް ދިން އެންމެ ގެއްލުން ބޮޑު ހާދިސާގެ ޑްރާމާ ސިލްސިލާގެ ފުރަތަމަ ބައިކަމަށް ވެސް ވެދާނެއެވެ.

އޭރުން ފޯރީފަށެއް ހުންނާނެތާއެވެ. އެއަށް ތަހުގީގީ، ބުހުތާން ޑޮކިއުމެންޓްރީއެކޭ ކިޔާކަށް ޖާގައެއްނެތެވެ. އެ ފިލްމުގެ ޓްރެއިލާގައި ދައްކާނީ އައްޑޫ ސިޓީގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުޅުޖަހައި އަންދާލާ މަންޒަރާއި އެ ހާދިސާއާ ގުޅިގެން މުޙައްމަދު ޖަމީލް އަޙްމަދު ރައީސް ނަޝީދަށާއި އެމްޑީޕީއަށް ބަވާ މަންޒަރެވެ. އެއީ ކޮންފަދަ އަސަރުގަދަ ފިލްމަކަށް ވާނޭހެއްޔެވެ؟