ޓެކްނޯލޮޖީ

މާރިޔޯ މިފަހަރު ފުންމާލަނީ އެޕަލްއަށް!

ގޭމް ކުޅުމާއި ގޭމަށް ޝައުގުވެރިވުމަކީ ހުރިހާ ޖީލެއްގައި ވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ކޮށްއުޅުނު ކަމެކެވެ. ހަމަ އެއާއެކު ގިނަ ބަޔެއްގެ މެދުގައި އެކި ޖީލު ޖީލު މަޝްހޫރު ވެގެންދިޔަ ފާހަގަ ކޮށްލެވޭ ގޭމްތަކެއް ވެއެވެ. އެހެން ގޮތަކުން ބުނާނަމަ އެކި އެކި ގޭމްތަކަށް ސީޒަން ސީޒަން އަންނަތަން މިހާރު ވެސް ފެނެއެވެ. އެހެން ނަމަވެސް މިފަދަ ގޭމްތަކަށް ވުރެ ކޮލިޓީ އަދި ގިނަ ބަޔެއްގެ ލޯބި ހޯދައިފައިވާ މަދު ގޭމްތައް ނުވަތަ އޯލްޓައިމް ފޭވަރިޓްސްގެ ލިސްޓްގެ އެއްވަނައިގައި ވަނީ ކޮން ގޭމްއެއްތޯ ސުވާލު ކޮއްފިނަމަ 99 ޕަސެންޓް މީހުން ބުނާނީ އެއީ ސުޕަ މާރިއޯގެ ގޭމްތަކެވެ.

ޕްލެޓްފޯމް ތަކެއްމަތިން ފުއްމަމުން ކުޅޭ މިގޭމްއަކީ 1985 ގައި ވުޖޫދަށް އައި ގޭމް ސީރީސް އެކެވެ. ކާމިޔާބަށް ބަދަލެއް ނައި މިގޭމަށް އަނެއްކާ ވެސް ކުރިޔަށް އޮތި ކާމިޔާބު ދުވަސް ތަކެކެވެ. ދުނިޔޭގެ އެންމެ މަގްބޫލް އެއް ފޯން ކުންފުނި ކަމުގައިވާ އެޕަލް ކުންފުނިން މިދިޔަ ހަފްތާ ބޭއްވި ބޮޑު އިވެންޓުގައި ވަނީ ސުޕަ މާރިއޯގެ ފޭނުންނަށް ވަރަށް ވެސް އުފާވެރި ހަބަރެއް ދީފައެވެ. ސުޕަ މާރިޔޯ ރަންގެ ނަމުން މާރިޔޯގެ އޮރިޖިނަލް ގޭމެއް މުޅިން އަލަށް ފޯނަށް އަންނާނެ ކަމުގެ އުފާވެރި ހަބަރެވެ. އެގޮތުން މިގޭމްގެ ފުރަތަމަ އެޑިޝަން ވެގެންދާނީ އައިއޯއެސް ނުވަތަ އައިފޯނަށް ނެރޭ އެޑިޝަނަކަށެވެ. އަދި ދުރު ނޫން މުސްތަގްބަލެއްގައި މި ގޭމުގެ އެންޑްރޮއިޑް އެޑިޝަނެއް ނެރުމަށް ތައްޔާރީތައް ވަމުން އަންނަ ކަން ވެސް ވަނީ އިއުލާން ކޮށްފައެވެ. އެހެން ކަމުން މި ގޭމް ކުޅުމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިގެންދާނީ އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށެވެ.

މިގޭމުގެ ޑިވެލޮޕާ ކަމަށްވާ ޖަޕާނުގެ ނީޓެންޑޯ ކުންފުނީގެ އިސް އޮފިޝަލަކު އެ އިވެންޓުގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި އެ ގޭމް އާމުންނާ ހަމައަށް އަންނަވަރު ވާނީ މިއަހަރުގެ ނޮވެމްބަރުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ބުނީ މި ގޭމް މިހާރު ޑެވެލޮޕްކޮށް ނިމިފައިވާ ކަމަށާއި މިހާރު ޓެސްޓުކުރެވެމުން ދާކަމަށެވެ. މި ގޭމް އަކީ ހިލޭ ޑައުންލޯޑް ކުރެވޭނެ ގޭމެއްކަން ވެސް ވަނީ އެ އިވެންޓުގައި އިއުލާން ކޮށްފަ އެވެ.

މި ގޭމަށް ބަލާލާއިރު މި ގޭމް ވެގެންދާނީ އެއް އަތުން ކުޅެވޭނެ ފުރަތަމަ މާރިއޯ ގޭމަށެވެ. އަދި މިގޭމްގައި ގިނަ ލެވެލްތަކެއް ހިމެނިފައިވާކަމަށް އިއުލާން ކުރި ނަމަވެސް ސީދާ ކިތަށް ލެވެލް ކަމެއް އިއުލާން ކޮށްފައެއް ނުވެއެވެ. އަދި މި ގޭމްގެ ސައުންޑްޓްރެކް ވެގެންދާނީ މާރިއޯގެ ރަސްމީ ރާގަށެވެ. ގިނަ ލެވެލްތަކެއް އެކުލެވުނަސް މުޅި މިގޭމްގައި ހިމެނިފައިވާނީ ތިން މޯޑަކަށެވެ.

ފުރަތަމަ މޯޑަކީ ސްޓެންޑާޑް މޯޑެވެ. މި މޯޑަކީ ސިންގަލް ޕްލެޔާ މޯޑަކަށް ވާއިރު މި މޯޑްގައި ޖެހޭނީ ލެވެލްތަށް ނުވަތަ ވަކި ވަކި ކޯސްތަށް ފުރިހަމަ ކުރަންށެވެ. ދެވަނަ މޯޑަކީ މަލްޓިޕްލެޔާ މޯޑެވެ. މި މޯޑަކީ ނެޓްވާކް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ކުޅެވޭ މޯޑެކެވެ. މި މޯޑުގައި ޖެހޭނީ އެހެން ޕްލޭޔާއަކާ ވާދަކުރާށެވެ. ތިންވަނަ މޯޑަކީ އަމިއްލަ ކިންގްޑަމްއެއް އުފައްދޭ މޯޑެކެވެ. އެޕަލް އެޕްސްޓޯރު ގައި މިހާރުވެސް މި ގޭމްވަނީ ގޭމް ނޮޓިފައި ކުރެވޭ ގޮތަށް ފީޗާކުރެވިފަ އެވެ.

ސުޕަ މާރިއޯގެ ޑިވެލޮޕާ ކަމަށް ވާ ނީޓެންޑޯ މިވަނީ މިއަހަރު ތެރޭގައި އެމީހުންގެ ގޭމްތަކަށް ލޯބިކުރާ ފަރާތްތަކަށް ސަޕްރައިސް އަކަށް ފަހު ސަޕްރައިސް އެއް ގެނެސްދެމުންނެވެ. މީގެ ދެތިން ދުވަސް ކުރިން ނީޓެންޑޯއިންވަނީ ޕޮކޮމޮންގެ ގޭމެއް ކަމުގައިވާ ޕޮކޮމޮން ގޯ ވެސް ދުނިޔޭގެ ފޯންތަކަށް ނެރެފައެވެ. މި ގޭމަށް ވެސް ރިކޯޑް އަދަދަކަށް ފައިދާ ވަނީ ވެފައެވެ. މިގޭމް ވެގެންދިޔައީ ގިނަ ބަޔެއްގެ ޝައުގުވެރިކަން އެންމެ އަވަހަށް ދަމައިގަތް އެތް ގޭމަށެވެ. ނަމަވެސް މި ގޭމްގެ ވެސް ފޯރި މިވަނީ މިހާރު ކުޑަވެފައެވެ.

މިގޭމަށް މިހާރުވެސް ގިނަ ބަޔަކު ތިބީ ކެއްމަދުވެފަ އެވެ. އަބަދު ކަހަލަ ގޮތަކަށް އެޕްސްޓޯރގެ ސުޕަ މާރިއޯ ނޮޓިފިކޭޝަންގެ އިންތިޒާރުގައެވެ. ހަމަ އެއާއެކު އުފެދެނީ ސުވާލެކެވެ. އަނެއްކާ މިގޭމްގެ ކުޅިގަނޑުވެސް ދިގެދެމިގެންދާނީ ދުވަސްކޮޅަކަށް ބާވައެވެ؟