ރިޕޯޓް

ދިވެހި އުފެއްދުންތެރިކަން އެހެން ހިސާބަކަށް "ނައްޓާލަނީ"

Sep 8, 2016
9
  • ފެކްޓްރީ ޖެނުއަރީ މަހު ހުޅުވާނެ
  • ހަތަރު ސަރަހައްދުގައި ފެކްޓްރީތަކެއް
  • ތަކެތި އުފައްދާނީ އެކްސްޕޯކުރެވޭ ކޮލިޓީގައި

ރާއްޖޭގައި ހުނަރުވެރިން ބައިވަރެވެ. އެ މީހުންގެ "ސައިޒު" ގައި އުފެއްދުންތައް ވެސް އުފައްދަ އެވެ. ނަމަވެސް މިފަދަ ހުނަރުތައް އެންމެ މައްޗަށް ނުގެންދެވޭ މައިގަނޑު އެއް ސަބަބަކީ "އިންޑަސްޓްރިއަލް ލެވެލްގައި" އުފެއްދުމުގެ ފުރުސަތު ނެތުމެވެ. އެހެންވެ މި ކަމަށް ވިސްނައި އިކޮނޮމިކް މިނިސްޓްރީން މިވަނީ މުހިންމު މަސައްކަތްތަކެއް ފަށާފަ އެވެ. އެއީ ހުޅުމާލޭގައި ހަދާ އެސްއެމްއީ އިންޑަސްޓްރިއަލް ޕާކެވެ. މި ތަން ހަދަނީ މެޝިނަރީއާއެކު އުފެއްދުންތައް ބަންދުކޮށް ފުޅާދާއިރާއެއްގަިއ މަސައްކަތް ކުރެވޭ ގޮތަކަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެ ބާވަތްތައް ފަރުމާ ކުރަމުން. މީގެ ދަށުން އުފައްދާނެ ބާލީހާއި ކަންނެޔޮ ވެސް. މި ވެސް ހުންނާނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކާ އެއް ކޮލިޓީއެއްގައި އެ މެޓީރިއަލްގައި. މި ހުންނާނީ ރާއްޖޭން ބޭރަށް ވެސް އެކްސްޕޯޓު ކުރެވޭ ގޮތަށް ހުންނާނީ. ކުޑަ ކުދިންގެ ސޮފްޓް ޓޯއީޒް އާއި ދަތް ދަބަސް ވެސް އުފައްދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

ފެކްޓްރީ ފެންވަރުގައި ރާއްޖޭގައި އުފައްދާ މާގިނަ ބާވަތްތަކެއް ނުހުރެ އެވެ. ހަމައެކަނި މިހާތަނަށް ހުރީ މަސް ފެކްޓްރީތަކުން ތައްޔާރުކުރާ ދަޅުމަހާއި މަހުގެ ބާވަތްތަކެވެ. ނަމަވެސް ތަންކޮޅެއް ކުރިއަށްދާއިރު، އައްޑު އަތޮޅުގައި ބޭރުގެ ހެދުން ފެކްޓްރީތަކެއް ހިންގި އެވެ. އަދި އެތަންތަން ބަންދު ކުރިފަހުން އިންޑަސްޓްރީ ލެވަލްގައި މިފަދަ މަސައްކަތް ކުރަމަކުން ނުވެ އެވެ. ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި 3،000 އަކަފޫޓުގެ ބިމެއް ނަގައި، އެ ދަނީ ކާރުހާނާއެއް ހަދަން މަސައްކަތް ކުރަމުންނެވެ. އިސްލާމިކް ޑިވްލޮޕްމަންޓް ބޭންްކް (އައިޑީބީ) އާއި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަދަ ޖަމިއްޔާތަކުގެ މާލީ އެހީގައި ހަދާ މި ފެކްޓްރީގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިމޭނެ އެވެ. ސުވާލަކީ މި ފެކްޓްރީގައި އުފައްދާނީ ކޮން ބާވަތްތަކެއް ހެއްޔެވެ؟

ފުރަތަމަ، ހަނދާނީ ހަދިޔާ، ބާލިސް

އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގައި ފުރަތަމަ އުފައްދާނީ ހަނދާނީ ހަދިޔާއެވެ. މިގޮތުން ސޮފްޓް ޓޯއީޒްގެ ގޮތުގައި ބޭނުންކުރެވޭނެ ސާމާނު އުފައްދާނެ އެވެ. މި ފިޔަވަހީގެ ދަށުން ތައްޔާރުކުރާ ބާވަތްތަކުގެ ތެރޭގައި މިހާރު ޓޫރިސްޓު ފިހާރަތަކުން ލިބެން ހުރި ބާވަތްތައްވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އަބްދުﷲ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި އުފައްދާ ބާވަތްތަކުގެ ތެރޭގައި ސޮފްޓް ޓޯއީގެ ގޮތުގައި އުފައްދާ ބާވަތްތަކުގެ ތެރޭގައި ކަނޑުގެ ދިރުން ދައްކުވައިދޭ ސާމާނު ވެސް ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެ ބާވަތްތައް ފަރުމާ ކުރަމުން. މީގެ ދަށުން އުފައްދާނެ ބާލީހާއި ކަންނެޔޮ ވެސް. މި ވެސް ހުންނާނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކާ އެއް ކޮލިޓީއެއްގައި އެ މެޓީރިއަލްގައި. މި ހުންނާނީ ރާއްޖޭން ބޭރަށް ވެސް އެކްސްޕޯޓު ކުރެވޭ ގޮތަށް ހުންނާނީ. ކުޑަ ކުދިންގެ ސޮފްޓް ޓޯއީޒް އާއި ދަތް ދަބަސް ވެސް އުފައްދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

މީގެ ފަހުން ދެން އުފައްދަން ފަށަނީ ކާށިތެލާއި ނާށިން އުފައްދާ ބާވަތްތަކުގެ އިތުރުން ކްލޭއިން އުފައްދާ ދޯންޏެވެ. މިގޮތުން ސޮފްޓް ޓޯއީސް ފަދަ ބާވަތްތައް ތައްޔާރު ކުރަނީ ރާއްޖޭން ބޭރުން މި އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ރޯމެޓީރިއަލް ގަނޑުކޮށް ރާއްޖެ ގެނެސްގެންނެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދުގައި ފެކްޓްރީ!؟

އިކޮނޮމިކް މިނިސްޓްރީން މި މަސައްކަތް ކުރަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކޮށްލުމަށްފަހު ނިންމާލާކަށް ނޫނެވެ. އެ މިނިސްޓްރީން މަސައްކަތް ކުރަނީ މިފަދަ ކުދި ސިނާއަތްތަކެއް މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރުމެވެ. އަދި ދިވެހި ތަފާތު އުފެއްދުންތައް އުފައްދައި ރާއްޖޭން އެކްސްޕޯޓް ކުރެވޭނެ ފެންވަރަށް ގެނައުމެވެ.

"ފުރަތަމަ މި ހަދަނީ ހުޅުމާލޭގައި އެ އަށްފަހު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިތުރު ދެ ތަން ހެދިގެންދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ މިދިޔަ އަހަރު 17 މިލިއަން ރުފިޔާގެ ސޮފްޓް ޓޯއީސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި، ރާއްޖޭގައި މި ބާވަތްތައް އުފެއްދުމުން އަގު ހެޔޮވާނެ ކަމަށެވެ.

"ރާއްޖޭގައި އުފައްދައިގެން ހުރިހާ ހަރަދެއް ލުމުންވެސް އަގު ހެޔޮކޮށް ވިއްކޭނެ. ގާތްގަނޑަކަށް 20-30 ޕަސެންޓް އަދަދު އަގު ހެޔޮކޮށް ވިއްކޭނެ. މިއީ އަޖުމަބަލަންކުރާ ކަމެއް ނޫން. މިކަން ކުރަނީ އިންޑަސްޓްރީ ލެވަލްގައި،" އަބްދުﷲ ވިދާޅުވި އެވެ.

"ފުރަތަމަ މަރުހަލާގައި 50 ވަޒީފާ އުފެދޭނެ"

ހުޅުމާލޭގައި ހަދާ ފެކްޓްރީން ފުރަތަމަ މަރުހަލާގައި 50 ވަޒީފާ އުފެދޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"ފުލްޓައިމްކޮށް ސޮފްޓް ޓޯއީސް އެކަންޏަށް 50 ވަޒީފާ އުފެދޭނެ. މީގެން އިތުރު ވަޒީފާތައް ވެސް އުފެދޭނެ. މީގެން ޕާޓްޓައިމް ވަޒީފާތަކެއް ވެސް އުފެއްދޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ބޮޑު ބަދަލެއް އަންނާނެ މަސައްކަތެކެވެ. މި މަސައްކަތް ފެށިގެން ދިއުމާއެކު ރާއްޖޭން އިތުުރު ބާވަތްތަކެއް އެކްސްޕޯޓް ކުރެވިގެންދާނެ އެވެ.