ސުލްތާން މުހައްމަދު ލަތީފް އަކީ 16 އަހަރުގެ ކުއްޖެކެވެ. އެކަމަކު އާދައިގެ ކުއްޖެއް ނޫނެވެ. އާދަޔާހިލާފު އެތައް ސިފައަކުން މުއްސަނދިވެ، ބޭފުޅެއްގެ ހިތް އުފަލުން ބަންޑުންވާހާ ރިވެތި އަހުލާގުން ހެދުން އަޅައިގެން ހުރި ކުއްޖެކެވެ.
އެއް އަހަރާއި އެއް ހަފުތާ އާއި އެއް ދުވަސް ތެރޭގައި ގުރުއާން ހިތުދަސްކޮށް ނިންމައިފި އެވެ. އެއީ މިދިޔަ އަހަރެވެ. އެއަށް ފަހު ފުރައިގެން ދިޔައީ އުމްރާ އަށެވެ.
މާލޭގެ ބޮޑެތި މިސްކިތްތަކުގައި ރީތިހާ ރާގުރާގަށް ބަންގި ގޮވައި، އެތައް ސަތޭކަ މީހުންގެ ޖަމާއަތްތަކުގައި އިމާމްވެ ނަމާދުކުރާތާ މިހާރު ދެ ތިން އަހަރު ވަނީ އެވެ. މިހާރު ވެސް އާންމުކޮށް ތޮއިބާ މިސްކިތުގައި ފަތިސް ނަމާދާއި އިޝާ ނަމާދު އިމާމްވެ ކުރަނީ މި ކުޑަކުޑަ ސުލްތާނެވެ.
އެކަމަކު އޭނާގެ މި ކުޅަދާނަ ކަމާއި އެ އާދަޔާހިލާފު އަޑު އެންމެ ހާއްސަވަނީ މިފަދަ އީދު ދުވަހަކަށެވެ. ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިދިޔަ އަހަރުގެ ބޮޑު އީދާއި ކުޑަ އީދުގައި ވެސް ތަކުބީރުން މާލެތެރެ ގުގުމާލި ހިތްގައިމު އަޑަކީ ސުލްތާން މުހައްމަދު ލަތީފްގެ އަޑު ކަމުގައިވާތީ އެވެ.
މިފަހަރުގެ ތަކުބީރުގެ ވަގުތު ޖެހުމުގެ ކުރިން އަޅުގަނޑުމެން އޭނާއާ ބައްދަލުކޮށް މި ވާހަކައެއް އެއްކުރީ މިފަދަ ހާއްސަކަމެއް އޭނާ އަށް ލިބިފައިވާތީ އެވެ.
އިންޓަވިއު އަށް ގުޅައިގެން ހަމަޖެހުނު ދުވަހު ހުރީ ރޯދަ އަށެވެ. ބައްދަލުވީ ތޮއިބާ މިސްކިތުގައި އިމާމްވެ ނަމާދު ކުރުމަށް ފަހު، އެކުވެރި ކުދިންތަކަކާއެކު މިސްކިތުގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓަ އެވެ.
އެއަށް ފަހު އިންޓަވިއު އަށް ވަގުތު ދިނުމުން އެންމެ ފުރަތަމަ ވެސް ޝައުގުވެރިވީ އޭނާގެ ދުވަސްތައް ތަރުތީބުކޮށްފައިވާ ގޮތް ބެލުމަށެވެ. އެގޮތުން ސުލްތާންގެ އެއް ދުވަސް ކިޔާލަ ދިނުމަށް އަޅުގަނޑު އެދުނީމެވެ.
"އަޅުގަނޑު ހުރީ މިއަދު ރޯދަ އަށް. ފަތިހު ހަތަރުގަޑި ފަހެއް އެހާކަންއިރު ހާރުކައިގެން ފަތިސް ނަމާދަށް އައިސް އިމާމްވެ (ތޮއިބާ މިސްކިތުގައި) ނަމާދުކުރުމަށް ފަހު އެނބުރި ގެއަށް ގޮސް ހައެއް ޖެހީމަ ފެންވަރާލައިގެން ދިޔައީ ސްކޫލަށް. ސްކޫލުން އެނބުރި އާދެވުނުއިރު ގާތްގަނޑަކަށް މެންދުރު 12 ޖަހަނީ. ދެން މެންދުރު ނަމާދު ޖަމާއަތުގައި ކުރުމަށް ފަހު އެކެއް ޖަހާއިރަށް ދިޔައީ ގްރުއާން ކްލާހަށް،" ނިކަން ޝައުގުވެރިކަމާ އެކު މަޑުމައިތިރި ރާގެއްގައި ސުލްތާންގެ ދުވަހުގެ ތަރުތީބު ކިޔައިދެމުން ކުރިއަށް ދިޔަ އެވެ.
"ދެން އަސުރު ނަމާދަށް ފަހު ގެއަށް ދިޔައީ ގާތްގަނޑަކަށް ހަތަރުގައި ސާޅީސްފަހެއްގައި. ގޮސް ފަހެކާއި ހަޔެކާ ދޭތެރޭގައި އިނގްލިޝް ޓިއުޝަން ނެގުމަށް ފަހު ރޯދަ ވީއްލައިގެން އައީ މަޣުރިބް ނަމާދަށް މި މިސްކިތަށް."
މިއީ ސުލްތާންގެ ހުރިހާ ދުވަހެއް ވެސް ގާތްގަނޑަކަށް ފެށިގެން ނިމިގެންދާ ގޮތެވެ. އިލްމާއި ދީނީ ތަރުބިއްޔަތުގެ ތެރޭގަ އެވެ. ދެން އޭނާ ފެށީ އެންމެ ފުރަތަމަ އިމާމްވެ ނަމާދުކުރުމަށް ފުރުސަތު ލިބުނު ތަޖުރިބާގެ ވާހަކައިންނެވެ.
"މިހާރު ފަހަކަށް އައިސް އަޅުގަނޑު ތޮއިބާ މިސްކިތުގައި އިމާމްވެ ނަމާދުކުރާތާ ދެ އަހަރެއްވަރު ވެދާނެ. ފުރަތަމަ މިގޮތަށް އިމާމްވެ ނަމާދުކުރީ ގްރޭޑް ފަހެއްގައި އުޅެމުން،" ސުލްތާން ކިޔައިދިނެވެ.
އެއީ ފަތިސް ނަމާދެކެވެ. އޭނާ ބުނީ އިމާމް މީހާ ނެތިގެން ލިބުނު އެ ފުރުސަތުގައި އޭނާ އެއްކޮށް ފިނިކޮށްލި ކަމަށެވެ.
"އެއީ އެ ރޭ އިމާމް ނެތިގެން އެ ފުރުސަތު ލިބުނީ އަޅުގަނޑަށް. ވަކި ސޫރަތެއް ކިޔަވާށޭ ބުނީ. އެކަމަކު ބިރުގަނެފައި ހުރިވަރުން އައްމާ ސޫރަތުން ބައެއް އެ ރޭ ކިޔަވާލީ،" ކުޑަކޮށް ހިނިއައިސް ހުރެގެން ސުލްތާން ކިޔައިދެމުން ދިޔަ އެވެ.
"ފުރަތަމަ ދެން އެރިއިރު ވެސް މީހާ ތުރުތުރު އަޅައަޅާ ހުރީ. ބިރުގަތީމަ ދެން ހުރިހާ ހިއްސަކަށް ވެސް އަސަރުކުރާނެތާ. އެކަމަކު
ދެން ޖެހިގެން އައި ދެ ރޭ ވެސް ފަތިސް ނަމާދުކުރިން. އޭގެ ފަހުން ނުކޮށް ހުރެފައި އަނެއްކާވެސް މަޣރިބް ނަމާދަކުން ފުރުސަތު ލިބުނީ. އެއަށް ފަހު، އާންމުކޮށް މާލޭގައި އުޅޭ ނަމަ ނުވަތަ ބަލިކޮށް ނޫޅޭ ނަމަ މި މިސްކިތުގައި އިމާމްވެ ނަމާދުކުރަން އަޅުގަނޑު."
ސުލްތާން ބުނާ ގޮތުން ބަންގީގެ ރާގުތައް އޭނާ ދަސްކުރީ ބޭބެއަކު ގެއަށް ގެނައި ޑިޖިޓަލް ގުރުއާނަކުން ސައޫދީގެ މަޝްހޫރު އިމާމެއްގެ އަޑު އިވި އެކަމަށް އާދަޔާހިލާފަށް ހިތްޖެހިގެންނެވެ. އެއަށް ފަހު ބަންގީގެ އެކި ރާގުތައް އަމިއްލަ އަށް ރިކޯޑްކޮށްގެން އަޑުދަށުން އެންމެފަހުން އެ ރާގުތަކަށް ބަންގިގޮވައި އެ ހުނަރަށް ފައްކާވީ އެވެ.
އެކަމަކު އަދި މިއަށް ވުރެން ހާއްސައީ ނޭވާ ދިގުކޮށް ކިޔެވުމަށާއި ބަންގި ގޮވުމުގައި ވެސް އެ ކުޅަދާނަކަން ލިބިގަތުމަށް ސުލްތާން އަމިއްލަ އަށް ހެދި ތަމްރީނެވެ. ރަށް ގޮސް އޭނާ ދިޔައީ ސްނޯކްލިން އަށެވެ.
"އަސްލު ނޭނގޭ އެގޮތަށް ފީނަން ގޮސް އުޅުމަކީ ނޭވާ ދިގުވާ ކަމެއް ކަމެއް. އެކަމަކު ފަހުން ބަންގި ގޮވަން ފެށީމަ އެ އިހްސާސްކުރެވޭ. އަޅުގަނޑު ފަތަން ދަސްކުރީ މިދިޔަ އަހަރުގެ ބޮޑު ބަންދު ނުވަތަ ކުރީ ބަންދު ތެރޭގައި،" ސުލްތާން ކިޔައިދިނެވެ.
"އޭރު ދެން އެކަނި ވެސް ގޮސް އޮންނަން ފަރުމަތީގައި ވެސް. މާސްކާއި ހޮޅި އަޅައިގެން ކަނޑަށް ވެސް ނުކުމެ އުޅެން. އޭގެ ފަހުން ފުދޭވަރަކަށް ނޭވާ ހިފަހައްޓާލެވޭ ހޮޅިޖަހައިގެން. އެއަށް ފަހު 30 ސިކުންތު ނޭވާ ނުލައި ހުރެވޭ."
އެހެންވީމަ މިހައި ހިސާބަށް އައިއިރު ކިޔައިނުދެވި ދެން އޮތީ ސުލްތާނުގެ އާދަޔާހިލާފު ކޮން ސިފައެއް ހެއްޔެވެ؟ އޭނާ ގުރުއާން ހިތު ދަސްކުރި ގޮތް ވެސް ވަރަށް މޮޅެވެ.
"އަޅުގަނޑު ގްރޭޑް ހަތަރެއްގައި އުޅެނިކޮށް ރަށުގައި ކިޔަވައިދޭން ގެނައީ ޕާކިސްތާނު ގާރީއެއް. ދެން ބަންދު ތެރޭގައި ރަށަށް ގޮސް. އެއީ ބޮޑު ބަންދެއް. ރަށުގައި ހުރީ އެފަހަރު ދެ މަސް ދުވަހުހެން ހީވަނީ. އެ ދުވަސްކޮޅު ތެރޭގައި ދެ ފޮތް ހިތު ދަސްކޮށްގެން ދިޔައީ. ކުޑައިރު ވެސް މަންމަގެ އަޑު ދަށުން ގުރުއާން ކިޔަވައި ކިޔަވައި ފަހަތު ދެ ފޮތް ހިތު ދަސްވެފައި ހުންނަނީ،" ސުލްތާން ކިޔައިދިނެވެ.
އެއަށް ފަހު 14 އަހަރުގައި ފަށައިގެން ގޮސް 15 އަހަރުގައި (އެއީ މިދިޔަ އަހަރު) ގުރުއާން އެއްކޮށް ހިތު ދަސްކުރީ އެވެ.
"ދަސްކުރާ ކޮންމެ ފޮތަކަށް ބައްޕަ އެއް ހާސް ރުފިޔާ ދެއްވާ ހަދިޔާއަކަށް. އުމްރާ ދަތުރެއް ވެސް ލިބުނު،" ކުރިން ދިން އިންޓަވިއުއެއްގައި ސުލްތާން ބުނެފައިވެ އެވެ.
ސުލްތާންގެ މި ވާހަކައެއް ބޭއްވުމަށް ފަހު އޭނާގެ އާއިލާގެ އެހެން މެމްބަރުންގެ ވާހަކަ ނެގިޔަސް ހަމަ މިހައި އާދަޔާހިލާފެވެ. އޭނާގެ ބައްޕަ އަކީ އިސްލާމީ މަރުކަޒުގެ އިމާމެވެ. ދައްތަ ގުރުއާން ހިތު ދަސްކޮށް ނިންމީ އެންމެ ހަތަރު މަހުންނެވެ. ބޭބެ ވެސް ހާފިޒަކަށް ބަދަލުވަނީ އެވެ.
"އަޅުގަނޑުގެ ބައްޕަ ހާއްސަވެފައި ހުރީ ހަދީސްގެ އިލްމުން. ބޭބެ ޝަރީއާގެ ދާއިރާއިން. އަޅުގަނޑު ބޭނުންވަނީ ގުރުއާނުގެ އިލްމުގެ ދާއިރާއިން ކުރިއަށް ދާން. އެއީ ބައްޕަ ވެސް ބޭނުންވެލައްވާ ގޮތް،" ސުލްތާން ބުންޏެވެ.