ރިޕޯޓް

މުޅި ގައުމަށް އީދު ސަލާމް!

މުޅި ގައުމަށް އީދު ސަލާމެވެ! ކުޑައިރު އީދު ދުވަހު ހޭލެވޭނީ ގޭގައި ފިހާ ފޮނި ބޯކިބާގެ ވަހަށެވެ. ބައްޕައާއެކު އީދު ނަމާދަށްދާ އެންމެންނާ ސަލާންކޮށް، ވާހަކަދައްކާ ނިންމާ ގެއަށް އަންނަންވާ އިރަށް، ހެނދުނު ސަޔަށް މަންމަ ކުޅި އާއި ފޮނުި ބޯކިބާ ތައްޔާރުކޮށްފައި ބަހައްޓާނެ އެވެ. އޭރު، އަހަރެމެން އުޅޭނީ ގޭގެ ގޯޅިގަނޑުގައި ލާފައިވާ ދޮންވެލިގަނޑުގައި ފަސްއޮށް ފޮރުވުމުގަ އެވެ. ކޮއްކޮ އާއެކު އެކަން ކުރާ އިރު ދެމީހުންނަށް ވަކިން ދޭ ފަސްއޮށްތައް ފޮރުވާ، އެ ގެއްލި، ދެ މީހުން ތަޅާފޮޅާ ހިސާބަށް ދެއެވެ. މަންމަ އުޅޭނީ މެންދުރަށް ކައްކާށެވެ. އެހެން ތިއްބާ ބައްޕަ ގެއަށް ވަދެ، ދެ ކުދިންނަށް ވަކިން އީދު މުބާރިކް އޭ ބުނެލާފަ ގެއްލޭނެ އެވެ. އެއީ އަހަރުމެން ކުޑައިރު އެންމެ ފުރަތަމަ ކުރާ އީދު ސަލާމެވެ.

އީދު ދުވަހުގެ ގަޑިން 11 ނުޖެހަނީސް ދެން ފެންނާނީ އަމީނާ މާމަ ގެއަށް ތަށިބަރި ވައްދާ ތަނެވެ. ފުރަތަމަ ގެއަށް އަންނާނީ އެވެ. ދެ ގެވެސް ބުރި ބުރިއަށް ނެގިފަހުން ތަށިބަރި ދިއްކޮއްލާނީ ފުރާޅުމަތިންނެވެ. މާ ގިނަ އެއްޗެއް ބުނާކަށް ނަހަދާނެ އެވެ. ރަކިގޮތަކަށް ހީލާފަ، އީދު މުބާރިކޭ ކިޔާފަ އަވަސް އަރުވާލާފަ ދާނީ އެވެ.

މާމަގެ ތަށިބަރިއަކީ އަހަރެމެން ދެބެން އެއަށް ފާރަލާ އެއްޗެކެވެ. މާމަ ދޭ އެއްޗަކަށް ވެފައި، ދެމީހުންގެ ވާދަވެރިކަން އިންތިހާއަށް އޮންނާތީ އެއަށް ފާރަލަނީ އެވެ. މާމަގެ ތަށިބަރިއަކީ ބަދަލުނުވާ ތަށިބަރިއެކެވެ. އެންމެ ތިރީގައި ކުކުޅު ރިހަ އެވެ. ދެވަނަ ބައިގައި ބަތެވެ. ދެން މުގު ރިހަ އެވެ. ދެން ހުންނާނީ ސަޓަންޏާއި މާމަގެ "ބަދަލެއްނުވާ" ހަލުވިދާ އެވެ. ދެމީހުން ތިބޭނީ އެ ހަލުވިދާކޮޅަށް ފާރަލައިގެންނެވެ. ލޮލުކޮޅުން މަންމަ އޮބާލާއިރަށް އެއަށް ދެމީހުންވެސް ފުންމައިގަންނާނެ އެވެ. ކައުބެލް ގެރިކިރު ރަހަލާ ހަލުވިދާކޮޅު ހޯދާ ކުއްޖާ، އޭތިކޮޅު ސިއްރު ސިއްރުން ކާލާނެ އެވެ. ދެން ހުންނަ މީހާގެ ޝަކުވާ އަހަން މަންމަ ހުންނާނެ އެވެ. އަމީނާ މާމަ ނިޔާވުމުން އެ ރިވެތި އީދު ސަލާންވެސް ނިމިގެންދިޔައީ އެވެ.

އީދުދުވަހު އެންމެ ރުޅި އަންނަ ކަންތައް ކުރާނީ މަންމަ އެވެ. ހަވީރު ވީމާ ފުއްޖައްސާ، ބޮލުން ރުއްފަޅުވާ، ދެބެން ޑުޕްލިކޭޓް ހައްދާފަ ބަހައްޓާނީ ބޭން ބަލަން ރީތިކޮށްފަ އެވެ. ދެން އެވީ ބޭން ބަލަން ދާށެވެ. ކޮއްކޮ ހުންނާނީ ރަނގަޅަށް ހެދިފަ އެވެ. އަހަންނަށް ޖެހޭނީ ތުން ފިއްތައިގެން ހުންނާށެވެ. އެއީ ކޮއްކޮއާ އެއް ހެދުމެއް ލައްވާފަ ހުރީމަ އެވެ. އެއީ އަދި އަމުދުން އަހަރެން ދާހިތްވާ ތަނެއްވެސް ނޫނެވެ. އެކަމަކުވެސް ދާން ޖެހެ އެވެ. ގެއަށް އަންނަން ޖެހޭނީ މީހުން ގިނަވެގެން ބޭން ނުބެލިގެން، ކޮއްކޮ ބޮޑާހާކާތީ އެވެ.

ބ. އޭދަފުށީގައި ހޭދަކުރި އީދަކީވެސް ވަރަށް ހަނދާންވާ އީދެކެވެ. ކޮންމެ ދުވަހެއް ފެށޭނީ ސަޔާއި ހީނާފަތުގެ ސަކަރާތުންނެވެ. މެންދުރަށް އެޅުމުން އެ ފެށުނީ ފެންކުޅީގެ ސަކަރާތެވެ. އަބަދުވެސް ހުންނާނީ ތެމިފަ އެވެ. އެއް ބަޔަކު ތިބޭނީ ފެން ކޮތަޅުގެ "އާސެނަލެއް" ހަދައިގެންނެވެ.

އަނެއް ބަޔަކު ތިބޭނީ ތެލި ތެއްޔާއި ބަނޑިޔާތަކާއި އޭރު އަތުޖެހުނު އެއްޗަކުން ހަތިޔާރު ތައްޔާރު ކޮށްގެނެވެ. ބޮޑެއް ކުޑައެއް ނޯންނާނެ އެވެ. އެވަގުތެއްގައި ދިމާވި މީހެއްގެ ގަޔަށް ފެންކޮތަޅުތަކާ އެހެން އެއްޗެހި ޖަހާއިރު އަނިޔާވެސް ވެފައި ހުންނާނެ އެވެ.

އޭދަފުށީގައި މަގު އޮންނާނީ ހިތަކަށެވެ. ދުއްވާ އެއްޗެއް އަދި އަމުދުންވެސް ނުހުންނާނެ އެވެ. އެހެންވެ، އަހަރުމެން ތިބޭނީ ފަތިސް ވަންދެން އަބޫ ބެމެންނާއެކު ފައިގަތަޅާ ކުޅުމުގަ އެވެ. ނިދާކަށް ވަކި ގަޑިއެއް ނޯންނާނެ އެވެ. އެމީހަކަށް ޖެހުނު ގޮތަކަށް، ޖެހުނު ތާކު ނިދަނީ އެވެ. ތަނެއްގައި ނިދާފަ އޮތް މީހަކު ފެނިއްޖެނަމަ، އެމީހަކަށް އަހުވަ ދައްކާލާނެ އެވެ. ކޮންމެ ގެއަކުންވެސް ގޮވާލަނީ ސައިބޯން، ކާން އަންނާށެވެ. އީދުކުޅިވަރަށް، ރަށަށް ޒިޔާރާތްކުރާ މީހުންނަށް މެހެމާންދާރީ އަދާކޮށްދިނުމުގައި އޭދަފުށި ވަރެއް ނޯންނާނެވެ.

މަންމަގެ ރަށް ތުޅާދޫއަށް އީދަށް ދެވިފައި ވަނީ މަދުފަހަރެއްގަ އެވެ. ދެވުނު މަދު ފަހަރުތަކުގައި ވެސް ފާހަގަ ކުރެވުނު އެއް ކަމަކީ ތުޅާދޫ ރައްޔިތުން ނިކަން ގުޅިގެން ފަށާ އީދުކުޅިވަރު އަރާރުންވުމަކުން ނިންމާކަމެވެ. އެންމެ ހަނދާންވަނީ ތުޅާދޫ ބާ ސްކޫލްގެ ވަރުގަދަ އިމާރާތްތެރޭގައި ކޮއްކޮމެންނާއެކު ކުޅެން އުޅޭ ހަނދާނެވެ. މަންމަގެގެ ހުންނާނީ ހަތަރު އަނގޮޅި ކަންމައްޗެއްގަ އެވެ. ގޭގައި ބަހައްޓާފައި ހުންނަ ތާނގި މައްޗަށް އަރާލީމާ ހުރިހާ ދިމާލުންވެސް ފެންނާނެ އެވެ. އެންމެން ކުޅޭ ކުޅިވަރުތަކެވެ. ބޮޑު މަސް ދުއްވާ ތަނެވެ. އެއް ގެއިން އަނެއް ގެއަށް ކާން ދާން ގޮވާލާ ގޮވާލުމެވެ.

ބައްޕަ ހައްޖަށްދާ ފަހަރުތަކަކީ އީދު ފާހަގަކުރުން މައިތިރިވެފައި އޮންނަ ފަހަރުތަކެވެ. ގެއިން މީހަކު މަދުވާކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވޭތީ އެވެ. ބައްޕަގެ ތިން ދަރިންނަށް ދިން އެންމެ ބޮޑު އީދު ހަދިޔާ ދީފައިވަނީ މައްކާ ބިމުގަ އެވެ. ތިން ކުދިންގެ ނަމުގައި ބަކަރި ކަތިލާ ހައްޖުވެރިންނަށް ބައްޕަ ސަދަގާތްކުރި އެވެ.

ބައްޕަ ފަރާތު ބޮޑުބޭބެ، ދޮންބެގެ ސަލާމަކީ އެއަށްވުރެ މަޖާ ސަލާމެކެވެ. ކޮއްލާ ސަލާމުން އެއް އަތުން އަނެއް އަތަށް މެޓާ ފޯރުކޮށްދިނުމަކީ ދޮންބެގެ އާދަ އެކެވެ. އޭރުގެ އެންމެ ހިޓު މެޓާތައް ކަމަށްވާ ގެރިމެޓަލާއި އަަލަނާސިމެޓަލާއި ކާށިމެޓަލާއި މެޖިކްޓަންގަށް އަހަރެމެންގެ ލޯ ހުޅުވުނީ ދޮންބެގެ ގެއިންނެވެ. ދޮންބެ ނިޔާވުމުން އެ ސަގާފަތް ދޮންބެދައްތަ އާއި ދޮންބެގެ ޒިޔާދުބެ ކުރިއަށް ގެންދިޔަ އެވެ. އަދިވެސް އެއަށް ނިމުމެއް ނާދެ އެވެ.

ލަންކާއަށް ބަދަލުވުމަކީ އާދަކާދަތައް ދިރުވަން ލިބުނު ފުރުސަތެކެވެ. އާންމުކޮށް ދިވެހިން ދިރިނޫޅޭ ހިސާުބުތަކުގައި ދިރިއުޅެ، ދިވެހިން ނުދާ ކޮލެޖްތަކުގައި އުޅުމުގެ ސަބަބުން، ވަތަނީ ލޯތްބާއި އީދު ސަލާން ކަހަލަ ކަންކަން ކުރަން ހިތުތެރޭގައި ފާޑެއްގެ ލޯތްބެއް އުުތުރިގަތެވެ. އީދު ދުވަހު ކޮލެޖަށް ދާ އިރު އެންމެން ގޮވައިގަންނާނެ އެވެ. ވަޓަލައްޕަން ކޮބައިހޭ؟ ކާއެއްޗެއް ނުގެންނަންހޭ؟

އެހެން ކިޔާވަރުން މަންމަ އަހަރެމެންނަށް ގިނައިން ކައްކާފަ ފޮނުވާނެ އެވެ. އާންމުކޮށް ހުންނާނީ މަންމަ ސްޓައިލްގެ ބިރިޔާނީ އެވެ. ގިނަ ފަހަރަށް އެކަހަލަ ދުވަސްދުވަހު އަހަންނާއި ކޮއްކޮ ކާނީ ކެންޓީނުން ގަންނަ ކޮންމެވެސް އެއްޗެކެވެ. ނޫނީ އެމީހުން އެލީޓަށް ވައްދާފަ ކާންދޭނެ އެވެ. މަންމަ ހަދާ ކާއެއްޗެހީގެ ރަހައެއް ބަލައިލެވޭނީ އެދުވަހު ގެއަށް ދިޔުމަށްފަހު އެވެ. އެއްފަހަރަކު، ގެއަށް ފޮނުވާފަ ހުރި ތެއްލި ބަނބުކެޔޮ ޑަބިޔަލެއް ހުސްކޮށްލީމެވެ. ބަނބުކޭލާ ޗިލީ ސޯހާއި ޖަހައިގެން ކޭއިރު ކޮލެޖު އެންމެން ހީވީ މޮޔަވެގެން އުޅޭހެންނެވެ.

ލަންކާގައި އުޅުނުއިރު، އީދުދުވަސްފަދަ ހާއްސަ ދުވަސްދުވަހު ގޭގައި ކައްކާ އެއްޗެހި އަވަށްޓެރިންނަށް ބަހަން ހިނގަމެވެ. އިސްލާމެކޭ، ބުޑިސްޓެކޭ ފަރަގެއް ނުކުރަމެވެ. އެމީހުންވެސް އެމީހުން ފާހަގަކުރާ ދުވަސްދުވަހާއި ގުޅުވައިގެން އަަހަރެމެންނަށް ކެވޭގޮތަށް ކިރިބަތާއި ޕޮލް ސަމްބޯލް އާއި ލުނުމިރުސް ފޮނުވާނެ އެވެ. މިހާރުވެސް ދިމާވީމަ ނޫނީ ގުޅާލާފަ ބުނާނެ އެވެ. އީދު ދުވަސް އައިމަ ތިމީހުން މަތިން ހާދަ ހަނދާންވެ އެވެ. އަލުން އަންނާށެވެ.

މިއީ އަހަރެންނަށް ތަޖުރިބާ ކުރެވިފައި ހުރި އީދު ސަލާންތަކެވެ. މީގެން ކޮންމެ ސަލާމަކީ ހަނދާންތަކާއި ގުޅިފައިވާ ސަލާންތަކެކެވެ. ދުވަހަކުވެސް ގުޅުން ބަދަހި ނުވާނޭހެން ހީވި މީހުންނާއި އީދުގެ ސަބަބުން ގުޅުން ބަދަހިވެގެންދިޔަ އެވެ. އެންމެން ގުޅުން ބަދަހިކޮށްލަން ލިބޭ ފުރުސަތެކެވެ. ދީނާއި ދީނުގެ އަސާސްތައް އިތުރަށް ދެނެގަންނަށް ލިބުނު ފުރުސަތެކެވެ. ނަބަވީ ސުންނަތްތަކަށް އަމަލުކުރުމަށް ލިބުނު ޗާންސެކެވެ.

ފަހުން ފަހުން އައިސް އީދުގެ ފޯރި ގެއްލި، އީދުދުވަހަކީ ހަމައެކަނި ކައިފަ، ބޭން ބަލާލާފަ، ކޮފީ އަކުން ނިންމާލާ އެއްޗަކަށްވެ ހިނގައްޖެ އެވެ. އީދު މުބާރިކް ކިޔާނީ ނޫނީ ކޮޕީ ޕޭސްޓްކޮށްލާ އެސްއެމްއެސް އެއް، ފޭސްބުކް ޕޯސްޓެއް، ގްރޫޕް މެސެޖެއްގެ ޒަރީއާއިންނެވެ. އެންމެ ކަންނެތް ބައިގަނޑު ފޮނުވާލާނީ ސްޓިކަރެކެވެ. އެންމެން އެއްތަންވެ ކައިގެން އޮންނާނީ ސޯފާއަށް ބެޓިގަނެގެންނެވެ. ފޯނަށް ގެއްލިފަ އެވެ.
އީދު ސަލާމް ކޮށްލާ މީހެއްގެ ސަބަބުން މޫނު ކެނޑޭ ހިސާބަށްދެ އެވެ. ސިޔާސީ ކޯޅުމަކީ ނުވަތަ ސިޔާސީ ވާދަވެރިކަމަކީ އީދަށް އޭގެ އަސަރުކޮށްގެންވާނޭ ކަމެއް ނޫނެެވެ. އެކަމަކު ވަނީ އެހެންނެވެ.

މީގައި އަހަރެންވެސް ކުށްވެރިވެ އެވެ. ގޭ އެންމެންނަށާއި ގާތް ރައްޓެހިންނަށް ޕާސްކޮށްލާ އީދު މުބާރިކުގެ އިތުރުން އެއްކަމެއްވެސް އަހަންނަކަށް ފަހުން ފަހުން އައިސް ނުވެ އެވެ. ކައިގެން އޮފީހަށްވަނުން ނޫނީ ގޭގައި ދެފައި ދަމާފައި އޮތުން ފިޔަވައި އެއްކަމެއްވެސް އީދު ދުވަހު ކުރެވޭކަމަކަށް ނުވެ އެވެ. ކަމެއް ބަދަލުވާނީ އެކަމެއް ބަދަލުކުރަން އުޅުނިއްޔާ އެވެ. ގަތް ލަދަކާއި ރުޅިއެއްވެސް ފިލާނީ އެކަމަށް އިސްނަގާ އެކަމެއް ކުރާން އުޅުމުންނެވެ. މުޅި ގައުމަށް އީދު ސަލާމެވެ.