ވިޔަފާރި

ދެ ޓެކުހެއް އޮންލައިންކޮށް ދެއްކުން ލާޒިމް ކޮށްފި

Sep 21, 2016
  • މީރާ ކަނެކްޓް މެދުވެރިކޮށް ފަސޭހަ ހިދުމަތްތަކެއް
  • ގިނަ ބަޔަކު ޓެކްސް ދެއްކުމަށް ކިޔޫގައި ތިބޭ
  • މީރާ ޑިޖިޓަލްވުމާއި ދިމާލަށް

ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ޖީއެސްޓީގެ ފައިސާ ދެއްކުމާއި އޮންލައިންކޮށް ބަޔާން ހުށަހެޅުން އަންނަ މަހުގެ އެކަކުން ފެށިގެން ލާޒިމް ކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައި، ޓެކްސް ރޫލިން އާއްމުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން "ޓެކްސް ނެގުމުގެ ގާނޫނު" ގެ އަށްވަނަ މާއްދާ އިން ބާރު ލިބިގެން ނެރެފައިވާ ރޫލިންގައިވާ ގޮތުން، ޓެކްސް ރޫލިން ނެރުމުގެ މަގުސަދަކީ ޖީއެސްޓީ ބަޔާން މީރާ އަށް ހުށަހެޅުމާއި ފައިސާ ދެއްކުން މީރާގެ އޮންލައިން ޕޯޓަލް، ކަނެކްޓް މެދުވެރިކޮށް ކުރުން ލާޒިމް ކުރުމެވެ.

"ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމް ކުރުމުގެ ތިންވަނަ ޕެރެގްރާފުގެ [ހ] އަދި [ށ] އެހެން ބަޔާން ކޮށްފައި އޮތްނަމަވެސް 1 އޮކްޓޫބަރުން ފެށިގެން ހުރިހާ ޓެކްސް ދައްކާ ފަރާތްތަކުން ވެސް ވިތުހޯލްޑިން ޓެކްސް ބަޔާން [މީރާ 301] ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާން [މީރާ 206] ހުށަހަޅަން ވާނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. އަދި އެއާގުޅާ ފައިސާ ދައްކަވަންވާނީ މީރާ ކަނެކްޓް މެދުވެރިކޮށް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށެވެ،" މީރާ އިން އާއްމުކުރި ޓެކްސް ރޫލިންގައިވެ އެވެ.

މީރާގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އެ އިދާރާ އަށް ނުގޮސް ކަނެކްޓް މެދުވެރިކޮށް ޓެކްސް ދެއްކުމަށް ބާރު އެޅުމަކީ މުހިންމު މަގުސަދެއް ކަމަށާއި، މިގޮތުން ބޮޑެތި ވިޔަފާރިތައް މިހާރު ވެސް އޮންލައިންކޮށް ފައިސާ ދައްކަމުންދާ ކަމަށެވެ.

"އޮންލައިންކޮށް ދެއްކޭނެ ގޮތް ހުރި ނަމަވެސް ގިނަ މީހުން މީރާގެ އޮފީހަށް އައިސް މިހާރު ވެސް ޓެކްސް ދައްކަނީ. ނަމަވެސް އޮންލައިންކޮށް ދައްކައި ބަޔާން ހުށަހެޅުމަކީ ކޮންމެ ވަގުތަކު ވެސް ކޮށްލެވޭނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

މީރާގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މީރާ ކަނެކްޓް މެދުވެރިކޮށް ޓެކްސް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން މިހާރުވެސް ކާމިޔާބު ކަމާއެކު "ގްރީންޓެކްސް" ގެ ފައިސާ ބަލައި ގަންނަނީ އޮންލައިން މެދުވެރިކޮށެވެ.