ސިއްހަތު

ދުވާލު ގަދަޔަށް ނިދިއައުން ބައްޔެއްގެ އިންޒާރަކަށް ވެދާނެތަ؟

Sep 16, 2016
1

ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާއި ކެންސަރު ފަދަ ބަލި ތަކަކީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތަކުން ޖެހުމުގެ ޗާންސް ބޮޑު ބަލި ތަކެކެވެ. ކަސްރަތާއި ފައިދާހުރި ކާނާއާއި ދުރުހެލިވުމަކީ މިބާވަތުގެ ބަލިތަކަށް ދެވޭ ދައުވަތަކަށް ވާއިރު، ހަށިގަނޑުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ މަސައްކަތްތަކަށް ވަގުތު ހުސްކުރާ ގަވާއިދަކީވެސް މިކަމުގައި ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. ހާއްސަކޮށް ނިންޖަކީ މީހާގެ ސިކުނޑިއާއި ހަށިގަނޑުގެ އެތެރޭގެ ގިނަ ގުނަވަންތަކެއްގެ މަސައްކަތަށް މުހިއްމު ވަސީލަތެކެވެ. ނިންޖަކީ ލިބޭ މިންވަރު އެކަށީގެންވާ ވަރަށްވުރެ މަދަސް، ގިނަޔަށް އޭގެ ސަބަބުން ހަށިގަނޑުގެ އެކި މަސައްކަތްތަކުގެ ޓައިމްލައިނަށް އަސަރުކުރާ ވަރުގެ ބާރު ގަދަ ހަތިޔާރެކެވެ.

ރޭގަނޑު ގަޑީގައި މަދުން ނިދި އައުމާއި ދުވާލު ގަޑީގައި ކެތް ނުކުރެވޭހާ ގަދަޔަށް ނިދިއައިސްފައި ހުރުމަކީ ބައެއް ކަހަލަ ބަލިތަކަކަށް ހަށިގަނޑު ލެނބެމުންދާ ކަމުގެ އިންޒާރެއް ކަމަށް ދިރިއުޅުމުގެ ވައްޓަފާޅިގެ ސަބަބުން ޖެހޭ ބަލިތަކާއި ނިންޖާއި ހުރި ގުޅުން ދެނެގަތުމަށް ދިރާސާތަކެއް ކުރި ޖަޕާނުގެ ސިއްހީ ތަޖުރިބާކާރުންގެ ޓީމަކުން ވަނީ ހާމަކޮށްފަ އެވެ.

ތިން ލައްކައެއްހާ މީހުންގެ އާބާދީއެއް ހިމަނައިގެން ޖަޕާނުގެ ރިސާޗް ޓީމަކުން ކުރި ދިރާސާއިން ހާމަވެފައިވަނީ، އެ މީހުންގެ ތެރެއިން ދުވާލުގަޑީގައި ދެ ގަޑި އިރަށްވުރެ ގިނައިން ނިދާ މީހުންގެ އާބާދީގައި ގައިން ގަޔަށް ނާރާ ބަލިތައް ޖެހިފައިވާ މީހުން ހިމެނުނު ނިސްބަތް ދުވާލު ގަޑީގައި އެއް ގަޑި އިރަށް، ނުވަތަ އެއްގޮތަކަށް ވެސް ނުނިދާ މީހުންގެ ބަޔަށް ވުރެ އެތައް ގުނައެއް މަދުކަމެވެ. ހާއްސަކޮށް ދުވާލުގަޑީގައި ނިދާ މީހުންގެ ތެރޭގައި ޓައިޕް ޓޫ ޑައިބެޓީސް ޖެހިފައިވާ މީހުން، ނުވަތަ އެ ބައްޔަށް ސްކްރީންކޮށް ޕޮޒިޓިވް ވި މީހުން ގިނަ ކަމަށެވެ. އެ ނަތީޖާއާ ގުޅިގެން އެ ޓީމުން ބުނެފައިވަނީ، ދުވާލު ގަޑީގައި ނިދުމުގެ ސަބަބުން ހަކުރު ބަލި ފަދަ ބަލިތައް ޖެހޭކަން ޔަގީން ކަމާއެކު ބުނަން ނޭނގުނަސް އެގޮތަށް ބެލެވިދާނެ ޗާންސް އެބައޮތް ކަމަށެވެ.

ޗައިނާގެ ސިއްހީ މާހިރުންގެ ދިރާސާއާ ގުޅިގެން ޔޫކޭގެ ސިއްހީ ތަޖުރިބާކާރުންގެ ޓީމަކުން ބުނެފައިވަނީ، ލޭމައްޗަށްދާ މީހުންނާއި ހަކުރު ބަލިފަދަ ބަލިތައް ހުންނަ މީހުން ފާހަގަކުރެވެނީ ދުވާލު ގަޑީގައި އާދަޔާ ހިލާފަށް ވަރުބަލިވެ، އަރާމު ބޭނުންވާ ބައެއްގެ ގޮތުގައި ކަމަށެވެ.

"އެހެންވީމަ ދުވާލު ގާތްގަނޑަކަށް، މަދުވެގެން އެއް ގަޑި އިރަށްވުރެ ގިނަ އިރު ނިދުމަކީ ހަކުރު ބަލި ޖެހުމުގެ ޗާންސް 45 ޕަސެންޓަށް އިތުރުކޮށްދޭ ކަމެއް. ހަމަ އެއާއެކު ރަނގަޅަށް ނިދު ނުލިބުމަކީ ސްޓްރޯކްޖެހެން މެދުވެރިވާ ކަމެއް. އެހެންވީމަ ހިތުގެ ބަލިތަކާއި ހާއްސަ ގުޅުމެއް އޮންނަ ކަމެއް ވެސްމެ،" ހަށިގަނޑުގެ މެޓަބޮލިކް ރިއެކްޝަންއާ ބެހޭ ސައިންޓިސްޓެއް ކަމަށްވާ ޕްރޮފެސަރު ނަވީދް ސައްތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުވާލު ގަދަޔަށް ނިދާ މީހުންގެ ތެރޭގައި ހަކުރު ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރު ކަމަށެވެ. އެހެންކަމުން ދުވާލު މާބޮޑަށް ވަރުބަލި ވުމާއި ގިނަ އިރު ނިދޭގޮތް ވުމަކީ ހަކުރު ބަލި ފަދަ ބައްޔަކަށް ޓެސްޓު ކުރަންޖެހޭ ވަރުގެ އިންޒާރެއް ކަމަށް ނަވީދް ވިދާޅުވި އެވެ.

ރާއްޖެއަކީ ވަކި އުމުރުފުރައެއް ނެތި، އާބާދީގެ ނިސްބަތުން ހަކުރާއި ލޭމައްޗަށް ދިއުމާއި ކެންސަރު ފަދަ ބަލިތައް ގިނަ ގައުމެކެވެ. އެހެންކަމުން މިފަދަ އަލާމާތްތަކެއް ތިމާ ކިބައިން ފެންނަ ނަމަ ލަސްކުރުމެއްނެތި ޓެސްޓެއް ހައްދާލުމަކީ މުހިއްމު ކަމެކެވެ. ބަލި އެނދުގައި އޮތުމުގެ ކުރިން ބައްޔަށް ރައްކާތެރިވެ ހުރުމަށްވުރެ ބުއްދިވެރި ގޮތެއް ނޯންނާނެ އެވެ.