ރިޕޯޓް

ސޯދުބެއަށް ދެލިގަނޑު، ސަމަރޭއަށް އޮއްޓަރު!

Sep 12, 2016
4

މިއޮތީ އީދު އައިސްފަ އެވެ. މިއޮއް އިވެނީ އީދުގެ ލަވަ އެވެ؛ އީދު އަތުވެއްޖެ ކަމުގެ އުފާވެރި ހަބަރު މި ލަވައިން ގެނެސްދޭތާ މިހާރު 25 އަކަށް އަހަރު ވެދާނެ އެވެ. ކުޑަ އީދު ވިޔަސް ބޮޑު އީދު ވިޔަސް އީދުގެ އުފަލާއި ހިނިތުންވުން ހިފައިގެން އަންނަނީ މި ރީތި ލަވަ އެވެ. ލަވައިން ދިވެހި ޖައްވުގައި މީރު ވަހުގެ ހުވަނދު ލައި ދެނީ "އީދު އައީ" ލަވައިން ނެވެ. މިއީ ރާއްޖޭގެ ކުދި ބޮޑު އެންމެނަށް ކޮންމެ އީދެއްގައި ވެސް ހާއްސަ ލަވައެކެވެ. އެންމެން ހިތު ދަސް ފަރިތަ ލަވަ އެކެވެ.

ކޮންމެ އީދާއެކު ތަހުނިޔާގެ މެސެޖްތަކުން ފޭސްބުކް ސްޓޭސްޓަސްތައް މި ލަވައިގެން މި ފަހަރުވެސް އެހަރަގެން ފަވަނީ އެވެ. ޓްވިޓާ އާއި ވައިބާ އިން އީދުގެ ތަހުނީ ފޮނުވައި މެސެޖްތައް އެއޮއް އުކަލައިނަނީ މިލަވައިގެ މަންޒަރުތަކުގައި ފޮޅޭ މާތަކާއި ފަޅަފަޅައިގެންދާ ހަވާގެ މަންޒަރުތަކާއެކު އެވެ. އީ ކާޑްތައް މި އަންނަނީ މި ލަވައިގެ އިބާރާތްތައް ބޭނުންކޮށްގެނެވެ. ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުގައި މި ލަވައިގެ އަޑު ގުގުމަނީ އެވެ. އެހެންވީމާ މިއީ އާދައިގެ ލަވަޔަކަށް ނުވޭ ދޯއެވެ.

ކުރިޔަކުން މި ލަވަޔާ މެދު ބަހުސެއް ނުހިނގަ އެވެ. އެހެން ނަމަވެސް މިދިއަ ކުޑަ އީދުގައި ވެސް އަދި އޭގެ ކުރިން އައި ބޮޑު އީދުގައި ވެސް ޓްވިޓާ އާއި ފޭސްބުކްގައި މި ލަވަޔާ ބެހޭ ގޮތުން ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކާ ބަހުސްކުރި އެވެ. މިއުޒިކީ ލެޖެންޑް ކުރީގެ ލަވަކިޔުންތެރިޔާ އަބްދުލް ހަންނާނު ކިޔައިދީފައިވާ މި ލަވައި އަޑައެކު ވީޑިއޯ ކޮޅުކޮޅު ޕޯސްޓްކޮށް އެއް ބަޔަކު ވާހަކައިން ކުރި ފެޅުވީ މި ލަވައިގެ ޅެންވެރިޔާއަކީ ކާކުންކަން ނޭނގިގެނެވެ. އަނެއް ބަޔަކު "ޒުވާބު" ކުރީ ފިތުރު އީދު ނުވަތަ ކުޑަ އީދާ ގުޅުވައިގެން ހަދާފައިވާ ލަވައެއް ގެ އަޑު ކޮންމެ އީދެއްގައި ވެސް ގުގުމާތީ އެވެ.

ކޮންމެ މީހަކު މި ލަވަ ހެދި ނަމަވެސް އަދި ކުޑަ އީދާ ގުޅުވައިގެން ލަވަ ހަދާފައިވީ ނަަވެސް މިއީ ދިވެހިން ފާހަގަ ކުރާ ދެ އީދާ ވެސް މިހާރު ގުޅިފައިވާ، ދެން ވަކިވެގެން ނުދާނެ ލަވައެކެވެ. އެކަން މި ލަވާގައި ބުނާ ގޮތަށް ކަޅު، ކަޅުކަންހާ ސާފެވެ.

ތިޔަހެންޏަ، ދެން ބުނެބަލާށެވެ، "އީދު އައީ" މި ފައްކާ ލަވަ ހަދައި އަހަރުމެނާ ހަމައަށް ގެނެސް ދިނީ ކާކު ހެއްޔެވެ؟

"ތިޔަ ލަވައިގެ ބަސްތައް ވަޒަނަށް ފައްތާލައި ރީތިކޮށް ލަވައެއްގެ ކުލައެއް ޖައްސައިލީ ސޯދިގު! އެކަމަކު އެކަން ކުރީ ސޯދިގު ކަމަކަށް ވިޔަސް އެ ލަވާގައި އެހަރަ އޮއްޓަރާއި ހުރިހާ އެއްޗެއްގެ ހަގީގީ ވެރިޔަކީ ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އޭނާ އަށް ޝުކުރު ހައްގުވާ ލަވައެއް އެއީ،" މީގެ 25 އަކަށް އަހަރު ކުރިން މި ހާއްސަ ލަވަ، "އީދު އައީ" ހެއްދެވި ޅެންވެރިޔާ، އަދި އަދީބު އަބްދުﷲ ސޯދިގު ވިދާޅުވި އެވެ.

އީދު އައީ ހެދި ޅެންވެރިޔާ މިއޮއް އެނގުނީ އެވެ. އާދައިގެ ބޭފުޅެއް ނޫނެވެ. މި ލަވަޔާ އެއްވަރަށް ނުވަތަ އެއަށްވުރެ މާ ބޮޑަށް ދިވެހިންގެ ލޯބި އޮތް ސޯދުބެ އެވެ. ދެން އެންމެން އަތްޖަހާށެވެ! ހިނިތުންވުމާއެކު ސޯދުބެއަށް އީދު މުބާރިކުގެ ވައިބަރު މެސެޖެއް މިލަވައިން ސޯދުބެގެ ފޯނަށް ފޮނުވާލާށެވެ.

ސޯދުބެ ވިދާޅުވި ގޮތުގައި ކޮންމެ އީދެއްގައި ހުރިހާ ދިވެހިންގެ ކަންފަތް ދޭ އެ ލަވަ ހަދަން އޭނާއަށް ޖެހުނީ ކުއްލިއަކަށް އައި "އޯޑަރަ" ކަށެވެ.

"ދިވެހި ރާއްޖޭގެ އަޑުގައި އަޅުގަނޑު އުޅެނިކޮށް އެއް ދުވަހަކު ހަމަ ކުއްލިއަކަށް ސަމަރޭގެ އޯޑަރު އަތުވެއްޖެ! މި އަންނަ އީދަށް ވާނޭ ސޯދިގު ލަވައެއް ހަދައިދޭން!" ސޯދުބެ ވިދާޅުވި އެވެ. "ދެން ވިދާޅުވެއްޖެ އެ ލަވައިގައި ރޯދައިގެ ވާހަކަ އާއި ޒަކާތުގެ ވާހަކަ އާއި ރޯދައާ ގުޅޭ ދަރުސްތަކާއި ވައުޒުތަކުގެ ވާހަކަ އާއި އެއްބައިވަންތަ ކަމާއި އީދުގެ އުފާވެރި ކަމާއި ކެއިންބުއިން ފަދަ ހުރިހާ އެއްޗެއް ވެސް ހިމެނެންވާނޭ... ތިމަނަންނާ ވަރަށް ބޮޑަށް އެދެމޭ އެ ޝުއޫރުތައް ފާޅުވެގެން އަންނަ ގޮތަށް އީދު ލަވައެއް ހަދައިދިނުން،"

ސޯދުބެ ވިދާޅުވި ގޮތުގައި ސަމަރޭގެ އެ އޯޑަރު ނުކުތް އިރު ރޯދަ ނިމި އީދު އޮތީ ބޯމަތިވެފަ އެވެ. ވަގުތު ނެތުމުން ދެން ޖެހި ވަޑައިގަތީ ވަރަށް އަވަސްކޮށްލައިގެން ސަމަރޭ ވިދާޅުވި ގޮތަށް "ގޮތެއް ހަދާލާ" ށެވެ.

"ދެން އިށީނދެލާފައި އެ ލަވަ އަމުނާލައި ގޮތެއް ހަދާލައިގެން ދިޔައިމަ ސަމަރޭއަށް ވަރަށް ކަމު ހިނގައްޖެ، އަޅުގަނޑަށް ވެސް ވަރަށް އަވަހަށް އެކަން ކޮށްލެވުނު... ދެން ހަމަ އެދުވަހު އަބްދުލް ހަންނާނު މޫސާދީދީމެން ބުނެފި މިރޭ ހޭލާ ތިބެގެން މި ލަވަ ނިންމާލާނީއޭ، އެމީހުން އެކަމާ އުޅަގަތް ގޮތުން އަޅުގަނޑަށް ވަރަށް މަޖާވެސްވި ވަރަށް ރަނގަޅަށް އެ ޓީމުން އެކަން ކޮށް އެރޭ ނިންމާލީ، ހަންނާނު އިސްވެ ދެން އަޑުގައި އޭރު އުޅުނު ލަވަ ކިޔާ ކުދިންތައް އުޅުނީ. އަޅުގަނޑަކަށް ނޭނގޭ ސަމަރޭގެ ހަނދުމަފުޅުގައި ހުރި ކަމެއް، އަސްލުގައި އެ ލަވައަކީ ސަމަރޭ ވިދާޅުވެގެން އޭނާގެ ޝުއޫރުތަކާ އެއްގޮތަށް ހެދުނު ލަވައެއް، ތިޔަ ލަވައިން ސޯދިގަށް ލިބެނީ ދެލިގަނޑު ހުރިހާ އޮއްޓަރެއް ސަމަރޭއަށް، އޭނާގެ ހިޔާލުން އުފެއްދި ލަވައެއް ތިއީ،" ސޯދުބެ ވިދާޅުވި އެވެ.

މި ހާއްސަ ލަވައިން ކޮންމެ އީދެއްގައި ދިވެހިންނާއި ދިވެހި ރާއްޖެ ހިނިތުން ކޮށްދޭތީ ސޯދު ވެސް ހުންނަވަނީ ހިނުތުންވެވަޑައިގެނެވެ.

"މިއީ ޅެމެއް ނޫން، މިއީ ކުޑަކުޑަ ލަވައެއް މައިގަނޑަކާ ދެ ތިން ހަތަރު ކަޑިއަކާ އޮންނާނީ ވެސް މާބޮޑަށް ހަނދާނެއް ވެސް ނެތް، އަޅުގަނޑު އެ ދަސްކޮށް އުޅެނީއަކީ ވެސް ނޫން. ބައެއް ތަންތަންތާގައި މި ލަވަ ނައިސް މިއުޒިކް އިއްވާލިޔަސް އެއީ އީދު އައީ ކަމަށް ވެގެންދަނީ. އެ ހިސާބުން އެނގޭ އެއީ އެ ލަވަކަން، އަދި އީދު އައީކަން. އެ ލަވަޔަށް ކުޑަކުދިންނާ ހުރިހާ ފުރައެއްގެ ވަރަށް ބޮޑު ތަރުހީބު އޮންނާތީ ސޯދިގު ވަރަށް އުފާވޭ މިއަދާ ހަމައަށްވެސް މިލަވަ އިވޭތީ އަދި ތަފާތެއް ނުވާ އެ މަންޒަރުތަކާއެކު ފެންނާތީ އާއި ތަރުހީބު އޮންނާތީ އަޅުގަނޑުގެ ހިތަށް ވަރަށް ފަސޭހަވޭ،"

އެކަމަކު މި ލަވަޔާ ގުޅިގެން ސޯދުބެގެ ކުޑަކުޑަ ކަންބޮޑުވުމެއް ވެސް އޮވެއެވެ. އެއީ މި ލަވަ ސޯދުބެ ހައްދަވާފައި ވަނީ ކުޑަ އީދު ނުވަތަ ފިތުރު އީދާ ގުޅުވައިގެން ކަމަށް ވެފައި އެ ލަވައިގައި ހިމެނޭ ގިނަ ބައިތަކަކީ ރޯދައާ ވެސް ގުޅިގެންދާ ބައިބަޔަށްވުމުން ހުރިހާ އީދަކަށް މި ލަވަ މިހާރު ފައްތާލާފައި އޮންނާތީ އެވެ.

"ކޮންމެ އީދެއްގެ ލަވަޔަކަށް މި ލަވަ ހަދައިގެން އުޅޭތީ އެހާ ކަމަކު ނުދޭ، އެކަމަކު އޭގެ ފަށައިބައި އެގޮތަށް ވެސް ފުދޭ، އެއީ ކަމަށްވެދާނެ އެހެން އެވީގޮތަކީ ވެސް"

މި ހާއްސަ ލަވަ ހެދި ސީދާ އަހަރެއް ސޯދުބެގެ ހަނދާނަކުވެސް ނެތެވެ. އެހެންވެ ލަވައިގެ ބުނާ ހުރިހާ ވާހަކަތަކެއް ވެސް މިހާރު ހަނދުމަފުޅަކު ނެތެވެ. ރިހި ހަނދާންތައް އާ ކުރައްވަމުން ވިދާޅުވީ "ވިހި ފަންސަވީ އަހަރު ވެދާނެއޭ ހިތަށް އަރަނީ. އަޑުގައި އޭރުގައި އިބްރާހިމް މަނިކު ހުންނެވީ އޭނާގެ ޕޫރާ ޗާންދު [ފުލްމޫން -- އެންމެ ފުރިހަމަ ދުވަސްވަރު] ގަ، އެކަމަކު އޭރު އަދި ވަޒީރަކަށް ނުވޭ،"

ސޯދުގެ ހަނދާނުގައި ނެތަސް މި ލަވަ ހިތުގައި ފަވާފައި ނެތް ދިވެއްސަކު މަދުވާނެ އެވެ. ސޯދުބެގެ މި ލަވައަށްޓަކައި މިވަރު އޯކޭ ނޫން ހެއްޔެވެ؟

އީދު އައީ ހިނިތުން ވަމުން...

އީދު އައީ ހިނިތުން ވަމުން މީރު ވަހުން ޖައްވު ހުވަނދު ލަމުން
ރީތިވިހާ ލަވަ ކިޔަމުން މާމަލުގައި ނަލަ ކުލަ ޖައްސަމުން

ރަމަޟާން މަހުގެ ހަނދާން ކުރަމުން އެ މަހުގެ ހެޔޮހާ ދަރުމަތަކުން
މިފަދަ އިތުރު ހެޔޮކަން ލިބުމުން ޝުކުރާއެކު ހިތްތައް ފުރަމުން
މިފަދަ އަނެއް ފުރުސަތު އެދެމުން!

އީދު އައީ ...

ދިރިވުނު ރޭތައް ރޯދަ މަހުން، ހުރުމަތުގައި ކުރެވުނު އަމަލުން
ދަރުމަތަކަށް ހެޔޮ މަގު ފަހިވީ، މިރޮނގުން އިވިގެން ދިޔަ ވައުދުން
ލިބުނު އެހާ ގިނަ އިރުޝާދުން!

އީދު އައީ ...

ފިތިރު ޒަކާތުގެ ދީލަތިކަން މިތުރުންނަށް ދައްކާ ހަދަމުން
ގެތުނު މި ބޮޅުތައް ދެ ފަރާތުން، އަތުރު ކަމެއް ނެތި އަދު ފެނުމުން
އިތުރު މި ދީނުގެ މަގު ދެކުމުން!

އީދު އައީ ...

އީދު އައީ އަދު އީދު އައީ ވީ އުފުލުން ބައްދަލުވެލަނީ
މީރު ކެއުންތައް ކައި ހަދަނީ، ރީތި ގުޅުންތައް އާ ކުރަނީ
އެކުވެރިކަން އާލާ ކުރަމުން!

އީދު އައީ...

ކުޅިވަރުތައް މިއަދާ ގުޅިގެން ކުޅެ ހެދެޔޭ މި ގޮތުން ގުޅިގެން
މުޅި ރަށުގައި އޮތް އެއް އަހުކަން އޮޅުމެއް ނެތިދޭ ހާމަވަމުން
ކަޅުހާ ކަޅުކަން ސާފުވަމުން