ހަބަރު

ރާއްޖެއަށް އައިފޯން 7 ގެ ޖެޓް ބްލެކް ނުލިބުނު!

ދިރާގު އަދި އުރީދޫއިން ރާއްޖެ ގެންނަ އައިފޯން 7 އަދި 7 ޕްލަސްގެ ފޯނުތަކުގެ ފުރަތަމަ ޝިޕްމަންޓުގައި ޖެޓް ބްލެކް ކުލައިގެ ފޯނެއް ނުހުންނާނެ ކަމަށް އެ ދެ ކުންފުނިން ބުނެފި އެވެ.

ދިރާގާއި އުރީދޫއިން މިހެން ބުނި އިރު އެޕަލްއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ 7 އަދި 7 ޕްލަސްގެ ޖެޓް ބްލެކް ކުލައަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިއެ ކުލަ އެއްކޮށް ވަނީ ހުސްވެފަ އެވެ.

"އަވަސް"އާ ވާހަކަދެއްކި ދިރާގު އަދި އުރީދޫގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ދެ ކުންފުނިން ވެސް ޕްރީ އޯޑާއަށް ހުޅުވާލާ ފުރަތަމަ ޝިޕްމަންޓުގައި ޖެޓް ބްލެކް ނުހިމެނޭނެ އެވެ. އެއީ އެމެރިކާއިން ޖެޓް ބްލެކް އެއްކޮށް ހުސްވެފައިވާތީ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

އައިފޯން 7 އަދި 7 ޕްލަސްގެ ފޯނުތައް އިއްޔެ މާކެޓަށް ނެރެފައިވާ އިރު، ދިރާގުން ވަނީ އިއްޔެ ރޭ 12:00 އިން ފެށިގެން ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އަދި ދިރާގު ޕްރީ އޯޑާއަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިފައެވެ. ނަމަވެސް އުރީދޫ އިން ޕްރީ އޯޑާ ހުޅުވާލާ ދުވަސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަައިފޯން 7 އަކީ މިހާރު ދުނިޔޭގެ އެންމެ ބާރުގަދަ ޗިޕް އެ ސްމާޓްފޯނެއްގައި ހިމެނޭ ފޯނެވެ. މި ފޯނުގައި ވަނީ އޭ 10 ގެ ފުޝަށް ޗިޕް އެވެ. އަދި އެއާ އެއްކޮށް މި ފޯނަކީ އައިފޯން 6 އަށް ވުރެ ދެގުނަ ފާސްޓް ފޯނެކެވެ. ހަމަ އެފަދައިން އެޕަލްއިން ވަނީ މި ފޯނާއި އެއްކޮށް މި ފޯނާބެހޭ ވަރަށް ތަފާތު އަދި ގިނަ ބަޔަކު އިންތިޒާރުކުރި ފީޗާއެއްވެސް މި ފޯނުގައި ހިމަނާފައެވެ. އެއީ މި ފޯނުގެ ބެޓަރީ ލައިފް އަށް ގެނެވުނު ބަދަލެވެ. މީގެ އިތުރުން އާ ހޯމް ބަޓަންއަކާއި ހާއްސަ ދެ ކެމެރާއެއް އިނދެއެވެ. މީގެ އިތުރުން އައިފޯން 7 މިފަހަރު އައީ ވަޔަ ލަސް ހެޑް ސެޓްއާ އެކީގައެވެ.