ވިޔަފާރި

އިތާ ރެސްޓޯރެންޓަށް 10 އަހަރު: އަޖައިބު ކޮށްލައިފި

Feb 26, 2015
1

ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ހުވަފެނީ ދުނިޔޭގެ ގޮތުގައި ދެކޭ މަޝްހޫރު "އިތާ" ރެސްޓޯރެންޓު މޫދުގެ އަޑިއަށް "ފައްތާލިތާ" 10 އަހަރު ފުރިއްޖެ އެވެ.

ޓޫރިސްޓުންގެ ސަމާލުކަމާއި ލޯބި ލިބިފައިވާ މި ރެސްޓޯރެންޓު ހަދާފައިވަނީ މަޝްހޫރު ހޮޓެލް ޗެއިން ކޮންރެޑް ގްރޫޕުން ހިންގަމުން އަންނަ އދ. ރަންގަލި ރިސޯޓުގަ އެވެ.

ރަންގަލި ރިސޯޓުގެ ސާފު ބިއްލޫރި ކޮޅެއް ފަދަ ރީތި މޫދުގެ 16 ފޫޓު އަޑީގައި ހަރުކޮށްފައިވާ ބިއްލޫރި މި ރެސްޓޯރެންޓުގައި އެއް ފަހަރާ 14 މީހުންނަށް ފަސޭހަކަމާއެކު ތިބެގެން ނާސްތާ ކޮށްލެވޭނެ އެވެ. މިހާރު މި ރެސްޓޯރެންޓު ވެފައިވަނީ ފަސްތަރީގެ ކޮންރެޑް ރިސޯޓުން ދުނިޔެއަށް "ވިއްކާ" އެންމެ ބޮޑު ޖަވާހިރުގެ ގޮތުގަ އެވެ.

ސިންގަޕޫރުގައި އުފައްދާފައިވާ ހާއްސަ ބޯ ބިއްލޫރިއެއް ބޭނުންކޮށްގެން ހަދާފައިވާ މި ރެސްޓޯރެންޓު "ފައްތާލުމަށް" ރެސްޓޯރެންޓުގެ އަޑިއަށް 85 ޓަނުގެ ވެއްޔާއި އެތައް ޓަނެއްގެ ކޮންކްރީޓް އަޅާފައިވެ އެވެ. އިތާ ފަރުމާކޮށްފައިވަނީ ރެސްޓޯރެންޓުގައި ތިބޭއިރު ބިއްލޫރި ގަނޑުގެ މަތީގައި ބަނޑުޖަހާލައިގެން ތިބޭ މަސްތައް ފެންނަ ގޮތަށް 270 ޑިގްރީގެ ވިއުއަކާ އެކުގަ އެވެ.

އިތާ ރެސްޓޯރެންޓު ހިމެނޭ ސަރަހައްދަކީ ރޭގަނޑުގެ ވަގުތުތަކުގައި އަޖައިބު ކުރުވަނިވި އެތައް މަންޒަރުތަކެއް ފެނިގެންދާ ތަނެކެވެ. ރެސްޓޯރެންޓުގެ ކައިރިއަށް ކޮންމެ ރެއެއްގެ ވަކި ގަޑިއެއް ޖެހުމުން އަންނަ މެހުމާނުން ތިބެ އެވެ. ރެސްޓޯރެންޓުގައި ރޭގަނޑުގެ ނާސްތާ ނަގާ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ބިޔަ މަސްތައް އެ ސަރަހައްދަށް އާދެ އެވެ. ކޮންމެ ރެއަކު މި ތަނަށް ބޮޑެތި މިޔަރު ތަކާއި ބިޔަ މަޑިތައް އަދި ފަރުތޮޅި ފަދަ މަސްތައް ޒިޔާރަތް ކުރެ އެވެ.