ދުނިޔެ

އީރާންގެ މައްސަލާގައި އެމެރިކާ-އިޒްރޭލު ގުޅުން ގޯސްވަނީ

Feb 26, 2015
1

އީރާންގެ ނިއުކްލިއާ މަސައްކަތް ހުއްޓުވައި އެ ގައުމަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުމަށް ކުރާ މަސައްކަތް ދުނިޔޭގެ ބާރުތަކުން ހުއްޓާލަމުންދާ ކަމަށް ބުނެ އިޒްރޭލުން ކުރާ ތުހުމަތާ އެކު އެެމެރިކާ-އިޒްރޭލު ގުޅުމަށް އަސަރުކުރަން ފަށައިފި އެވެ.

އީރާންގެ ނިއުކްލިއާ މަސައްކަތް ވަރަށް ހަލުވިކޮށް، މަތީ ސްޓޭޖަކަށް ގޮސްފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވި ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ ނަތަންޔާހޫގެ އެ ލަފާކުރުމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

މި ހިލާފް ބޮޑުވެފައި ވަނިކޮށް އެމެރިކާގެ ރިބަޕްލިކަން އިން ކޮންގްރެސްގައި ތަގުރީރު ކުރެއްވުމަށް ނަތަންޔާހޫ އަށް ދައުވަތު ދެއްވުމާ އެކު ޑިމޮކްރޭޓުން ވަނީ އެކަމާ ރުޅި ގަދަވެފަ އެވެ. މިކަމާ ގުޅިގެން ވައިޓް ހައުސް އިން ބުނީ އެމެރިކާ އާއި އިޒްރޭލުގެ ގުޅުމަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ސިޔާސީ މައްސަލައަކަށް ވެގެން ދިއުމުގެ ފުރުސަތު މިފަދަ ކަންކަމުގެ ސަބަބުން އޮންނާނެ ކަމަށެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސޫޒަން ރައިސް ވިދާޅުވެފައި ވަނީ އަންނަ ހަފުތާގައި ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުފުޅަކީ ދެ ގަައުމުގެ ގުޅުމުގެ ފޭރާމަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށެވެ.

"އެމެރިކާ އިން ބޭނުންވަނީ ސަރުކާރު ހިންގަނީ ކޮންމެ ޕާޓީއަކުން ކަމަށް ވިޔަސް މި ގުޅުމާ މެދު ސުވާލެއް ނުއުފެދޭ ވަރު ވަރުގަދަ ގުޅުމެއްގެ ގޮތުގައި އޮންނަން،" ރައިސް ވިދާޅުވެފައިވެ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ނަަތަންޔާހޫ ވިދާޅުވެފައި ވަނީ ދުނިޔޭގެ ބާރުތަކުން ވަނީ އީރާނުން ނިއުކްލިއާ ގާބިލްކަން ލިބިގަތުމަށް ދޫކޮށްލާފައި ކަމަށާއި އެކަމަކު މިއީ އިޒްރޭލަށް ދެމި އޮވެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ހިސާބަށް ކަންތައް ދިއުން ކަމަށެވެ. އަދި މިފަދަ ކަމެއްގައި އެމެރިކާ އިން ކުރާ ކަންކަމާ ފާޑު ނުކިޔާ ނުތިބެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލުން ދެކޭ ގޮތުގައި އީރާނަކީ އިޒްރޭލަށް އޮތް އެންމެ ބޮޑު ބިރެވެ. އެހެންވެ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުމަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހުނަސް އެކަން ވެސް ކުރާނެ ކަމަށް ތަކުރާރުކޮށް އިންޒާރުދެ އެވެ.