ބޭރު ކުޅިވަރު

ކޮންޓޭގެ ނަޒަރުގައި ޑޭވިޑް ލުއިޒް އަކީ ޑިފެންޑަރެއް!

އޭނާ ދެކޭގޮތުގައި ބްރެޒިލްގެ ޑޭވިޒް ލުއިޒް އަކި ޑިފެންޑަރެއް ކަމަށާއި އެ ނޫން މަގާމަކަށް އޭނާ ލައްވައި ކުޅުވަން ނުވިސްނާ ކަމަށް ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނެފި އެވެ.

ޗެލްސީ ދޫކޮށް، ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ކުޅުންތެރިޔާ އަލުން 32 މިލިއަން ޕައުންޑަށް އެނބުރި ޗެލްސީ އަށް ގެނައީ ޓީމާ އަލަށް ހަވާލުވި ކޮންޓޭ ޑިފެންސް ލައިން ވަރުގަދަ ކުރަން ބޭނުންވުމުންނެވެ. ނަމަވެސް ޗެލްސީގެ ކުރީގެ ކޯޗުން ވަނީ ލުއިޒް ލައްވައި މެދުތެރެއަށް ވެސް ކުޅުވާފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ ޑިފެންޑަރެއް. އަހަރެން ބޭނުންވަނީ ފަހަތް ވަރުގަ ދަކުރަން. އަަހަރެން އޭނާ ފިޓްކުރާނީ ކުޅުންެތެރިޔާ އަށް އެންމެ ރަނގަޅު މަގާމަށް. މިވަގުތު އަހަރުމެން މަސައްކަތް މިކުރަނީ ޑިފެންސްލައިން ވަރުގަދަކޮށް ޓެކްޓިކަލް ކަންތައްތައް ރަނގަޅު ކުރަން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ކުރީގެ ބައެއް ކޯޗުން ލުއިޒް ލައްވައި އެކި މަގާމުތަކަށް ކުޅުވިކަން އެނގޭ ކަމަށާއި ނަމަވެސް ކުޅުންތެރިން އުމުރުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް އެއް މަގާމަކަށް ހުސްވާންޖެހޭ ކަމަށެވެ.

މިކަމާ މެދު ލުއިޒް ބުނީ ކޮންމެ މަގާމަކަށް ވެސް ކުޅެން އޭނާ ތައްޔާރު ކަމަށާއި ކޮންޓޭ ބައެއް މެޗުތަކުގައި ތިން ޑިފެންޑަރުން ލައްވައި ކުޅުވާފައިވާ ކަމަށެވެ.

"އެކަމަށް ވެސް އަހަރެން ތައްޔާރު. އަހަރެން ބްރެޒިލްގައި އެންމެ ފުރަތަމަ ކުޅެން ފެށީ ވެސް ތިން ޑިފެންޑަރުން ޑިފެންސްލައިން ތިބެގެން. އަހަރެން މިހުރީ ޓީމުން ބޭނުންވާ ކޮންމެ މަގާމަކަށް ވެސް ކުޅެން. އެނބުރި ޗެލްސީ އަށް އައީ ރަނގަޅު އޮފާ އެއް ލިބުމުން،" ލުއިޒް ބުންޏެވެ.