ރިޕޯޓް

މަލިކު މީހުން ރާއްޖޭގައި: ދިވެހިންގެ ސާދާ އާދަތައް!

ހއ. އިހަވަންދޫއަށް މިހާރު ވެސް އީދު މިވަނީ އައިސްފަ އެވެ. އެ ރަށުގެ ގިނަ ބަޔަކު ޅަ ދުވަހުން ފެށިގެން ވެސް ދެކެމުން އަންނަ ހުވަފެން ވަނީ ހަގީގަތަކަށްވެފަ އެވެ. އެ ރަށާ 150 ކިލޯމީޓަރު ދުރުގައި އޮންނަ، ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު ރަށްވެހީންނާ އިހަވަންދޫގެ ރައްޔިތުން މިވަނީ ބައްދަލުކޮށްފަ އެވެ.

ރޭ އިހަވަންދޫއަށް ބޮޑު އުފަލެއް ގެނެސްދިނީ މަލިކު 24 މީހަކު އެ ރަށަށް ދިޔުމުންނެވެ. އެ ރަށުގެ ކުދި ބޮޑު އެންމެން ބަނދަރު މައްޗަށް ނިކުތީ މަލިކު މީހުން ދެކިލުމަށެވެ. އިހަވަންދޫ މީހުން އެކަންޏެއް ނޫނެވެ. ކައިރީގެ ބައެއް ރަށްރަށު މީހުންނަށް ވެސް ނިތިބެވިގެން އިހަވަންދޫއަށް އެމީހުން ދެކިލުމަށް ދިޔަ އެވެ.

އިހަވަންދޫއިން ވަރަށް ހޫނު މަރުހަބާއެއް މަލިކު މީހުންނަށް ކިޔެ އެވެ. އެ މީހުން ވެސް ތިބީ ޝޮކެއްގެ ތެރޭގަ އެވެ. މީގެކުރިން އެފަދަ ހޫނު މަރުހަބާއެއް އެމީހުންނަށް ފެނިފައެއް ނުވެ އެވެ.

މަލިކު މީހުން އިހަވަންދޫއަށް ގެންދިޔައީ، އެ ރަށުގެ އީދު ކުޅިވަރުގެ ހާއްސަ މެހެމާނުންގެ ގޮތުގަ އެވެ. އެއީ ކުޅިވަރު ކުޅޭ ބައެއް ނޫނެވެ.

މަލިކު މީހުން ގެނެސް އެމީހުންގެ ކަންކަން އިސްކޮށް ކޯޑިނޭޓްކުރުމުގައި ހަރަކާތްތެރިވާ އެ ރަށު މަސްވެރިންގެ ގުޅުމުގެ އަދުނާނު މޫސާ ބުނީ، މަލިކު މީހުން އެރަށަށް ގެންދިޔައީ، އެމީހުންނާ ބައްދަލުކޮށްލުމަކީ ވަރަށް އިހު ޒަމާނުއްސުރެ އެ ރަށު ރައްޔިތުން ދެކެމުން އަންނަ ހުވަފެނަކަށް ވާތީ ކަމަށެވެ. މަލިކު މީހުންގެ ސަގާފަތާއި އެމީހުންގެ އާދަތައް ބަލާލުމަށް ވަރަށް ޝައުގުވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މަލިކުގެ އަންހެނުންނާއި ފިރިހެނުން އެ ރަށަށް ގޮސްފައިވާއިރު އެމީހުންގެ ފަރާތުން ފެނިގެން ދަނީ ދިވެހިންގެ އިހު ޒަމާނުގެ އާދަތަކެވެ. އެ ސަގާފަތެވެ. އެ ވައްޓަފާޅި އެވެ.

އަންހެނުން ތިބެނީ ބޯ ނިވާކޮށް، އެއްކޮށް ބުރުގާއެއް ނޫން އެކަމަކު ފޮތިގަނޑަކުން ބޯ ނިވާކޮށްލައިގެން ކަރުގައި ވަށާލައިގެން ތިބެނީ، ކުރީގައި ދިވެހި މާމަމެން ވެސް ތިބޭ ގޮތަށް،" އަދުނާން ވިދާޅުވި އެވެ.

އަދުނާނު ބުނީ، މަލިކު އަންހެނުންގެ ފަރާތުން ކުރީގައި ދިވެހި އަންހެނުންގެ ކިބައިން ފެންނަ ފަދަ ލަދުރަކިކަން ވެސް ފެނިގެންދިޔަ ކަމަށެވެ.

"އަޅުގަނޑުމެން ގުޅުން ބަދަހިކުރުމަށް އެމީހުންނާ ބައްދަލުކޮށްލަން ބައްދަލުވުމެއް ބޭއްވިން، އެ ބައްދަލުވުމުގައި ވެސް ކޮޅަށް ތެދުވެލާ ނަން ބުނެލަން ވެސް އެ އަންހެނުންނަށް ނުކުރުނު، އެކަމުން ވެސް އެމީހުންގެ ލަދުވެތިކަން އެނގޭ،" އަދުނާން ބުންޏެވެ.

ރަށު ފެންވަރުގައި ފެށި ކަމެއް މިހާރު މުޅި ބޮޑުތިލަދުންމައްޗަށް ފުޅާވެ، ގައުމީ ކަމަކަށް މިކަން މިވަނީ ވެފަ އެވެ. މަލިކު މީހުން ދެކިލައި ބައްދަލުކޮށްލަން ހދ. ކުޅުދުއްފުށިން ވެސް ބޮޑު ބޯޓެއްގައި އީދު ދުވަހު އިހަވަންދޫއަށް މީހުން ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅުދުއްފުށިން 900 އެއްހާ މީހުން އެރަށަށް ދާނެ ކަމަށް ބެލެވެ އެވެ.

ކުޅުދުއްފުށިން އެކަންޏެއް ވެސް ނޫނެވެ. ނައިފަރުން ވެސް ތިން ބޯޓެއްގައި މީހުން އިހަވަންދޫއަށް ދާނެ އެވެ. އޭގެއިތުރުން ހދ. މަކުނުދޫ އަދި ކުރިނބި މީހުން ވެސް އެރަށަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މަލިކު މީހުންނާއެކު ބޮޑު ތިލަދުންމައްޗަށް އީދުގެ އުފާ ދެގުނަވެފައިވާއިރު، އެމީހުން އިހަވަންދޫގައި ހަ ދުވަސް ވަންދެން މަޑުކުރާނެ އެވެ. އަދި ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.