ވިޔަފާރި

އިނގިރޭސިވިލާތުގެ އިންޓަކޮންޓިނެންޓަލްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ

Sep 21, 2016

އިނގިރޭސިވިލާތުގެ މަޝްހޫރު ހޮޓަލް ބްރޭންޑް އިންޓަކޮންޓިނެންޓަލް ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "ޓްރެވަލް ޑެއިލީ އޭޝިޔާ" ގައިވާ ގޮތުން އިނގިރޭސިވިލާތުގެ އިންޓަކޮންޓިނެންޓަލް އިން ރާއްޖޭގައި ހުޅުވަން މަސައްކަތް ކުރަމުންދަނީ ރ. މާމުނާ ގައުގައި ހިންގާ ރިސޯޓެވެ. މި ރިސޯޓު ތަރަައްގީކުރަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) ޖުންފުނިންނެވެ.

މާގުގައި ތަރައްގީ ކުރާ 83 ކޮޓަރީގެ ރިސޯޓު ހިންގުމުގެ އެއްބަސްވުމުގައި އިންޓަކޮންޓިނެންޓަލް ކުންފުންޏާއެކު އެޗްޕީއެލް އިން ވަނީ މިދިޔަ ހޯމަ ސޮއިކޮށްފަ އެވެ.

އިންޓަކޮންޓިނެންޓަލް އިން މާމުނާ ގައުގައި ހަދާ ރިސޯޓު ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރުދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ރިސޯޓުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އިންޓަކޮންޓިތެންޓަލްއިން އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާގެ އޮޕަރޭޝަންތައް ބަލަހައްޓާ ކުންފުނީގެ ސީއީއޯ ޖޭން ސްމިޓްސް ވިދާޅުވީ ރާއްޖެއަކީ ޓޫރިސްޓުން އެންމެ ބޮޑަށް ދާހިތްވާ އެއް ގައުމުކަމަށާއި، އެހެންކަމުން މި ބްރޭންޑް ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ އިންޓަކޮންޓިނެންޓަލް ކުންފުނިން ދުނިޔޭގެ އެކި ގައުމުތަކުގައި ގާތްގަނޑަކަށް 100 ރިސޯޓު ހިންގަމުންދެ އެވެ.