ގޭގެ ހަތަރު ފާރުގައި ގަޑި ހަރުކޮށްގެން އަދި އަތުކުރީގައި ގަޑިއަޅައިގެން މީހުން އުޅުނު ޒަމާނެއް ވެސް ދިޔަ އެވެ. އެކެމަކު ޓެކްނޮލޮޖީއާ އެކު ރާއްޖެއަށް ބިންދާލި ރާޅުގައި ގަޑިތައް ވެސް އޮޔާ ގެންދިޔައީ އެވެ. ގަޑިބަލަން އެންމެން ގެންގުޅޭ އެއްޗަކަށްވީ ފޯނެވެ. ބިޓުންނަށް ތިއްތި ދެއްކެން އެންމެ ފަހުގެ އައިޕޯނު ގަނެގެން ޖީއެން ސައިކަލުތަކުގައި މަގުތަކުގައި ދުއްވަން ދިޔަ ޒުވާނުންނަށް ވެސް އަތުގައި އަޅައިގެން އުޅުނު ގަޑި މުހިންމު ނުވީ އެވެ. އެއީ ފަހަރުގައި "ފަޅޯ" ގަޑިއޭ މިކިޔާ ކަހަލަ ގަޑިއަށް ވީމަ ކަމަށް ވެސް ވެދާނެ އެވެ.
ޒަމާނާއެކު ފެޝަން ވެސް އެނބުރެމުން ފުރުޅެމުން އައިސް އަނެއްކާވެސް މިއޮތީ ގަޑި ފެޝަނަކަށް ބަދަލުވީ އެވެ. އަންހެން ކުއްޖެއްގެ ހިތް އަތުލަން ކޮންމެހެން ޖީއެން ސައިކަލެއްގައި އައިޕޯނެއް ހިފައިގެން ދާކަށް ނުޖެހެ އެވެ. އަދި ކިތަންމެ ރީތި ހެދުމެއް ލައިގެން ހުއްޓަސް އަންހެން ކުއްޖާގެ ރާޑަރަށް ނާރަފާނެ އެވެ. އެކަމަކު ގަޑިއަކީ އަންހެންކުދިންގެ ރާޑަރަށް ވަރަށް ފަސޭހައިން އަރާ އެއްޗެކެވެ. ނަމަވެސް އެއީ އަޅައިގެން ހުންނަ ހެދުމަކާ ގުޅޭ ކަހަލަ ގަޑިއެކެވެ. ތަފާތު ވައްތަރުގެ ސްމާޓް ގަޑިތައް މިހާރު ވަރަށް ގިނަ އެވެ. މި ނޫނަސް ގަޑިއެޅުމަކީ ބަލާ ބެލުމަށް މީހާއަށް ބަދަލުތަކެއް ގެނުވާ ކަމެކެވެ.
ކާމީޔާބު މީހެއް ކަމަށް!
އަންހެން ކުދިންގެ މެދުގައެއް ނޫނެވެ. މިއީ ވިޔަފަރީގައި ވެސް ކާމިޔާބު މީހެއްކަން އަންގާލަން ނިކަން ފުރިހަމަ ގޮތެެކެވެ. ވިޔަފާރީގެ މީޓިން ތަކަށް ދާއިރު ގަޑިއަކީ ވެސް ހެދުމުގެ ބައެއްގެ ގޮތުގައި ހިމަނާށެވެ. މީހާގެ ހައިބަތު އިތުރު ކަމަށް ދައްކައި ކުރިއަށްދާން ފަސޭހަވެ އެވެ. މިއީ އެތައް އަހަރެއް ވަންދެން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކެއްގެ ނަތީޖާ އެވެ. ހަމަ ހުރެފައި ބުނާ ވާހަކައެއް ނޫނެވެ.
އަބަދުވެސް ތިހުންނަނީ ފޯނަަށް ދެވި ހިފައިގެން އޭގެ ތެރެއަށް ދެލޯ ލައިގެންނެވެ. އެކަން ހުއްޓަން ކުރެވިދާނެ އެއް ކަމަކީ ގަޑިއެއް އެޅުމެވެ. ގަޑި ބަލަން ފޯނު ނަގާފައި ސޯޝަލް މީޑއާގެ ތެރެއަށް ފުންމާލަނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެ އެވެ. އަތުގައި ގަޑިއެއް އޮންނަ ނަމަ އެ ފުރުސަތު ކުޑަވާނެ އެވެ. ދައްކާނެ އެއް ބަހަނާ މަދުވާނެ އެވެ.
ގަޑި އެޅުމަކީ މީހާ ޒިންމާދާރު މީހެއްކަން ވެސް ހާމަކޮށްދޭ ކަމެކެވެ. ވަޒީފާ އިންޓަވިއުތަަކަށްދާއިރު ގަޑިއަޅައިގެން ދިއުމަކީ ވަޒީފާއެއް ހޯދަން ފަސޭހަވެސް ކަމެކެވެ. ގަޑިއެޅުމަކ ފައިސާ އަދި ވަގުތުގެ އަގު ހިފާއްޓަން ދަންނަ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.