ވިޔަފާރި

މާދަމާއިން ފެށިގެން އައިފޯނު 7 އަށް ދިރާގުން ޕްރި އޯޑާ ނަގަނީ

Sep 15, 2016
1

އައިފޯން 7 އަދި އައިފޯން 7 ޕްލަސް އަށް މާދަމާއިން ފެށިގެން ޕްރި އޯޑާ ނަގަން ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ. ދިރާގުން ބުނީ މާދަމާ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯނަށް އޯޑާކުރެވޭނެ ކަމަށެވެ.

މާދަމާ އައިފޯނަށް ޕްރި އޯޑާކުރުމަށް ދިރާގުން ހުޅުވާލާއިރު އަދި އަގުތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޯނު އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އެހެން މައުލޫމާތުތައް މާދަމާ ދިރާގުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ދިރާގުން ބުނެ އެވެ.

އައިފޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރި އޯޑާކުރާ ތަރުތީބުން ކަމަށް ދިރާގުން ބުންޏެވެ.

މިމަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް އައިފޯން 7 އަދި އައިފޯން 7 ޕްލަސް ތައާރަފްކުރާނެ އެވެ. މި ފޯނު ރާއްޖެއަށް ތައާރަފްކުރަނީ އެޕަލްގެ ރީޖަނަލް ޑިސްޓިބުއުޓާ އެންޑް ސްޓޮކިސްޓް ކަމަށްވާ ސޮފްޓް ޓަޗް މޯލްޑިވްސްއިންނެވެ.

އައިފޯން އެންމެ ފުރަތަމަ ބާޒަރަށް ނެރެން ހަމަޖެހިފައިވަނީ މާދަމާ އެވެ. އެއަށްފަހު ދެވަނަ ލޯންޗިން އޮންނާނީ 23 ވަނަ ދުވަހު އެވެ.

ސޮފްޓް ޓަޗް މޯލްޑިވްސްއިން ވެސް ޕްރިއޯޑާ ނަގަން ފަށާފައިވާއިރު، ފޯނުގެ އަގުތައް ފެށެނީ 14500 ރުފިޔާއިންނެވެ.