ވިޔަފާރި

އެޕް އުފެއްދުމުގެ މުބާރާތެއް: ގަދަ ފަސް އެޕް އިންވެސްޓްމަންޓް ފޯރަމަށް!

  • ބައިވެރިވާން މިމަހުގެ 25 އާ ހަމައަށް
  • އެޕްލިކޭޝަން އުފައްދަން ފަސް ދާއިރާއެއް
  • އެންމެ މޮޅު ފަހެއް އިންޑިޔާއަށް

އެޕްލިކޭޝަން އުފެއްދުމުގެ މުބާރާތެއް ބާއްވައި، އެންމެ މޮޅު ފަސް އެޕު އިންޑިޔާގައި މި އަހަރުގެ ނޮވެމްބަރު މަހު އިންޑިޔާގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް) ގައި ބައިވެރި ކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވްލޮޕްމަންޓު (އީޑީ) ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ "ފައިވް ބެސްޓް އެޕް ޗެލެންޖް 2016" ގެ ނަމުގައި ބާއްވާ އެޕް އުފެއްދުމުގެ މުބާރާތަކީ ރާއްޖެއަށް މުޅިންއާ ސިނާއަތްތައް ތައާރަފު ކުރުމަށް ސަރުކާރުންކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

"މިއީ ރާއްޖޭގެ އައިޓީ ސިނާއަތެއް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ބައެއް. ސިނާއަތެއްގެ ގޮތުގައި އުފައްދާ އެޕްލިކޭޝަންތައް ބައިނަލްއަގުވާމީ ބާޒާރަށް ނެރުން،" އަބްދުﷲ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވްލޮޕްމަންޓު (އީޑީ) ގެ ދަށުގައި އޮންނަ "އީޑީ އިނޮވޭޓް" ބައިން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި މުބާރާތް އޮތީ 20 ވަނަ ދުވަހު އެވެ.

އަބްދުﷲ ވިދާޅުވީ މިއީ ރާއްޖޭގައި މުޅިން އަލަށް ކުރާކަމެއް ކަމަށާއި، މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރެއް ނެތް ކަމަށެވެ. ނަމަވެސް ޒުވާނުންނަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މޮޅު ފަސް އެޕްލިކޭޝަން ނިއު ދިއްލީގައި އޮންނަ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިކުރަން އަޅުގަނޑުމެންގެ ސްޕޮންސާ ލިބޭނެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އައިޓީ ދާއިރާގައި މަސައްކަތް އުޅޭ ކުދިންނަށް ފުރުސަތު ދިނުން،" އަބްދުﷲ ވިދާޅުވި އެވެ.

އެޕްލިކޭޝަން ހަދަން ހުޅުވާލާ ދާއިރާތައް

  • ޓޫރިޒަމް ދާއިރާ
  • އެޑިއުކޭޝަން ދާއިރާ
  • ސިއްހީ ދާއިރާ
  • މަސްވެރިކަމާއި ދަނޑުވެރިކަން
  • އޯޕަން ކެޓަގަރީއެއް

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި މުބާރާތުގައި މިހާރު ހަދާފައި ހުރި އެޕްލިކޭޝަންތައް ވެސް ބައިވެރި ވެވޭނެ ކަމަށެވެ. އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް ފުރުސަތު ދެނީ މީގެ ތެރެއިން ކޮންމެ ދާއިރާއަކުން ފަސް އެޕްލިކޭޝަން އެވެ.