ލައިފްސްޓައިލް

ބައްޕަގެ މޫޑާއި ދަރިފުޅުގެ ހެދިބޮޑުވުމާ ގުޅުން އެބައޮތް!

Sep 15, 2016

ހެދިފައިވާ އެތައް ދިރާސާތަކަކުން ދައްކާ ގޮތުގައި ދަރިފުޅުގެ ހެދި ބޮޑުވުމަށް ބައްޕަގެ ލޯތްބާއި އަޅާލުން ވެސް މަންމަގެ ލޯތްބާއި އަޅާލުމާ އެއްވަރަށް ލިބެން ޖެހެ އެވެ. ނޫނީ މަންމައަށް ވުރެވެސް ބައްޕަގެ ލޯބި އިތުރަށް ލިބިގެން ޖެހެ އެވެ.

މިޝިގަން ސްޓޭޓް ޔުނިވާސިޓީއިން ވަނީ ބައްޕަގެ ލޯތްބަކީ ދަރިފުޅަކަށް ކިހާ މުހިންމު އެއްޗެއް ތޯ ބެލުމަށް ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާގެ ނަތީޖާގެ ނަތީޖާއިން އެނގުނީ ބައްޕަގެ ލޯތްބަކީ ދަރިފުޅަށް މުހިންމު އެއްޗެއްކަން އެކަންޏެއް ނޫނެވެ. ނަމަވެސް ބައްޕަގެ ސިކުނޑީގެ ހާލަތާއި މޫޑަކީ ދަރިފުޅަށް އޭގެ އަސަރުކުރާ ކަމެއް ކަމެވެ.

އެ ޔުނިވާސިޓީގެ ދިރާސާގައި 730 އާއިލާއެއް ވަނީ ބައިވެރިކޮށްފަ އެވެ. މި ދިރާސާގައި ބެލީ، ބައްޕައިންގެ ސްޓެސް ލެވެލާއި ޑިޕްރޭޝަން އަދި އެންޒައިޓީ ހުންނަ މިންވަރެވެ. ގިނައިން ޑިޕްރެޝްވާ ބައްޕައިން ދަރިފުޅާއެކު ހޭދަކުރާ ވަގުތާއި ދަރިފުޅަށް ދޭ ސަމާލުކަން ކުޑަ އެވެ. އޭގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑުވުމަށް އޭގެ އަސަރުކުރާ ކަމަށް ދިރާސާގެ ނަތީޖާގައި ބުނެފައިވެ އެވެ.

މި ދިރާސާގައި ބުނާ ގޮތުން ބައްޕައަކީ ޑިޕްރެޝްވާ އަދި އަވަހަށް މޫޑް ސަކަރާތްވާ މީހެއް ނަމަ އޭނާގެ ދަރިފުޅުގެ ސޯޝަލް ސިކްލްސްއަށް އޭގެ އަސަރުކުރެ އެވެ. އަދި ދަރިފުޅުގެ ވާހަކަ ދެއްކުމަށް ވެސް އެކަމުގެ އަސަރުކުރެ އެވެ.

ދިރާސާގައި މިގޮތަށް ދައްކާފައިވާއިރު، ދަރިފުޅު ރަނގަޅު ގޮތުގައި ބޮޑުކުރުމަށް އަމިއްލަ ނަފުސަށާއި ސިއްހަތަށް ސަމާލުކަން ދިނުމަށް ދިރާސާ ހެދި ޕްރޮފެޝަރުން ބައްޕައިންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ރަނގަޅު މޫޑެއްގައި ހުރުމަށް މިކަންކަމަށް އިސްކަންދީ!

ސްޓްރެސް ވާނެ ކަމަށް ގަބޫލުކުރުން:
ދަރިއަކު ބޮޑުކުރުމަކީ ބުރަ މަސައްކަތެކެވެ. ގިނަ ކަންކަމާ ވިސްނަންޖެހި، ސްޓްރެސްވެސް ވާ ކަމެކެވެ. އެހެންކަމުން އެކަން ކަމަށް ތިމާ ސަމާލުވެ، ސްޓްރެސްވާނެ ކަން ގަބޫލުކޮށްގެން ހުރުމަކީ މުހިންމު ކަމެކެވެ. އޭރަށް އެ ސްޓްރެސްގެ ސަބަބުން ތިމާގެ މޫޑް ގޯސްވުން ކުޑަކުރެވޭނެ އެވެ.

ސްޓްރެސްއިން ދުރަށް ދިޔުމަށް މަސައްކަތްކުރުން:
ސްޓްރެސްވާ ނަމަ އެކަމުން ދުރުވާން މަސައްކަތްކުރާށެވެ. ސްޓްރެސްވެ، ބޮޑު ޑިޕްރެޝަނަކަށް ތިމާ ވެއްޓިގެން ދިޔަ ނުދޭށެވެ. އޭގެ ބަދަލުގައި ސްޓްރެސްއިން ދުރުވާނެ ނުވަތަ ސްޓްރެސް ކުޑަ ކުރެވޭނެ ގޮތްތައް ދަސްކުރާށެވެ. ކުޅިވަރެއް ނުވަތަ ހޮބީއެއްގައި އިހުތިޔާރުކޮށް، އެކަމުގައި ވަގުތު ހޭދަކޮށްލާށެވެ. އޭރަށް ދަރިފުޅު ކައިރިއަށް ގެއަށްދާއިރު ގޯސް މޫޑެއްގައި ނުހުންނާނެ އެވެ.

ސީރިއަސް ނަމަ އެހީ ހޯދާ:
ބައެއް މީހުންނަކީ ޑިޕްރެޝަން ހުންނަ މީހުންނެވެ. އެއާ ދުރުވާން ކިތަންމެ މަސައްކަތްކުރި ނަމަވެސް ބައެއް މީހުންނަށް އެވަނީ އުދަނގޫ ކަމަކަށެވެ. މިފަދަ މީހުން ވެސް ދަރިންނަށްޓަކައި ނަމަވެސް ކަމާ ގުޅޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާށެވެ. ފަރުވާ ހޯދާށެވެ.