ވިޔަފާރި

މާލީ ދާއިރާއަށް ހޭލުންތެރި ކުރުވަން ސީއެމްޑީއޭ އާއި ޕީއެސްއެމް އެއްބަސްވެއްޖެ

Sep 21, 2016

ވިޔަފާރި އާއި މާލީ ދާއިރާ އަށް ހޭލުންތެރި ކުރުވަން ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީސްއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ނަސީރު އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔާން ޝާހިދު އެވެ.

ސޮއިކުރެއްވުމަށްފަހު، ސީއެމްޑީއޭގެ ސީއީއޯ ނަސީރު ވިދާޅުވީ މި އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށެވެ.

"މި އެގްރީމެންޓާ ހަމައަށް އާދެވުނީ ގިނަ ޕްލޭނިންތަކަށް ފަހު. މި އެއްބަސްވުމުގެ ދަށުން އަޅުގަނޑު ގަބޫލުކުރާނީ ސީއެމްޑީއޭ އާއި ޕީއެސްއެމްއިން ޕަބްލިކް ހޭލުންތެރި ކުރުވަން މަސައްކަތް ކުރެވިދާނެ ދާނެ ކަމަށް،" ނަސީރު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޑީއެމްޑީ ޝާޔަން ވިދާޅުވީ ކުރިން މާލީ ޕްރޮގްރާމްތަކެއް ގެނެސްދެވުނު ކަމަށާއި، ނަމަވެސް މެދުކެނޑު މަކަށްފަހު އަލުން ފެށިގެން މިދަނީ އިތުރު ކަންތައް ހިމަނައިގެން ކަމަށެވެ.

"މި ފަހަރު ހަމައެކަނި ޕްރޮގްރާމްތައް ގެނެސްދެނީ އެކަންޏެއް ނޫން. ނިއު މީޑިޔާއިން މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދޭނެ،" ޝާޔަން ވިދާޅުވި އެވެ.

ޕީއެސްއެމް އާއި ސީއެމްޑީއިން ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާއަށް ރައްޔިތުން ހޭލުންތެރިކުރުވަން ގިނަ ޕްރޮގްރާމްތަކެއް ގެނެސްދޭނެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިޔާ މެދުވެރިކޮށް މައުލޫމާތު ފެތުރުމާއި ނޫސްވެރިންނަށްވެސް ތަމްރީން ދޭނެ އެވެ. އަދި ވިޔަފާރީގެ މާހިރުން ހިމަނައިގެން ޕެނަލް ޑިސްކަޝަންތައް ވެސް ބާއްވާއިރު، ރާއްޖެ އަށް އަލަށް ތައާރަފުވެ، ފުޅާވަމުންދާ އިސްލާމިކް ފައިނޭންސްގެ ޕްރޮގްރާމްތައްވެސް ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ހުށަހަޅައި ދިނުމަށް ހަމަޖެހިފައިވެއެވެ.