އެމްޑީޕީ

އަލްޖަޒީރާގެ ރިޕޯޓާ ގުޅިގެން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް އަލްޖަޒީރާއިން މިއަދު އާންމު ކުރި ރިޕޯޓް "ސްޓީލިން ޕެރަޑައިސް" ގައި ހިމެނޭ ކަންކަން ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

އެމްޑީޕީއިން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި އެ ގަރާރު ހުށަހެޅީ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒެވެ. އޭނާ ހުށަހެޅި މި ގަރާރު ގައުމީ މަޖިލީހުގައި ފާސްވީ ޖަލްސާއަށް ހާޒިރުވި 42 މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރުގައި ބުނަނީ ދައުލަތުގެ އިސްފަންތިތަކުގެ ފަރާތްތައް މަނީ ލޯންޑަރިންނާއި ޖިނާއި ބޮޑެތި ކުއްކުށަށް އަރައިގަނެފައިވާ ކަމަށާއި ރިޝްވަތުގެ އަމަލުތައްވެސް ސްޓީލިން ޕެރެޑައިސް އިން ހާމަވާ ކަމަށެވެ.

އެމްޑީޕީން މިފަދަ ގަރާރެއް ފާސް ކުރި އިރު ރިޕޯޓުގައިވާ ތުހުމަތުތަކަކީ، މީގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކުން ކުރެވިފައިވާ ތުހުމަތުތަކެކެވެ. މި ތުހުމަތުތަކާ ގުޅިގެން، ދިވެހި ސަރުކާރުން އިސްވެ އޮޑިޓާ ޖެނެރަލަށް މި މައްސަލަ ހުށަހަޅައި އޮޑިޓްކޮށް އެކުލަވައިލާފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، 2016 ވަނަ އަހަރުގެ ފެބުރުވަރީމަހުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމީން ޢަބްދުލް ޤައްޔޫމް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މި މައްސަލަ ހުށަހެޅުއްވުމުން ދަނީ ތަޙުޤީޤުކުރަމުންނެވެ. އަދި މިކަމާގުޅޭ ބައެއް މައްސަލަތަކުގައި މިހާރުވަނީ ބައެއް މީހުންގެ މައްޗަށް ދަޢުވާ އުފުލާފަ އެވެ.