ޓެކްނޯލޮޖީ

ގޫގަލްއިން މުޅިން އާ ސްމާޓް މެސެޖިން އެޕްލިކޭޝަނެއް ނެރެނީ

ދުނިޔޭގެ މަގްބޫލް ސާޗިން އިންޖީން ކަމުގައިވާ ގޫގަލްއިން އަންނަނީ އަބަދުވެސް އެމީހުންގެ އަމިއްލަ އެޕްލިކޭޝަންތަށް ތައާރަފްކުރަމުންނެވެ. އެގޮތުން ގޫގަލް މެޕްސް، ޖީމެއްލް އަދި މީގެ ދުވަސް ތަކެއް ކުރިން ލޯންޗްކުރި ގޫގަލް ސްޓްރީޓް ވިއުއަކީ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަތް ބައެއް އެޕްލިކޭޝަންތަކެވެ. ގޫގްލްއިން މިހާރު މިވަނީ އަނެއްކާވެސް އެމީހުންގެ އަމިއްލަ އެޕްލިކޭޝަނެއް ލޯންޗްކުރަން ތައްޔާރުވެފައެވެ. އާ އެޕްލިކޭޝަން ނެރެން ނިންމާފައިވަނީ މާދަމާ އެވެ.

ގޫގަލް އަލޯ ގެ ނަމުން ނަންދެވިގެން ނެރޭ މި އެޕްލިކޭޝަނަކީ މޯބަލް މެސެޖިން ޕްލެޓްފޯމެކެވެ. މިއީ ގޫގަލްއިން ލޯންޗްކުރާ ތިންވަނަ މެސެޖިން އެޕްލިކޭޝަން ކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ގޫގަލްއިން ވަނީ ގޫގަލް ހޭންގްއައުޓްސްގެ ނަމުގައާއި ގޫގަލް ޑުއޯގެ ނަމުގައިވެސް މެސެޖިން ޕްލެޓްފޯމްތަކެއް ލޯންޗުކޮށް އޭގެ ހިދުމަތް ދެމުންނެވެ. މިއަހަރުގެ މޭ މަހު ގޫގަލް އިން ބޭއްވި ތިން ދުވަހުގެ ޑިވެލޮޕަރ ކޮންފަރެންސެއްގައި ގޫގަލް އިން ވަނީ އަލަށް ނެރޭ ގޫގަލް އަލޯ ނެރޭކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ގޫގަލްއިން މީގެ ކުރިން ނެރުނު މެސެޖިން ޕްލެޓްފޯމްތަކާއި ގޫގަލް އަލޯ އާ މާކަބޮޑު ތަފާތެއް ނެތެވެ. އެހެން ނަމަވެސް މި އެޕްލިކޭޝަން ވެގެންދާނީ ފޯން ނަންބަރު ބޭނުންކޮށްގެން ޗެޓްކޮށްލެވޭނެ އެޕްލިކޭޝަނަކަށެވެ. ކުރިން ގޫގަލްއިން ލޯންޗްކުރި އެޕްލިކޭޝަން ތަކަކީ ޖީމެއިލް ބޭނުންކޮށްގެން ބޭނުން ކުރެވޭ އެޕްލިކޭޝަންތަކެކެވެ.

އަލޯ ވެގެންދާނީ ގޫގަލް އެސިސްޓެންސް ފަންކްޝަނާއި އެއްކޮށް ގޫގަލް އިން ނެރޭ ސްމާޓް މެސެޖިން ޕްލެޓްފޯމަކަށެވެ. މި އެޕްގައި ހިމެނޭ އެންމެ މުހިންމު ފީޗާއަކީ ޓައިޕްކުރުމާ ނުލާ އެނެކާއަށް ރިޕްލައި ކޮށްލުމުގެ ސްމާޓް ފީޗާއެވެ. އެގޮތުން މިކަން ކުރުމަށްޓަކައި ގޫގަލްގެ މި އެޕުން ފުރަތަމަ ދެނެ ގަންނާނީ މީހާގެ ރިޕްލައި ކުރުމުގެ ސްޓައިލަށެވެ. އެއަށް ފަހު ޓައިޕްކުރުމަކާ ނުލާ ރިޕްލައި ސަޖެސްޓްކުރުމުން ރިޕްލައި ކޮށްލެވޭނެއެވެ. އެހެން މެސެޖިން އެޕްލިކޭޝަންތަކުގައި ވެސް މިހާރު އާމުކޮށް ހިމެނޭ ފީޗާތަށް މި އެޕްލިކޭޝަންގައިވެސް ހިމެނޭނެ ކަމަށް ގޫގަލް އިން ބުނެއެވެ. އެގޮތުން ސްޓިކާ އަދި ވީޑިއޯ އަދި ފޮޓޯ ފޮނުވާލެވޭނެއެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން އޯޑިއޯ އަދި ވީޑިއޯ ކޯލްވެސް ކޮށްލެވޭނެއެވެ. މިކަންކަން ކުރުމަށް ގޫގަލް އިން މީގެ ކުރިން ނެރުނު ދެ މެސެޖިން ޕްލެޓްފޯމް ބޭނުންކޮށްލެވެއެވެ. އެހެން ކަމުން ގޫގަލްއިން މިވަނީ ތިން ކަމަށް ތިން އެޕްލިކޭޝަން ފަރުމާކޮށްފައޭ ބުނެވިދާނެއެވެ. އަލަށް ނެރޭ އެޕްލިކޭޝަން ވެގެންދާނީ ސީދާ މެސެޖިންއަށް ހާއްސަކޮށް ގޫގަލް އިން ނެރޭ ފުރަތަމަ އެޕްލިކޭޝަނަށް ވާއިރު ގިނަ ބަޔަކު ބުނާގޮތުގައި ދެން ގޫގަލް އިން ޑެވެލޮޕްކުރާނީ ބޮޑަށް މި އެޕްލިކޭޝަނެވެ. މިއެޕްލިކޭޝަން އައިއޯއެސް އަށް އަދި އެންޑްރޮއިޑް އަށް ވެސް ނެރެން ވަނީ ހަމަޖެހިފައެވެ.

މެސެޖިންގ ޕްލެޓްފޯމް ތަކުގެ ތެރޭގައި މިހާރު އެންމެ ކުރީގައި އުޅެނީ ފޭސްބުކް މެސެންޖާ އަދި ވައިބާ އެވެ. ގޫގަލް އަލޯ ވެގެންދާނީ މި ޕްލެޓްފޯމަށް އަންނާނެ ޗެލެންޖިން އެޕްލިކޭޝަނެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.