މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ދިވެހި ސުވެނިއާ ފެކްޓަރީން ޖެނުއަރީގައި އެކްސްޕޯޓް ފަށަނީ

Sep 7, 2016
2
  • ފެކްޓްރީ ހަދަނީ ހުޅުމާލޭގައި
  • ތިން ބާވަތެއްގެ ހަދިޔާ އުފައްދާނެ
  • ޖެނުއަރީ މަހު ޕްރޮޑަކްޓް ބާޒާރަށް ނެރެވޭނެ

ސަރުކާރުން ހުޅުމާލޭގައި ހަނދާނީ ހަދިޔާ އުފައްދާ ފެކްޓްރީއެއް ހަދައި ޖެނުއަރީ މަހު ރާއްޖޭން އެކްސްޕޯޓް ކުރަން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ބައެއް ބާވަތްތައް އުފައްދަން ފެށުމުގެ ގޮތުން ހުޅުމާލޭގައި ހަދާ ފެކްޓްރީގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިމޭނެ ކަމަށެވެ.

"ފެކްޓްރީ އަޅަން ބޭނުންވާ 3،000 އަކަފޫޓުގެ ބިން ވެސް ވަނީ ހަމަޖެހިފައި. އެކަމަށް ބޭނުންވާ ބަޖެޓުވެސް އައިޑީބީ ފަދަ ދާއިރާތަކުން ވަނީ ލިބިފައި. ފެކްޓްރީ އަޅަނީ ފެބްރިކް މެޓީރިއަލުން އެހެންވެ ކޮންކްރީޓަށްވުރެ އަވަސް ވާނެ ނިންމާލަން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ހަދާ ފެކްޓްރީގައި ހަދާނީ ހަދިޔާ އާއި ކާށިތެލާއި ނާށީގެ އުފެއްދުންތައް އަދި ކްލޭއިން އުފައްދާފައި ހުންނަ ހަނދާނީ ހަދިޔާ ވެސް އުފައްދާނެ ކަމަށެވެ.

"މި ތަނުގައި ސާމާނު އުފައްދާނީ މެޝިނަރީން އިންޑަސްޓްރިއަލް ލެވަލް އެއްގައި. މި ތަނުން އުފައްދާ ބާވަތްތައް ރާއްޖޭގެ ބާޒާރަށް ނެރޭނެ. އަދި މި ބާވަތްތައް އެކްސްޕޯޓުވެސް ކުރާނެ،" އަބްދުﷲ ވިދާޅުވި އެވެ.