ސީރިޔާ

ރައްކާތެރިކަން ނެތުމުން ސީރިއާއަށް އެހީ ދެވޭނެ ގޮތެއް ނެތް

Sep 15, 2016

ސީރިއާގައި ހަނގުރާމަ މެދުކަނޑާލިތާ ހަތަރު ދުވަސް ވެފައިވީ ނަމަވެސް ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރޮކޮށް ނުދެވިފައިވާކަމަށް ސީރިއާގައި މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފި އެވެ. އެމެރިކާ އާއި ރަޝިއާގެ މަޝްވަރާތަކުން ހަނގުރާމަ މެދު ކަނޑައިލި ނަމަވެސް ބަޑީގެ އަޑު ކަނޑައިގެން ދިއުން ފިޔަވައިވީ ފައިދާއެއް ނެތް ކަމަށް ވެސް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

އދ. އިން ސީރިއަށް ގެންދާ އެހީގެ ޝިޕްމެންޓްތައް ވެސް ވެއްދުމުގައި ވަނީ ތާއްޓާ ކުރިމަތިވެފައެވެ. ސަލާމަތީ ކަންކަން އިތުރަށް ހަމަޖައްސަން ޖެހޭތީ އެއްވެސް ޖަމާއަތަކަށް މިހާތަނަށް ސީރިއާއަށް ވަދެވިފައެއް ނުވެ އެވެ. އެއްވެސް ފަރާތަކުން މިހާތަނަށް ރައްކާތެރިކަން އޮތް ކަމުގެ ޔަގީންކަން ދީފައެއް ނުވެއެވެ.

އދ. ގެ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ ތަރުޖަމާނު ޖެންސް ލެއާކް ވިދާޅުވީ ސޫރިއާއަށް ގެންދެވޭ އެހީގެ ހުއްޓެނީ ތުރުކީއާއި ހަމައިން ކަމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމާއެކު ތަކެތި ގެންދެވޭނެ ކަށަވަރު ވެގެން ނޫނީ އެ އެހީ ފޯރުކޮށް ނުދެވޭނެ ކަމަށެވެ. މިއަދު އެ ކަށަވަރުކަން ލިބިދާނެ ކަމުގެ އުންމީދުގައި ތިބި ކަމަށެވެ.